ރިޕޯޓް

އެންމެން ވެސް އުޅެނީ ގަޑި ޖެހިދާނެތީއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ދުއްވާލައިފި ކޮންމެ މީހަކަށް ވެސް އަހަރެން މި ދައްކާ ވާހަކަ އިހްސާސް ކޮށްލެވޭނެއެވެ. މަގުމައްޗަށް ނުކުމެއްޖެ ނަަމަ މީހާ އިންނަން މިޖެހެނީ "ބޮލަށް ތެޔޮ އަރާފަ" ވިއްޔާއެވެ.

Ads by Hajj Corporation

މި ދައްކަން އުޅޭ ވާހަކަ އަކީ މަގުމަތީގައި ދުއްވާ އެއްޗެހި ދުއްވާ އެންމެންވެސް ލައިނުގަނެގެން އުޅޭ ވާހަކަ އެވެ. މިހެން ބުނީމާ ވެސް އަހަރެންވަރުގެ ގޯސް މީހަކު ނުހުންނާނެއެވެ. އެކަމަކު ދެން ހަގީގަތް ވާނީ ހަގީގަތަށް ތާއެވެ. މާލޭގެ މަގުމަތީގައި ސްޕީޑް ލިމިޓަކީ 25 ކިލޯމީޓަރޭ ކިޔާތީ އަހަރެން ވެސް އަޑު އަހަމެވެ. އެކަމަކު އަހަރެންވެސް އަދި ތިބާވެސް ދުއްވާ އެއްޗަކަށް އެރުނީމާ ދުނިޔެ ރަންވަނީއެވެ. ތިމަންނާއަކީ "އަޖޭ ދޭވްގަން" ކަމުގައި ހީވަނީ އެވެ. ކަންފަތުގައި "ދޫމް ޕަޗާލޭ"ގެ ރާގު ކުޅެލަނީއެވެ.

އަޅެ އަހަރެން މި ދައްކަނީ ދޮގު ވާހަކަ އެއް ހެއްޔެވެ؟ މީން މީހަކު ދުއްވާފައިދާއިރު ކަފިހި ހުރަހަކަށް މަޑު ކުރަނީއެއް ނޫނެވެ. ކަފިހި ހުރަހުން މުސްކުޅި ބޭބެއަކު ހުރަސް ކުރިއަސް މާބަނޑު އަންހެނަކު ހުރަސް ކުރިއަސް އޭނާއަށް ފަރުވާލެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. އޭނާ އެދަނީ ގަޑި ޖެހިގެން ވިއްޔާއެވެ. މީހަކު މަރާފައިވެސް އޭނާ ގަޑިއަށް ދާންވާނެ ތާއެވެ.

ބަލަ މަޑުން ދިޔަޔަސް ތިޔަ ދާން އުޅޭ ތާކަށް ދެވޭނެ ނޫން ހެއްޔެވެ. އެކަމަކު އެހެން މީހަކު ބުނެފިނަމަ އެމީހަކާ ދިމާއަށް އަހަރެން ވެސް އަދި ތިބާވެސް ނުކިޔާކަށް އެއްޗެއް ނޯންނާނެއެެވެ. އާނ! އަހަރެން ދުއްވާ ވަރަކުން ކަމެއް ވިޔަސް ގެއްލުން ވާނީ އަހަންނަކަށް ނޫން ހެއްޔެވެ. އެކަމަކުން އެހެން މީހަކަށް ވާނީ ކޮން ގެއްލުމެއް ހެއްޔެވެ. އަހަރެން އެކްސިޑެންޓެއް ވީމާ އެޑްމިޓް ކުރާނީ އަހަންނެއް ނޫން ހެއްޔެވެ. އެހެން މީހަކު ގޮސް އެޑްމިޓް ވާކަށް ނުޖެހޭނެ އެއް ނޫން ހެއްޔެވެ. މިއީ ގިނަ މީހުންގެ ވިސްނުން ހުންނަ ގޮތެވެ.

އޭ ޒުވާނާއެވެ. އަހަރެންވެސް ހެޔޮ ނަސޭހަތެއް ދީފާނަމެވެ. ތިބާ އަޑު އަހާށެވެ. ތިބާ ތިހާ ބާރަށް ސައިކަލުގައި ދަނިކޮށް އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ނުވަތަ މާބަނޑު މީހެއްގެ ގައިގައި ނުވަތަ ކުޑަކުއްޖެއްްގެ ގައިގައިވެސް ޖެހިދާނެއެވެ. ނުވަތަ ތިބާ ވެއްޓި ތިބާއަށް އަނިޔާ ވެދާނެއެވެ. ބަލަ ތިބާ ވެއްޓުނަސް މިބުނާ އުމުރުން ދުވަސްވީ މީހާއަށް އަނިޔާ ވިޔަސް މާބަނޑު މީހާގެ ގައިގައި ސައިިކަލުން ޖެހި ވެއްޓުނަސް،، ހަމަ ގެއްލުން އެވަނީ އަހަރެމެން ކަހަލަ އިންސާނަކަށް ނޫން ހެއްޔެވެ. ބަލަ ޒުވާނާ! ތިބާގެ އާއިލާއެެއް ނެތީ ހެއްޔެވެ؟ ތިބާ ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ވުމުން، ތިބާ ގެންގޮސް ކޯމާއަކަށް ލާނެ އެވެ. ނިކަން ފުންކޮށް ވިސްނާށެވެ. އެ ކޯމާގައި ތިބާއާއެކު ތިބާގެ މައިންބަފައިންގެ ހިތް ވެސް ގައިދު ކުރެވޭނެއެވެ. ނުވިސްނިގެން ތިއުޅެނީ ފަހެ ކޮންކަމެއް ހެއްޔެވެ.

އޭ ބަލަ ކޮއްކޯއެވެ! އަހަރެންވެސް ދެބަސްވާކަށް ނެތީމެވެ. ތިބާ ސައިކަލު ދުއްވަން ވަރަށް މޮޅެވެ. ކާރު ދުއްވަން އަދި މާ މޮޅެވެ. ހަމަ ހީވަނީ ބޮލީވުޑް ފިލުމެއްގައި "ދޫމް މަޗާލޭ"ގެ ރާގު ޖަހާލާފައި ހުންނަ ހެންނެވެ. "ޝާހްރުކްހާން" އާވެސް ވައްތަރު ގޮތެއް ހުރެއެވެ. އެކަމަކު ދެން، އެހެން މީހުން އުޅޭކަން ވެސް ތިބާ ދަންނަން އެބަ ޖެހޭ ދޯއެވެ. ތިބާގެ މަގުމަތީގެ ފަރިތަ ކަމަށްވުރެ ބޮޑަށް އަޅެ އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނާލަ ބަލާށެވެ.

އަނެކުންގެ ރައްކާތެރިކަމަށް ވިސްނާނީ ކިހިނެއްދޯއެވެ. އެންމެން ވެސް ގެއިން މި ނުކުންނަނީ އޮފީހަށް ދާން 5 މިނެޓަށް ވީމާ ވިއްޔާއެވެ. ބަލަ ވަގުތު އޮއްވާ ނުނިކުންނަނީ ވެސް އަމިއްލައަކަށް ނޫން ހެއްޔެވެ. ދެން ނުކުމެ ރުޅި އައިސްގެންހުރެ ސަންދޯއް ކޮނޑު މައްޗަށް ލައިގެން ކޮންމެހެން ދުއްވާނެ ކަމެެއްނެތެވެ. އަހަރެން ދެކެ ރުޅި އަޔަސް، އަހަރެން މި ދައްކާ ވާހަކަ އަޑު އަހާށެވެ. ބާރަށް ދުއްވުން ހުއްޓާލާ، ރައްކާތެރިކަން އިސްކުރާށެވެ.

Ads by Allied Insurance
  1. މުހައިމިން އަސްލަމް

    ތިބުނީ ހަމަ ހައްގުތެދެއް މާލެ މަގުމަތީގައި މިހަކައް 1 ސިކުންތެއް ލަސްވިޔަސް އެވީ ގަޑިޖެހުނީ

    • މިންހާ

      އަނެއްކޮޅުން އެބައްގެ ވަރަށް ނުބާ އާދައެއް އޮވޭ އެއީ މަގުމަތިން މިހަކު މަގު ހުރަސްކުރާއިރު ސައިކަލް ނުވަތަ ކާރެއް ހުއްޓެން ޖެހުނަސް ވަނީ ބޮޑުކަމަކަށް..