ކޮވިޑް-19: އަލްޙަމްދުﷲ،އައްޑޫއިން ފައްސިވީ އެންމެން ރަނގަޅުވެއްޖެ

އައްޑޫސިޓީގައި ކޮވިޑް-19 އަށް ފައްސިވީ އެންމެން އެބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކޮށްފައިވާ ގޮތުގައި، އައްޑޫ ސިޓީގައި މިބަލި ޖެހުނު އެންމެން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.
އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރިފައިވަނީ، ހިތަދޫގައި އިމާރާތްކުރާ ޕޮލިސް އެކަޑަމީގެ މަސައްކަތެއް ކުރަން ދިޔަ 50 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސި ވީއިރު، އެމީހުން ކަރަންޓީނާ ހިލާފުވެފައިވާތީ ކޮންޓެކްޓްވި ފަރާތެއް ވެސް ފައްސިވުމާއި ގުޅިގެންނެވެ.
ރާއްޖޭގެ 21 ރަށެއްގައި މިހާރު ކޮވިޑްގެ 75 ކޭސްއެއް އެބަ އުޅެ އެވެ. އެއީ 71 ދިވެއްސަކާއި ހަތަރު ބިދޭސީ އެކެވެ.
އޭގެ އިތުރުން، މިވަގުތު އެންމެ ގިނަ ބަޔަކު ފައްސި ވެފައިވާ ރަށެއްގެ ގޮތުގައި އޮތީ ލ، ކައްދޫ އެވެ. އެއީ ކޮވިޑް-19 އަށް ފައްސިވީ 33 މީހުންނާއެކު އެވެ. އެއަށް ފަހު މިހާރު ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައި އޮތީ ހދ. ކުޅުދުއްފުށިންނެވެ.