އިމްރާނަށް، އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ދައުވަތު
ވެރިކަން ކުރާ މައި ޕާޓީ ،އެމްޑީޕީއާ ގުޅި ވަޑައިގަތުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް، ދައުވަތު ދެއްވައިފިއެވެ.
ނޭކުރެންދޫ ޖަލުގެ ފުރަތަމަ ފޭސް ފެށޭނެ ތާރީހެއް ސާފުކުރަން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަން އިމްރާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެވެ.
އިމްރާން އަށް އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު ދެއްވީ، ރާއީއަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ. މި ފުރުސަތުގައި ރާއީ ވަނީ މިނިސްޓަރަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކުރައްވާފައެވެ.
އެގޮތުން ރާއީ ވިދާޅުވީ އޭނާ މިނިސްޓަރާ ކުރައްވަން އުޅުއްވި ސުވާލާ ގުޅޭ ގޮތުން، މިނިސްޓަރާ ބައްދަލުވެ، ވަރަށް ތަފްސީލުކޮށް ސާފުކޮށް ދެއްވާފައިވާ ކަމަށެވެ.
އަދި އަދާލަތު ޕާޓީއަށް ވުރެ އެމްޑީޕީ އަށް އިސްކަން ދީގެން އެ މަސައްކަތް ކޮށްދީފައިވާތީ، ދާއިރާ އާއި އަމިއްލަ ނަމުގައި ވެސް އެންމެ ދެކެން ބޭނުން ވާ ދުވަހަކީ މިނިސްޓަރު އިމްރާން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ދުވަސް ކަމުގައި ރާއީ ވިދާޅުވިއެވެ.
އަޅުގަނޑުގެ ދާއިރާގެ ނަމުގައި އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިނިސްޓަރު އެމްޑީޕީއަށް ސޮއި ކުރައްވާނެ ދުވަހެއް. އެންމެ ފުރަތަމަ އަޅުގަނޑު މިނިސްޓަރަށް މަރުހަބާ ކިޔާނަން،" ރާއީ ދެއްވި ދައުވަތުގައި ވިދާޅުވިއެވެ.
ރާއީގެ ދައުވަތާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުން މަސައްކަތް ކުރަނީ އެއް އަމާޒަކަށް ކަމަށާއި އަދާލަތު ޕާޓީގެ މެނިފެސްޓޯއަކީ ވެސް ހަމަ ސަރުކާރުގެ މެނިފެސްޓޯ ކަމަށެވެ.