ޚަބަރު

އަނަސްގެ މަރު: ދައުވާ ލިބޭ އެކަކު ޝަކުވާ ކުރީ އޭނައަަަށް ބޭސް ފަރުވާ ނުލިބިގެން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީގެ ތިން އަހަރު ކުރިން މާލޭގެ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ރ.މީދޫ/ ފެންފިޔާޒްގޭ މުޙައްމަދު އަނަސް ގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށްފަހު މިއަދު ބާއްވައިފިއެވެ.

Ads by STELCO

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އޭޑީކޭ ހޮސްޕިޓަލުގެ ޑރ. އިބްރާހިމް މޫމިން ވިދާޅުވީ، އަނަސް ގެ ހަށިގަނޑުގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށެވެ.

ގްރޫޕަކުން އަނަސް އަށް ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގައެވެ. އެމައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ ކޮށްފައެވެ.

އެމީހުންގެ ތެރެއިން ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒާއި، ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި މިމައްސަލައިގައި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، މ. ދިމިޝްގު އުސްމާން ޝަރީފްގެ އިތުރުން ޅ. ކުރެންދޫ އަސަރުމާގެ އަހްމަދު ޒަޔާނުގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ޑރ. މޫމިން ވިދާޅުވީ އަނަސް އަށް ފަރުވާދޭން މަސައްކަތް ކުރިއިރު އެމެޖެންސީ ރޫމުގައި ތިބި ނަރުހުންނާއި އެހެން ޑޮކްޓަރުން ވެސް އެޓެންޑުކޮށްފައިވާ ކަމަށާއި ނަމަވެސް އޭރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ވެސް އަދި ހަށިގަނޑުގައި ވިންދެއް ވެސް ނެތް ކަމަަށެވެ.

މީގެ އިތުރުން އަނަސްގެ ކަރާއި މޭ މައްޗަށް ފުން ޒަހަމްތަކެއް ދީފައިވާ ކަމަށާއި 24 ތަނަކަށް ހަމަލާ ދީފައި ހުރުމުގެ ސަބަބުން ހަށިގަނޑުން ލޭ ހުސްވެ، ފުއްޕާމެއަށް ވެސް އަސަރު ކުރި ކަމަށް ޑރ. މޫމިން ފާހަގަ ކުރެއްވިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ހަތް ފަރާތުގެ ތެރެއިން ޖުނައިޙް އަބްދުﷲ މިއަދު ވަނީ، އޭނާއަށް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. މީގެ ކުރީގެ އަޑުއެހުމެއްގައި ވެސް، އޭނަ ވަނީ ލޯ ފުސްވާ ކަމުގެ ޝަކުވާތަކެއް ކޮށްފައެވެ.

މިއަދުގެ އަޑުއެހުން ގަަޒީ މުޙައްމަދު ސަމީރު ނިންމަވާ ލައްވަމުން ދައުލަތަށް އެންގެވީ ޖުނައިޙް އަަށް ބޭސް ފަރުވާގެ ފުރުސަތު ދިނުމަށެވެ. މިމައްސަލައިގެ އިތުރު އަޑުއެހުމެއް ނޮވެމްބަރު 5 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ގާޒީ ނިންމެވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!