ޚަބަރު

ޕީޕީއެމް އިން "ސްޕޯޓްސް ކެފޭ"އެއް ހުޅުވަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން "ސްޕޯޓްސް ކެފޭ" އެއް ހުޅުވުމަށް ނިންމައިފިއެވެ.

Ads by MWSC

ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާ މި ކެފޭ ހުޅުވާކަން ހާމަކޮށްފައި ވަނީ އިއްޔެ އެ ޕާޓީގެ ލޯޔަލިޓީ ކާޑް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު މިކަން ހާމަކުރައްވައި ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގުމުގައި ޒަމާނީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ރައީސް ޔާމީން ވެސް މަސައްކަތް ކުރައްވަނީ އެ ބަދަލުތައް ގެނައުމަށް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކުގައި ހިންގަމުންދާ ސިޔާސީ ޕާޓީތަކުން ގެންނަމުންދާ ހެޔޮ ބަދަލުތައް ޕީޕީއެމަށް އަންނަމުން ދާނެ ކަމުގައި ސައީދު ވިދާޅުވިއެވެ.

އެގޮތުން މި ބަދަލުތަކުގެ ތެރެއިން ޒުވާނުންގެ ވިސްނުމާ އެއްގޮތަށް، ޒުވާނުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ސްޕޯޓްސް ކެފޭ އެއް ވަރަށް އަވަހަށް އެ ޕާޓީ އިން ހުޅުވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޕީޕީއެމް ޕްރޮމޯޓް ކުރުމަށް ޕީޕީއެމްގެ ލޯގޯ ހިމެނޭ މާސްކާއި ޓީޝާޓް އަދި ޕީޕީއެމްގެ ވެރިކަމުގައި ހިންގާފައިވާ މުހިންމު މަޝްރޫއުތައް ރަމްޒުކޮށްދޭ ގޮތަށް ބައެއް އުފެއްދުންތައް ގެންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!