ދީން

މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. އިސްލާމްދީނުގައި އަޅުގަނޑުމެން އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ވަރަށްް ފުރިހަމަ އަށް އަންގަވައިދެއްވާފައި ވެއެވެ. އަޅުގަނޑުމެންގެ ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް، އަޅުގަނޑުމެންނަށް ރިވެތި އަޚްލާގް އުނގަންނައިދެއްވިއެވެ. އެގޮތުން މަގުމަތީގެ އަދަބުތައްވެސް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވެއެވެ. ނަމަވެސް ސުވާލަކީ އެ އަދަބުތަކަަށް އަޅުގަނޑުމެން އަމަލު ކުރަން ހެއްޔެވެ؟

Ads by STELCO

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވަނީ "މަގުމަތީގެ އަދަބުތައް" މި މައުޟޫއުގެ މައްޗަށެވެ. އެގޮތުން، މަގުމައްޗަށް ނުކުމެ އުޅޭއިރު މީސްތަކުން ވަނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅި ލާމެހިގެން ކަމަށާއި އެހެންކަމުން ހިނގާ މަގުތަކަށްވެސް ހައްގު ކަނޑައެޅިގެންވާ ކަމަަށް ހުތުބާގައި ބުނެފައިވެއެވެ. އެ ހައްގުތައް ރައްކާތެރި ކުރެވޭނީ މީސްތަކުންގެ އަމަލުތައް ހުންނަ ގޮތަކުން ކަމަށާއި މަގުމަތީގެ އަދަބުތަކަށް ރައްކާތެރިވުމަކީ މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާ ވެެގެން ދާ ކަމެއް ކަމަށްވެސް ހުތުބާގައި ފާހަގަ ކުރިއެވެ.

މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ، ހުއްދަވެގެންވާ ކަމެއް ނޫންކަމަކަށާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީސްތަކުންގެ ގޭތެރެބަލައި އެތަންތަނުގައި ހުރީ ކޮން އެއްޗެއްތޯ އާއި އުޅެނީ ކޮންބައެއްތޯ ބެލުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ބެލުންތައް ތިރި ކުރުމަށް ވެސް ކީރިތި ގުރުއާނުގައި އަންގަވާފައިވާ ކަމަށް ހުތުބާގައި އިތުރަށް ފާހަގަ ކޮށްފައިވެއެވެެ.

"މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހާ ކަންތައްތަކުން ދުރުހެލިވުން ހިމެނެއެވެ. އެއީ ބުނާ ބަހަކުން ކަމުގައި ވިޔަސް، ކުރާ އިޝާރާތަކުން، ނުވަތަ ބަލާ ބެލުމަކުން ކަމުގައި ވިޔަސްމެއެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.

މަގުމަތީގާ ދުއްވާ ތަކެތިން މީހުންނަށް އުނދަގޫވާ ގޮތަށް އަަމަލު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ، އެގޮތުން ވިއްސާރަ ދުވަސްދުވަހު މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ފެން ބުރައިގެންދާ ގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްުވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުމާއި ސިގްނަލް ނުދީ ގަވައިދާ ހިލާފަށް ވާއަތް ފަރާތުން ކުރިއަރައިގެން ދިއުމާއި ބާރަށް ބަރުގޮނު އެޅުމާއި ސައިލެންސަރުގެ އަޑު ގަދަވާ ގޮތަށް ހަދައިގެން ދުއްވުން ފަދަ ކަންތައްތައް ހިމެނޭ ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ.

މަގުމަތިން ކުނިބުނި ނެގުމަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއް ކަމުގައި ހުތުބާގައި ފާހަގަ ކުރިއެވެ. އަދި ގޭގެ އިމާރާތާއި ގުޅިގެން މަގުމައްޗަށް ވާ ގޮތަށް އަށިގަނޑު ހެދުމާއި މަގުމައްޗަށް ފެން ފައިބާ ގޮތަށް ގޭގެ ފުރާޅު ބެހެއްޓުމާއި ގަސްގަހާގެހި ކެނޑުމާއި، ލަކުޑިއާއި، ކާބޯތަކެތި މަގުމަތީގައި ބެހެއްޓުން މަގުމަތީގެ އަދަބާ ޚިލާފް ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ.

މަގުމަތީގެ އަދަބުތަކުގެ ތެރެއިން ގިނަގުނަ ކަންތައްތަކެއް މިއަދުގެ ހުތުބާގައި ފާހަގަ ކުރިއެވެ. މަގުމަތީގައި މީހުންނަށް އުނދަގޫކޮށް، ފޮށި ހަދާ އުޅޭ ޒުވާނުން މިކަންކަމާމެދު ވިސްނާލުމަކީ މުހިއްމުކަމެއްކަން ޔަގީނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!