ޚަބަރު

އުރަމަތީގެ ކެންސަރު: ދެނެގަންނާނީ ކިހިނެއް؟

އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ އޮވެއެވެ. އުރަމަތީގެ ކެންސަރަކީ އަންހެނުންނަށްޖެހޭ އެންމެ އާންމު ކެންސަރެވެ. އުރަމަތި އުފެދިފައިވަނީ މިލިޔަނަށްވުރެ ގިނަ ސެލް ތަކަކުންނެވެ. ހަށިގަނޑުގައިވާ ހުރިހާ ސެލްތަކެއް ވެސް މަސައްކަތް ކުރަމުންދަނީ ވަކި ހަމަތަކެއްގެ މަތިންނެވެ. މިގޮތުން ހަށިގަނޑުގައިވާ ސެލްތައް އެއްވެސް ކޮންޓްރޯލެއްނެތި އިތުރުވާ އިތުރުވުމަށް "ކެންސަރޭ" ކިޔައެވެ. އުރަމަތީގައި ވެސް މިފަދަ ގޮތަކަށް އެއްވެސް ކޮންޓްރޯލެއްނެތި އުރަމަތީގެ ސެލްތައް އިތުރުވާ އިތުރުވުމަކީ "އުރަމަތީގެ ކެންސަރު" އެވެ. މިގޮތަށް ބަދަލުވާ ސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދަތުރުކޮށް ބަލި މުޅި ހަށިގަނޑަށް ފަތުރައެވެ.

އުރަމަތި އެކުލެވިފައިވަނީ "ފެޓީ ޓިޝޫ"، އާއި "ލޮބިއުލްސް" ތަކުންނެވެ. އަދި މިބައިތައް "ޑަކްޓް" ތަކަކުން ގުޅިފައިވަނީ އުރަމަތީގެ ވައްގަނޑާއެވެ. އާންމު ގޮތެއްގައި އުރަމަތީގެ ކެންސަރު ފުރަތަމަ އަށަގަންނަނީ ލޮބިއުލް ނުވަތަ ޑަކްޓް ތަކުގައެވެ. އުރަމައްޗަކީ އެގުނަވަނެއްގެ ތެރޭގައި މަސްހުންނަ ގުނަވަނެއް ނޫނެވެ. ނަމަވެސް އުރަމަތީގެ ބޭރުން މޭކަށިގަނޑާ ވީ ފަރާތުގައި ކޮންމެވެސް ވަރަކަށް މަސް ހުރެއެވެ.

މައިގަނޑު ގޮތެއްގައި އުރަމަތީގައި އެކުލެވިފައިވަނީ ލިމްފް ދަތުރުކުރާ ހޮޅިތަކާއި، ލޭދަތުރުކުރާ ހޮޅިތަކެވެ. އުރަމަތީގައިވާ ލިމްފް ދަތުރުކުރާ ގިނަ ހޮޅިތައް ގުޅިފައިވަނީ ކިހިލި ފަތްދޮށާއި، މެޔާއި، ކޮނޑު ކަށިގަނޑުގެ މަތީގައިވާ ލިމްފް ގްލޭންޑްތަކާ އެވެ. ނަމަވެސް މީގެތެރެއިން ބައެއް ހޮޅިތައް ހަށިގަނޑުގެ އެހެން ހިސާބުތަކުގައިވާ ލިމްފް ގްލޭންޑްތަކާ ވެސް ގުޅިފައި ވެއެވެ. އުރަމަތީގެ ކެންސަރު ކިރު ދަތުރުކުރާ ހޮޅިތަކަށާއި، ކިރު އުފައްދައިދޭ ގޮބު ނުވަތަ ލޯބްތަކަށް ޖެހެއެވެ. ކިރުދަތުރުކުރާ ހޮޅިތަކަށް ކެންސަރު ޖެހުމަށް ކިޔަނީ "ޑަކްޓައިލް ކާސިނޯމާ"އެވެ. ކިރު އުފައްދައިދޭ ލޯބުތަކަށް ކެންސަރު ޖެހުމަށް ކިޔަނީ "ލޮބިޔުލަރ ކާސިނޯމާ" އެވެ. އުރަމައްޗަށް ކެންސަރު ޖެހި އެކަމުގެ އަސަރު ބޭރަށް އެނގޭ ހިސާބަށް ދާއިރު ގިނަފަހަރަށް ހުންނަނީ ކިހިލިފަތުގައި ހުންނަ، ލިމްފް ގޮށްތަކަށް ކެންސަރު ސެލްތައް ދަތުރުކޮށްފައެވެ. އެހެންކަމުން މިގޮތަށް ކިހިލިފަތުގައިވާ ލިމްފް ގޮށްތަކުން ކެންސަރު ސެލް ފެނިއްޖެނަމަ އެއީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ކެންސަރ ސެލް ދަތުރުކޮށްފައިވާ ކަމުގެ ހެއްކެކެވެ. ކެންސަރ ސެލް މިގޮތަށް ދަތުރުކޮށްފައި ހުންނަ އެންމެ އާންމު ތަންތަނަކީ ކަށި، ފުރަމޭ، ފުއްޕާމޭ، އެވެ. މިއީ ހަށިގަނޑުގެ އެންމެ ގިނައިން ލޭދައުރުވާ ގުނަވަންތަކެވެ.

އުރަމަތީގެ ކެންސަރަކީ ކެންސަރުގެ ވަރަށް އާންމު ވައްތަރެކެވެ. އަންހެނުންގެ އުމުރުން ދުވަސްވުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. އަދި ހަމައެފަދައިން އުމުރުން 30 އަހަރުނުވާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑައެވެ. އުރަމައްޗަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވެ، އަމިއްލައަށް އުރަމަތި ބަލާ ފާސްކުރާނެގޮތް ދަސްކޮށް، އަމިއްލައަށް ބަލާ ފާސްކުރުމަކީ އަވަހަށް ބަލިދެނެގަތުމަށް ކުރެވޭނެ ކަމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބަލީގެ ކުރީކޮޅު ބަލި ފާހަގަކުރެވިއްޖެނަމަ %90 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ.

އުރަމަތީގެ ކެންސަރު ހުރިތޯ ޗެކުކުރައްވާނެ ގޮތްތައް:

1- ވަރަށް ފަސޭހައިން އަމިއްލައަށް ހަދާލެވޭ ޗެކަޕެއް (އަމިއްލައަށް އުރަމަތި ޗެކުކުރުން) މަހަކު އެއްފަހަރު ހެދުން

2- އުމުރުން 45 އަހަރުން މަތީގެ ކޮންމެ މީހަކު އަހަރަކު އެއްފަހަރު މެމޮގްރާމް (އުރަމަތީގެ ސްކޭން) ހެދުން 3- އުމުރުން 20 އަހަރުން ފެށިގެން ކޮންމެ 3 އަހަރުން އެއްފަހަރު ޑޮކްޓަރަށް ގޮސް އުރަމަތީގެ ޗެކަޕެއް ހެދުން، އަދި އުމުރުން 40 އަހަރުވުމުން ކޮންމެ އަހަރަކު އެއްފަހަރު އުރަމަތީގެ ޗެކަޕެއް ހެދުން

އުރަމަތީގެ ކެންސަރު ދެނެގަތުމަށްޓަކައި ގަވާއިދުން ޗެކަޕްހެދުމަކީ މުހިއްމު ކަމެކެވެ. ޗެކަޕް ހެދުން ފަސްކުރުމާއި، ޗެކަޕް ނަހަދައި ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އުރަމަތީގެ ކެންސަރަކީ ކޮންމެ އަންހެނަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އެކަމަކު މިބަލީގެ ކުރީކޮޅު އެނގިއްޖެނަމަ ރަނގަޅު ކުރެވިދާނެ ބައްޔެކެވެ. އުރަމަތީގެ ކެންސަރު ޖެހުމުގެ ކުރީކޮޅު އެނގިއްޖެނަމަ، އަވަހަށް ފަރުވާލިބުމުން ރަނގަޅުވާ މިންވަރު %90 އިތުރުވެއެވެ. އުރަމަތީގެ ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތައް އުރަމަތީގެ ކެންސަރު އާންމު ގޮތެއްގައި ޖެހެނީ އަންހެނުންނަށެވެ. މަދުން ނަމަވެސް ފިރިހެނުންނަށް ވެސް މިކެންސަރު ޖެހެއެވެ. އުރަމަތީގެ ކެންސަރުގެ ފުރަތަމަ އަލާމާތަކީ އުރަމަތީގައި ގަނޑުލާފައި ހުރެ ތަދުނުވުމެވެ. އުރަމަތީގައި ލާ ކޮންމެ ގަނޑަކީ ކެންސަރަށް ނުވެ ހިގައިދާނެއެވެ. ނުވަތަ ކޮންމެ ގަނޑަކީ ކެންސަރަށްވެދާނެ އެއްޗެއް ނޫނެވެ. އެހެންކަމުން ގަނޑެއް ލައިފިނަމަ ޑޮކްޓަރަށް ދައްކައި، ލަފަޔާ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެކެވެ.

ތިރީގައި މިވަނީ އާންމު ގޮތެއްގައި ކެންސަރު ޖެހުމުން ފެނިދާނެ އަލާމާތްތަކެވެ. މިއިން އެއްވެސް ކަމެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

 • އުރަމައްޗަށް އެއްވެސް ބަދަލެއް އައިސްފައިވުން (ސިފަ، ސައިޒު ނޫނީ ކުޑަބޮޑުމިން، އިހުސާސް) : މިސާލަކަށް އުރަމަތީގެ ސައިޒު ނޫނީ ބޮޑުކުޑަމިނަށް ބަދަލެއް އައުން ނުވަތަ ބައްޓަން ތަފާތުވުން
 • އުރަމަތީގައި ނުވަތަ އުރަމައްޗާއި ކައިރި ހިސާބެއްގައި ނުވަތަ ކިހިލި ފަތް ދޮށުގައި ގަނޑުލައިފައި، ނުވަތަ ބޯވެފައި ތަންތަން (ތަންކޮޅެއް) ހުރުން ނޫނީ ހަރު ތަންތަންހުރުން (ގަނޑުލާފައިހުރުން)
 • އުރަމަތީގައި ނޫނީ އުރަމަތީގެ ތަންކޮޅެއްގައި އަޑިކޮޅެއް ނުވަތަ ރަތްވެފައިހުރުން (ހަންގަނޑު ބޯވެ، ކުލަރަތްވުން)
 • އުރަމަތީގެ ވަށްގަނޑަށް ބަދަލެއް އައިސްފައި ހުރުމާއެކު(ވަށްގަނޑު އެތެރެއަށް ވަދެފައިހުރުން)، އަދި ވައްގަނޑަށް ތަދުވުން
 • ކުއްލިއަކަށް އުރަމަތީގެ ކޮޅުން ނޫނީވައްގަނޑުން ލޭ ނުވަތަ ދިޔައެއް އައުން
 • އުރަމަތީގައި ރިއްސާ އަދި އުނދަގޫވާގޮތްވުން : މިއީ ވަރަށް މަދުން ފެންނަ އަލާމާތެކެވެ.
 • އުރަމަތީގެ ހަން އޮރެންޖްގެ ބޭރު ތޮށީގައި ހުންނަ ގޮތަށް ބަދަލުވުން (އުރަމަތީގެ ހަމުގައި ރޫގަނޑެއް ހުރުން ނޫނީ ބިހިގަނޑެއް ހުރުން)
 • އުރަމައްޗާއި ވައްގަނޑުގެ ހަން ތުނިވުމާއި، އަދި އުރަމަތި ހޫނުވުން
 • އުރަމަތި ދުޅަވެފައި، ނުވަތަ ހޫނުކޮށް، ނުވަތަ ރަތްވެފައި، ނޫނީ ކަޅުވެފައި ހުރުން
 • އުރަމަތީގެ ކޮޅުގައި (ވައްގަނޑުގައި) ކެހުމެއް ނޫނީ ފާރުވެފައި ހުރުން
 • އުރަމަތީގެ އެއް ދިމާއެއްގައި ދާއިމީ ތަދެއް ހުރުން·
 • އުރަމަތީގައި ފަސޭހަނުވާ ފާރުކޮޅެއް ހުރުން

މިބަޔާންކުރެވުނު އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެނުނު ނަމަވެސް އެއީ ކެންސަރުގެ އަލާމާތަކަށް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް ރަގަޅު ގޮތަކީ މިއިން އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމެވެ.

މަސްދަރު: ސިއްހަތު ބްލޮގް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!