އަލީ ވަހީދަށް ދައުވާ ކުރަން ފޮނުވައިފި
ޖިންސީ ގޯނާގެ މައްސަލައިގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ފުލުހުން ބުނެފައި ވަނީ އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައާ ގުޅިގެން ލިޔެކިޔުންތައް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާ ހިއްސާކޮށްފައިވާ ކަމަށެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް އިސްލާހުކޮށް، މިމަހުގެ ހަތް ވަނަ ދުވަހު ވަނީ މައްސަލައިގެ ލިޔެކިޔުންތައް ޕީޖީ އޮފީހަށް ފޮނުވާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރުމަށްފަހު އެތަނުގެ ބައެއް މުވައްޒަފުން އެމައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހަށާއި ޖެންޑާ މިނިސްޓްރީ އަށެވެ. މިމައްސަލަ ފެންމަތިވުމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ. ނަމަވެސް އެކަން ނުކުރެއްވުމުން ރައީސް ވަނީ އޭނާ އެމަގާމުން ވަކި ކުރައްވާފައެވެ.