ޚަބަރު

ފުރައްސާރަ ކުރީ އަޅުގަނޑެއް ނޫން، އެމީހުން! މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފިން: އަލްހާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ދިޔަރެސް" ނޫހުގެ ދެ ނޫސްވެރިއަކަށް ބިރުދައްކާ، ފުރައްސާރަކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް މާލެސިޓީ މޭޔަރު ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމާފައިވާ އަލްހާން ފަހުމީ ދޮގު ކުރައްވައިފިއެވެ.

Ads by STELCO

މިކަމާއި ގުޅޭގޮތުން އަލްހާން ރޭގައި ކުރި ޓްވީޓެއްގައި ވިދާޅުވީ، މަގުމަތިން ފެނިގެން ބިރުދައްކާ ފުރައްސާރަކުރީ އޭނާ ނޫން ކަމަށާއި ނޫސްވެރިޔާ އަހުމަދު އަޒާން އާއި އޭނާއާއެކު ދިޔަ މީހެއް ކަމަށެވެ.

ރޭ 20:42 ހާއިރު އަމީނީމަގު ހުޅަނގުން އިރަށް ސައިކަލެއްގައި ދަތުރުކުރަނިކޮށް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ގާތްގަނޑަކަށް ކައިރި ހިސާބަކުން ސައިކަލެއްގައި އައި ދެމީހެއްގެ ތެރެއިން އެކަކު "ބުރޯ" އޭ ކިޔާފައި ގޮވާލުމުން، އެސައިކަލު ފަހަތުގައި އިނީ އަޒާން ކަން އެނގުނު ކަމަށް މިކަމާއި ގުޅޭގޮތުން ނެރުނު ކުރު ނޯޓެއްގައި ވިދާޅުވެފައިވެއެވެ.

"އަޒާން އަކީ އަޅުގަނޑުގެ އާއިލީ ކުއްޖަކަށް ވެފައި އަދި ނޫސްވެރިއަކަށްވުމާއެކު މާސްކު އަޅައިގެން އިނަސް އެއީ ކާކުކަން އެނގުން." އަލްހާން ވިދާޅުވެފައިވެއެވެ.

އެވަގުތު އަޒާން އިން ސައިކަލު ދުއްވަން އިން މީހާ، އަލްހާން "އެވެނި މިވެނި ޓްވީޓެއްކޮށް" ތިމަންނާމެންގެ ފޮޓޯ ހަދާ ޓްވީޓު ކުރަނީ ކީއްވެގެންތޯ އަހާ، ހަޑިހުތުރު އެއްޗެހި ކިޔައި، ދިޔަރެސް ނޫހާއި "ގެޅެންޏާ ގެޅޭނަމޭ" އެމީހުން ބުނި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އެމީހުން އިންޒާރުދެމުން ދެމުން ދިޔައިރު ދެވަނަ ސައިކަލެއް އެމީހުންނާއެކީ (އަލްހާން އިން ސައިކަލުގެ އަރިމަތިން އަދި ކުރިމަތިން) އަމީނީމަގުން ދިޔަ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

"ރެހެންދި ފްލެޓު 1 އަށް އަޅުގަނޑު އިން ސައިކަލު މަޑުކުރުމުން ވެސް އެތަނަށް މި ދެ ސައިކަލު މަޑުކޮށް، އަޅުގަނޑު ފައިބާ ރެހެންދި ފްލެޓަށް ވަނުމުން ވެސް ނުގޮސް އިންޒާރުދީ ހެދުމުން އަޅުގަނޑުގެ ފޯނުން ފުލުހުންނަށް ގުޅިން." އަލްހާން ވިދާޅުވެފައިވެއެވެ.

އަލްހާން ވިދާޅުވީ، މިމައްސަލަ މިހާރު ވާނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.

ދިޔަރެސް ނޫހުގެ އަޒާން އަށާއި ނާހިލް އަހުމަދަށް އަލްހާން ބިރުދެއްކި ކަމަށް ބުނެ އަޒާން ވަނީ ރޭގެ ވަގުތެއްގައި ޓްވީޓުކޮށްފައެވެ. އަދި މިމައްސަލަ އިންސާފުވެރިކޮށް ބަލައި ދިނުމަށް ވެސް އެދިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!