ހަގީގީ ހާދިސާ ލައިފްސްޓައިލް

ޙަގީގީ ހާދިސާ: އަހަރެންގެ ކައިވެނި ރޫޅުނީ މައިދައިތަ ފެތުރި ދޮގު ވާހަކަތަކުގެ ސަބަބުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަރަށް ގިނަ ކައިވެނިތަކުގައި ދިމާވާ ކަމެކެވެ. ކައިވެންޏެއް ކޮށްގެން އުޅޭ ދެމަފިރިއެއްގެ ދެމެދަށް އެހެން މީހުންވަދެ، ގޮތް ކިޔާ، ނުރުހުން ފާޅުކޮށް ހަގީގަތާއި ޚިލާފު ވާހަކަ ދައްކާ، ދެމަފިރިންގެ ދެމެދު އެތައް މައްސަލަތަކެއް ޖެއްސުމެވެ.

Ads by STELCO

ގިނަ ފަހަރަށް މިފަދަ ކަންކަމާ ކުރިމަތި ވަނީ ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކެއްގެ އާއިލާ ކައިރީގައި ދިރިއުޅޭ ނަމައެވެ. އާއިލާގެ ފަރާތުން ކުރިމަތިވާ ހިޔާލު ތަފާތުވުމާއި، އެކަމުގެ ސަބަބުން ފެންމަތިވާ މައްސަލަތައް ވެސް އިންތިހާއަށް ގިނައެވެ.

މިއީ ވެސް އެފަދައިން މައްސަލަތަކެއް ކުރިމަތިވި ދިވެހި އަންހެނެއްގެ ވާހަކައެކެވެ. އޭނާ ދިރިއުޅުނީ އޭނާގެ ފިރިމީހާގެ ގޭގައި، ފިރިމީހާގެ އާއިލާ ގާތުގައެވެ. ނަން ހާމަ ނުކުރުމަށް އެދި އޭނާ ވަނީ އެވާހަކަތައް "ދެން" އާއި ހިއްސާ ކޮށްފައެވެ.

"ތެދަށް ބުނަންޏާ ފިރިމީހާގެ އާއިލާ މީހުން ކުރިންވެސް އަހަރެން ދެކެ ރުޅި އާދެއެވެ. އަހަންނަކީ ރާއްޖެތެރޭ މީހަކަށްވެފައި އެމީހުންނަކީ މާލޭ މީހުން ކަމަށްވާތީ ތިބެނީ ވަރަށް ބޮޑަށް ބޭފުޅު ވެފައެވެ. ފިރިމީހާ އަހަންނާއި ކައިވެނި ކުރީ ވެސް އެމީހުންގެ ނުރުހުމުގައެވެ.

ކައިވެނި ކޮށްގެން އަހަރެމެން އުޅުނީ އެގޭގައެވެ. ކުރިންވެސް ބުނި ފަދައިން އަހަންނަކީ ރާއްޖެތެރޭ މީހަކަށްވާތީ، އަހަންނާއި ދޭތެރޭ ކަންތައްކުރީ ވަރަށް ވެސް ނިކަމެތިކޮށެވެ. ގޭތެރޭގެ ގިނަ މަސައްކަތްތައް އަހަންނާއި އެކަނި ކުރަން ހަވާލު ކުރިއެވެ. އެއް މަސައްކަތް ނުނިމެނީސް އަނެއް މަސައްކަތް ހަވާލު ކުރިއެވެ.

ކައިވެނި ކޮށްގެން އަހަރެން އެގެއަށް ދިޔައީ ވެސް މަސައްކަތެއް ނުކޮށް ހުންނާކަށް ނޫނެވެ. ނަމަވެސް ގޭގައި ބޮޑެތި އަންހެން ކުދިން ތިއްބާ އަހަންނާއި އެކަނި ހުރިހާ ކަމެއް ކުރަން ހަވާލު ކުރުމުން އަހަރެން ވެސް ވަރަށް އެއްޗެހި ހިތަށް އެރިއެވެ.

އަހަރެންގެ ފިރިމީހާ އުޅުނީ ރިސޯޓެއްގައެވެ. އޮފް ޑޭ އަށް ގެއަށް އަންނަނީ ހަފްތާއަކު އެންމެ ދުވަހަކަށެވެ. އެދުވަހަކު އެގޭ މީހުން އަހަންނަށް ވަރަށް ހެޔޮކަން ފާހަގަ ވެއެވެ. ނަމަވެސް ފިރިމީހާ ނުހުންނަ ދުވަސްތަކުގައި ގިނަ ފަހަރަށް އަހަންނާއި އަނގައިން ބުނަނީ ވެސް ކޮންމެވެސް މަސައްކަތެއްް ހަވާލު ކުރަންވީމަ އެކަންޏެވެ.

ހަގީގަތުގައި އަަހަރެންގެ ފިރިމީހާ އަހަންނަށް ކުރިން ވަރަށް ރަނގަޅެވެ. އެހެންކަމުން ފިރިމީހާއާ އެއްކޮށް އުޅެން ބޭނުން ވެގެން ވެސް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އެގޭގައި އަހަންނާއިމެދު ކަންތައްވާ ގޮތުގެ އެއްވެސް ވާހަކައެއް އެއިރު އޭނަ ކައިރީގައި ނުވެސް ބުނަމެވެ. އަހަރެން ނިންމައިގެން ހުރީ ކެތްކުރާށެވެ.

ކަންތައްތައް އެއަށްވުރެ ގޯސްވީ އަހަރެން ބަލިވެއިން ފަހުންނެވެ.

ފުރަތަމަ ތިން މަހު އަހަރެން ގައިގަ އެހާ ބޮޑަށް ވަރެއް ނުހުރެއެވެ. އަބަދު ހޮޑު ލެވުމުގެ އިތުރުން ކެވެނީ ވެސް ވަރަށް މަދު އެއްޗެކެވެ. އަހަރެންގެ ފިރިމީހާ ކުރު ޗުއްޓީއެއް ނަގައިގެން އަހަރެން ގާތު ދެ ހަފްތާ ވަންދެން ހުއްޓެވެ. އަހަންނަށް އޭނަ އޯގާތެރިވިއެވެ. އެގޭ މީހުން އަހަންނާއި އެވަރަށް ވާހަކަ ނުދެެއްކި ކަމުގައިވިޔަސް އެއިރު އަހަންނާ ގޭތެރޭގެ މަސައްކަތް ކުރާކަށް ނުޖައްސައެވެ.

ފިރިމީހާ އަނެއްކާވެސް ރިސޯޓަށް އެނބުރި ދިޔައިރު އަހަރެންގެ ހާލު ކުރިއަށްވުރެ ރަނގަޅެވެ. އެއިރު ބަނޑަށް ތިން މަސް ވެއްޖެއެވެ. އޭނާ ދިޔަތާ މާގިނަ ދުވަހެއް ނުވެ އަހަރެންގެ މައިދައިތަ ބަލިވިއެވެ. އަބަދުވެސް ގައިގަ ރިއްސާ ކަމަށް ބުންޏެވެ. އެހެންކަމުން މަންމައަށް އަޅާލާ، ގޭ ތެރޭ ކަންކަން ވެސް ކޮށްލަދީ އުޅުނީމެވެ. ފިރިމީހާވެސް އެދުނީ އަރާމު ކުރަމުން ގޭތެރޭގެ ކަންކަމުގައި ވެސް އުޅުމަށެވެ.

އެހެން ނަމަވެސް އަހަންނަށް ކުރެވުނީ މަދު ފަހަރަކުއެވެ. ޝަކުވާއެއް ނުކުރަމެވެ. ނަމަވެސް އެދުވަސްކޮޅު ފިރިމީހާ އަހަންނާ އެހާ ވާހަކަ ނުދައްކާކަން ފާހަގަވިއެވެ. އޭނާ ގިނައިން ގުޅަނީ އޭނަގެ މަންމަ އަށެވެ. އެތައް އިރަކު ވާހަކަ ދައްކައެވެ. އަހަންނަށް ގުޅަނީ އަހަރެން ގުޅާފައި އޮތުމުން އެކަންޏެވެ. ގުޅީ ކީއްކުރަންތޯ އަހާފައި ފޯނު ބާއްވައެވެ.

ފިރިމީހާގެ އެޢަމަލުތަކުން އަހަރެން މާޔޫސް ވިއެވެ.
އަަހަރެން ނިންމީ އޭނާ އެނބުރި ގެއަަށް އަންނަ ދުވަހަކުން އެވާހަކަތައް ދައްކާށެވެ. އެގޮތުން އެރޭ، އޭނަ ގެއަށް އައުމަށްފަހު އެނދުގައި އޮށޯވެގެން އޮއްވާ އަހަރެން ސުވާލު ކުރީމެވެ. އަހަންނާއިމެދު އަޅާލުން ކުޑަވަނީ ކީއްވެތޯ، ކަމަކާއި ހިތްހަމަ ނުޖެހިފަތޯ ސުވާލު ކުރީމެވެ.

އަަހަރެންގެ ސުވާލަށް އޭނަ ވެސް ކުރީ ސުވާލެކެވެ. އޭނަ އެހީ އަހަރެން އޭނަގެ މަންމަ އާއިމެދު އަޅާލުން ކުޑަވަނީ ކީއްވެތޯއެވެ. އެސުވާލާއިމެދު އަހަރެން ވަރަށް ހައިރާންވިއެވެ. މަންމަ އަަށް އަޅާލަމޭ، މަންމަގެ ކަންތައްތައް ވެސް ބަލަހައްޓަމޭ ބުނުމުން އޭނަ ދެން އެހީ އަހަރެން މިބުނަނީ އޭނަގެ މަންމައަކީ ދޮގުވެރިއެކޭ ތޯއެވެ. އަހަންނަށް އެސުވާލަށް ޖަވާބު ދޭކަށް ނުކެރުނެވެ. އޭނަގެ މަންމަ ދޮގު ހެދިޔަސް، އެވާހަކަ ބުނަން ނުކެރުނީއެވެ. ތިމާމީހާގެ މަންމައަކީ ދޮގުވެރިއެކޭ އެހެން މީހަކު ބުނާ އަޑުއަހާކަށް އެއްވެސް ދަރިއަކަށް ކެތް ނުވާނެހެން ހީވެގެންނެވެ.

އެހެންކަމުން އަހަންނަށް އެއްވެސް އެއްޗެއް ނުބުނެ އިނދެވުނެވެ. އޭނާ ހީކުރީ އެއީ އޭނަގެ މަންމަ ތެދުހެދުމުން ކަމަށެވެ. ފިރިމީހާ ވަރަށް ނުރުހިގެން ހުރެ އަހަންނާ ދިމާލަށް އެއްޗެހިކިއެވެ. މަންމަ ބަލިއިރުވެސް އަހަރެން މަންމަ ލައްވާ މަސައްކަތް ކުރުވާކަން އެނގޭ ކަމަށާއި، އަހަރެން ބަލިވެ އިނީތީއޭ ކިޔާފަ އެކަން ބަހަނާއަކަށް ހަދާފަ އެއްވެސް މަސައްކަތެއް ނުކޮށް ރާނީ ހެދިފައި އިންނަ ކަމުގެ ތުހުމަތެވެ. އަދި އޭނަގެ މަންމަ ވެސް ފަސް ކުދިން ވިހި އިރު، ބަނޑުބޮޑު އިރުވެސް މަސައްކަތް ކުރިކަން ފާހަގަ ކުރިއެވެ.

ފިރިމީހާ އެކިޔަނީ އޭނަގެ މަންމަ އޭނަގެ ބޮލަށް އަޅާދީފައި ހުރި ބަސްތައްކަން އެވާހަކަތަކުން ވެސް އަހަންނަށް އެނގުނެވެ.
އަހަރެން ގަސްތުކުރީ ދެން އިތުރަށް ޒުވާބު ނުކުރާށެވެ. އެހެންވެ ސޮރީ އޭ ބުނެ ކަންތައް ރަނގަޅު ކުރާނެ ކަމަށް ވެސް ބުނީމެވެ.

އޭގެ ފަހުން ދެ މަސް ފާއިތުވިއެވެ. އަހަރެން ކުރިން އުޅުނުހެން ގޭތެރޭގައި ގެންގުޅޭ މީހެއްހެން ހުރިހާ ކަމެއް ކުރަމުން ދިޔައިމެވެ. ފިރިމީހާގެ ފަރާތުން އެއިރުވެސް ފެންނަމުން ދިޔައީ ދުރުކަމެވެ. އަހަންނާ ގިނަ ފަހަރަށް ވާހަކަވެސް ނުދައްކައެވެ. އަހަރެން ވަރަށް ބޮޑަށް އެކަމާއި ހިތާމަ ކުރީމެވެ.

ކެތްތެރިކަން ކޮޅުންލީ އެއް ރޭ ފިރިމީހާ އަންނަ ގަޑިއަށް މައިދައިތަ ބަދިގެއަށް ކައްކަން ވަތް ރެއަކު އެވެ. އެދުވަހު އަހަރެން ފެންވަރަން ވަތް ގަޑީގައި މަންމަ އުޅުނީ ބަދިގޭގައެވެ. އެވަގުތު ފިރިމީހާ ވެސް ގެއަށް ވަނުމުން، އެމަންޒަރު ފެނުމުން ވަރަށް ބޮޑަށް އަހަރެންދެކެ ރުޅިއައެވެ. އަދި އެންމެން ތެރޭގައި އަހަންނާއި ދިމާލަށް އެއްޗެހި ކިއެވެ. އެރޭ އަހަރެންވެސް މައިދައިތަ ދެކެ އައި ރުޅިންނާއެކު އަހަންނާއި ދޭތެރޭ އެމީހުން ކަންތައްކުރާ ގޮތުގެ ވާހަކަ ކިޔަން ފެށީމެވެ. ނަމަވެސް ފިރިމީހާ އަޑެއް ނޭހިއެވެ. އޭނަ ދުށީ އަހަރެން މަތިއަޅަން ހެދި ބަހަނާއެއް ކަމުގައެވެ. އަދި އޭނަގެ އާއިލާއާ ބެހޭގޮތުން އެކަހަލަ ވާހަކަތަކެއް ދެއްކީތީ އަހަރެން ވަރިކުރިއެވެ.

ވަރިކުރުމާއެކު އެމީހުން ބޭނުންވީ ހަމަ އެވަގުތުން ވަގުތަށް އަހަރެން އެގެއިން ނިކުންނާށެވެ. އަހަންނަށް ހީވީ ކުއްލިއަކަށް މުޅި ދުނިޔެ އެނބުރެން ފެށިހެންނެވެ. ވަރަށް ހިތްވަރުކޮށްފައި ރަށްޓެއްސަކަށް ގުޅާފައި، ރަށަށް ދެވެންދެން އެގޭގައި ހުރެވޭނެ ގޮތް ހަމަޖެއްސީމެވެ. އަދި ފިރިމީހާގެ މާލޭ ގަނޑުވަރުން ނިކުތީމެވެ.

އެކުވެރިންގެ އެދުމުގެ މަތިން އަހަރެން ރަށަށް ދާން ނިންމީ ވިހާ ގަދަވުމުންނެވެ. ހަގީގަތުގައި އަހަރެންގެ ތިބި މަދު އެކުވެރިންނާއި އެމީހުންގެ އާއިލާ ވެސް އަހަންނަށް ވަރަށް ރަނގަޅެވެ.

ކަންތައްތަކާއި ކުރިމަތިލުމުގެ ހިތްވަރު އަހަންނަށް ލިބުނީ ނަމާދު ކުރުމުންނާއި އެކުވެރިންގެ ފަރާތުންނެވެ. އަބަދު ރުއި ރުއިން ހިނިތުންވުމަށް ބަދަލު ކޮށްލީމެވެ.

ވިހެއިރު އެތަނަށް ކުއްޖާގެ ބައްޕަ ދިޔައެވެ. ފޫޅުމާ ފޯމުގައި ސޮއި ކުރިއެވެ. ނަމަވެސް އޭނަގެ މަންމައާއި ކޮއްކޮއެއް ދަރިފުޅު ދެކެން ހޮސްޕިޓަލަށް އައުމުން، އެމީހުން ދަރިފުޅާ ކައިރިވުން އަހަރެން މަނާ ކުރީމެވެ. އެއިރު ކުއްޖާގެ ބައްޕަވެސް އެތަނުގައި ހުއްޓެވެ. އޭނަ ހިތްހަމަ ނުޖެހުނަސް ހެޔޮ ކަމަށާއި، އަހަރެންގެ ދަރިފުޅު ބަނޑުގައި އޮތް އިރު ނުވި ލޯތްބަކާއި، ނުބެހެއްޓި އޯގާތެރިކަމެއް ދަރިފުޅު ދުނިޔެއަށް އައުމުން ދައްކާނެ ކަމެއް ނެތް ކަމުގައި ވެސް ބުނީމެވެ. އަނތްބެއްގެ ގޮތުގައި ހުރިއިރު އަހަރެންގެ އަނގަ ބަންދު ވެފައި ހުއްޓަސް، މައެއްގެ ގޮތުން އަހަރެންގެ ދަރިފުޅު ރައްކާތެރި ކުރާނެ ކަމަށް ވެސް ބުނީމެވެ. ފިރިމީހާއަށް ވެސް ދަރިފުޅާ ކައިރިވާން ހުއްދަ ދިނީ ކުއްޖާގެ ބައްޕައަށް ވެފައި، އެންމެ ތިން މަހަށް ވިޔަސް އޯގާތެރިވީތީ ކަމަށް ވެސް ދިމާލަށް ބުނީމެވެ.

އެމީހުން އެދުވަހު ދިޔައީ ވަރަށް ހިތްހަމަ ނުޖެހިގެން ތިބެއެވެ. ނަމަވެސް މައެއްގެ ގޮތުން އެއީ ބުނަން ޖެހޭ އެއްޗެހިކަމަށް ދެކި އަހަރެން ހިތްހަރު ކުރީމެވެ.

އެރޭ އަނެއްކާވެސް ދަރިފުޅުގެ ބައްޕަ ހޮސްޕިޓަލަށް އައެވެ. އޭނާހުރީ ވަރަށް މާޔޫސްވެފައިކަން އަހަންނަށް އެނގުނެވެ. އޭނައަށް ހުރިހާ ކަމެއްގެ ހަގީގަތް އެދުވަހު ގެއަށް ގޮސް އޭނަގެ ކޮއްކޮ ކިޔައިދިން ކަމަށް ބުންޏެވެ. އަހަންނާއި ދޭތެރޭ ކަންތައްކުރެވުނު ގޮތުން ލަދު ގަންނަކަމަށް ބުނެ މާފަށް ވެސް އެދުނެވެ.

ދަރިއަކަށް އެމީހެއްގެ މައިމީހާ މުހިންމުވާނެވަރު ވިސްނޭތީ އޭނައަށް މާފު ކުރީމެވެ. ނަމަވެސް އަލުން އޭނައާއި ކައިވެނި ކުރަން އެދުނު އެދުމަށް ފުރަގަސް ދިނީމެވެ. ފިރިއެއްގެ ގޮތުން އޭނަ އަހަންނަށް ދިން އިހާނެތިކަން ހަނދާނުން ފުހެލަން އުނދަގޫވީމައެވެ. ދަރިއެއްގެ ވާޖިބު އޭނައަށް އަދާކުރެވުނަސް ފިރިއެއްގެ ވާޖިބު އަދާ ނުކުރެވުނީމައެވެ.

އަހަންނަކީ އަދިވެސް އެކަނިވެރިމައެކެވެ. ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރަން އުނދަގޫ ކަމަކަށް ވެސް ނުވެއެވެ."

  1. އޭނަ.

    މިކުއްޖާ އާއި ބައްދަލު ކޮއްދީބަލަ

  2. ެަމަރީ

    މި އާރޓިކަލް ކިޔަމުން ދިޔައިރު ހީވީ އަހަރެންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ލިޔެފައޮތް އާރޓިކަލްއެއްހެން. އެހާވެސް ގުޅޭ. ކީއްކުރާނީ މާލޭ މީހުންގެ ހިތްފޮނިވެފަ އިއްޒަތްތެރިވީމަ ބޭނުންހާ ގޮތެެއް ހަދާލަނީ.

    • މާލެ

      މާލޭ އެންމެން އެއްގޮތެއް ނުވާނެ. ރާއްޖެތެރޭވެސް އުޅޭ ހިތްފޮނި އިއްޒަތްތެރި މީހުން.

  3. އަޒޫ

    މިހާރު މާލޭ މީހަކަސް ރާއްޖެތެރޭގެ މީހަކަސް ތި ރަގަޅު މައިދައިތަ އެއް ނޫ ޅޭ މުޅި ދުނިޔެ ބަދަލުވިޔަސް މައިދައިތަޔަކު ބަދަލެއް ނުވާނެ .