ސިއްޙަތު

ގާތުން ކިރުދޭ މައިން ބޯން އެންމެ ރަނގަޅު ބުއިން ތަކަކީ ކޮބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މައިމީހާ ގާތުން ކިރު ދޭ ދުވަސްވަރު ބޯ އެއްޗެހީގެ ސަބަބުން ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އެގޮތުން ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ތަކެތި ބޯނަމަ ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ކުރާ ކަމަށް ފަހުގެ ދިރާސާތަކުން ހާމަވެއެވެ. ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ތަކެތިން ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނަމަ ގާތުން ކިރުދޭ ދުވަސްވަރު ބޯންވީ ކޯޗެއްތޯ ހިތުގައި ސުވާލު އުފެދޭނެކަން ޔަގީނެވެ.

Ads by STELCO

ކިޔައިދޭން މިއުޅެނީ ގާތުން ކިރުދޭ ދުވަސްވަރު ބޯން މުހިންމު، ފައިދާހުރި 5 އެއްޗެކެވެ.

1- ފެން 

ފެނަކީ އިންސާނާގެ ދިރިހުރުމަށް ކޮންމެހެން ވެސް ބޭނުންވާ އެއްޗެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. އަދި ފެނަކީ ސިއްހަތަށް ނުހަނު ފައިދާ ކުރުވާ އެއްޗެއްކަން ވެސް ގިނަ ބަޔަކަށް އެނގޭނެއެވެ. ހަމަ މި ބީދައިން ފެނަކީ ގާތުން ކިރުދޭ މައިން ވެސް ބޯން ވަރަށް ރަނގަޅު އެއްޗެކެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އާންމު ގޮތެއްގައި ފެންބޯ ވަރަށްވުރެ ގިނައިން ގާތުން ކިރުދޭ ދުވަސްވަރު ފެން ބޯން ޖެހޭނެއެވެ. ހަށިގަނޑު ދުޅަހެޔޮކަން މަތީ ދެމެހެއްޓުމަށް ޓަކައި ދުވާލެއްގެ މައްޗަށް އާންމުކޮށް މަދުވެގެން 8 ތަށި ފެން ބޯން ޖެހޭކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ނަމަވެސް ގާތުން ކިރުދޭ ދުވަސްވަރުގައި 13 ތަށި ފެން ދުވާލެއްގެ މައްޗަށް ބުއިމަށް ޑޮކްޓަރުން ބާރު އަޅުއްވައެވެ.

2- ހާބަލް ޓީ

ހާބަލް ޓީ އަކީ އާންމު ދިރިއުޅުމުގައިވެސް ގިނަ ބަޔަކު ބޯހިތުން ބޯ ސަޔެކެވެ. ގިނަ ބަޔަކަށް ވަރަށް ކަމުދާ ބުއިމެވެ. އަދި ހަމަ އެހެންމެ މި ސަޔަކީ ހަށިގަނޑަށް އެތައް ގޮތަކުން ވަރަށް ފައިދާހުރި ސަޔެކެވެ. ހާބަލް ޓީ އަކީ ބޭހެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެހެންކަމުން ގާތުން ކިރުދޭ ދުވަސްވަރު ހާބަލް ޓީ ބުއިމަކީ އެދެވިގެންވާ ކަމެކެވެ.

3- އަލްމަންޑް މިލްކް 

އަލްމަންޑް މިލްކަކީ ވެސް އާންމު ދިރިއުޅުމުގައި ގިނަ ބަޔަކު ބޮއެ އުޅޭ އެއްޗެކެވެ. އަދި އެކި ކަހަލަ ބުއިންތައް ތައްޔާރު ކުރުމުގައި އަލްމަންޑް މިލްކް ބޭނުން ކުރެއެވެ. ގާތުން ކިރުދޭ ދުވަސްވަރުގައި ހަކުރު އަޅާފައި ހުންނަ އެކިކަހަލަ ކިރު ބޭނުން ކުރުމުގެ ބަދަލުގައި އެދެވިގެންވަނީ އަލްމަންޑް މިލްކް ބޭނުން ކުރުމަށެވެ. އަދި އަލްމަންޑް މިލްކަކީ އެކި ފްލޭވާ ތައް ހުންނަ ކިރެކެވެ.

4- ފްރުޓް ޖޫސް

އެކި ކަހަލަ މޭވާތަކުގައި ޖޫސް ގިރައިގެން ބުއިމަކީ ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ރާއްޖޭގައި ވެސް އެކި ކަހަލަ މޭވާ ތަކުގައި "ފަނި" ތައްޔާރު ކޮށްގެން ބޮއެ އުޅެއެވެ. އެހެން ނަމަވެސް އާންމު ދިރިއުޅުމުގައި މިގޮތަށް ޖޫސް ގިރާއިރު ހަކުރު އަޅައެވެ. ގާތުން ކިރުދޭ ދުވަސްވަރުގައި އެދެވިގެން ވަނީ ހަކުރު ނާޅާ މިފަދަ ޖޫސްތައް ވެސް ބުއިމަށެވެ.

5- ތަރުކާރީ ޖޫސް

ތަރުކާރީގައި ޖޫސް ތައްޔާރު ކުރުމަކީ ވެސް ގިނަ ބަޔަކު ކޮށްއުޅޭ ކަމެކެވެ. ތަރުކާރީ ޖޫސް ބުއިމަކީ ހަށިގަނޑަށް ވިޓަމިން ލިއްބައިދޭ ކަމެކެވެ. އެހެންކަމުން ތަރުކާރީ ޖޫހަކީ ގާތުން ކިރުދޭ ދުވަސްވަރު ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ.

ގާތުން ކިރުދޭ މައިން މިފަދަ ބުއިންތައް ބޭނުން ކުރުމަކީ މައިމީހާއަށް އަދި ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅަށްވެސް ފައިދާ ކުރުވާނެ ކަމެއް ކަން ޔަގީނެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!