ޚަބަރު

ވެންޓިލޭޓަރ މައްސަލައިގައި އެއްވެސް މީހަކަށް ދައުވާކޮށް ސާބިތު ކުރެވޭ ވަަރަށް ހެއްކެއް ނެތް: ޕީޖީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި އެއްވެސް ލިޔެކިޔުމެއްގައި އެއްވެސް މީހަކަށް ދައުވާއެއްކޮށް، ސާބިތު ކުރެވޭވަރުގެ ހެއްކެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިމައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީން މިއަދު ނިންމުމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެއިދާރާއަށް އަމާޒުވެފައެވެ.

އެހެންކަމުން މިކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް ވިދާޅުވީ އޭސީސީން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި ޕީޖީ އޮފީހުގެ ޒިންމާއަކީ ޖިނާއީ ދައުވާކުރުން ކަމަށެވެ. އަދި ކޯޓަށް މައްސަލައެއް ގެންދާނީ ސާބިތު ކުރެވޭ ވަރަށް ހެކި ހުރެގެން ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވި އެވެ. އެހެން ނަމަވެސް މި މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ސާބިތުކުރެވޭ ވަރަށް ހެކި ނެތްކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިމައްސަލައިގެ ތަހުގީގު ފެށުނުއިރު ޕީޖީ އާއެކު އޭސީސީން މަޝްވަރާކުރި ނަމަވެސް، ފަހުނުް ދައުވާ ކުރުމަށް އެދި ޕީޖީ އަށް ލިޔެކިޔުން ފޮނުވުމުގެ ކުރިން މަޝްވަރާ ކޮށްފައި ނުވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން ޕީޖީ ޝަމީމް ވިދާޅުވީ ފައިސާ ދޫކުރުމަށް "ވެންޑަރ" ރަޖިސްޓްރީ ކުރުން ފަދަ އިދާރީ ކަންކަން ހެލްތް މިނިސްޓްރީން ކޮށްފައިވާކަމަށް އޭސީސީން ފާހަގަކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އެއީ ވަޒީފާގެ ގޮތުން އަދާކުރަންޖެހޭ ކަންކަން ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ފައިނޭންޝަލް އެގްޒިކިއުޓާ އޭނާގެ މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަންކަން ވެސް އޭސީސީން ހުށަހެޅި ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވާ ކަމަށާއި، އަދި އެކަންކަމަކީ ވެސް ކުށެއްކަން ކޯޓަށް ގެންގޮސްގެން ސާބިތުކޮށްދެވޭނެ ކަމަށް ނުދެކޭ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!