މީސްމީޑިއާގެ ބާރު: ދުވާލަކު އެންމެ 50 ރުޕީސް ލިބުނު އުމުރުން ދުވަސްވީ ދެމަފިރިންގެ ވިޔަފާރި ކުރިއަަށް ޖެހިލައިފި!
މީސްމީޑިއާ އަކީ އޭގެ ބޭނުން ހެޔޮ ގޮތުގައި ކޮށްފިނަމަ އެތައް ބަޔަކަށް، އެކި ގޮތްގޮތުން ފައިދާ ކުރާނެ އެއްޗެކެވެ. އެކަން އިންޑިއާގައި ހިނގި މިހާދިސާއިން ވެސް މިވަނީ ސާބިތު ވެފައެވެ.
ނިއު ދިއްލީގައި ދިރިއުޅެމުންދާ އުމުރުން 80 އަހަރުގެ މި ދެމަފިރިންގެ ވިޔަފާރި އެތައް ގުނައެއް ކުރިއަށް ޖެހިލީ ހެޔޮ އެދޭ މީހަކު މީސްމީޑިއާ ގައި އެމީހުންގެ ވާހަކަ ހިއްސާ ކުރުމުންނެވެ.
މާލްވިޔަ ނަގަރްގެ މިދެމަފިރިންނަކީ އަމިއްލައަށް ކާނާ ކައްކާ ތައްޔާރު ކޮށްގެން އެމީހުން ހިފާފައި ހުންނަ ކުޑަ ގޮޅިއެއްގައި އެތަކެތި ވިއްކާ ބައެކެވެ.
މިދެމަފިރިންގެ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ހުރި ނަމަވެސް އެމީހުން މިދެމަފިރިންނަަށް އަޅާނުލާ ކަމަށް، ރިޕޯޓުތަކުން ބުނެފައިވެއެވެ.
ގޯރަވް ވަސާން ނަމަކަށް ކިޔާ މީހަކު މިދެމަފިރިންގެ ވާހަކަ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.
އޭނާ ބުނި ގޮތުގައި ކުރިން ވެސް މަދު ކަސްޓަމަރުންނެއް އަންނަމުން ދިޔަ އެ "ބާބާ ކާ ދާބާ" އަށް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދެން އަންނަން ފެށި މީހުން އެއަށްވުރެ ވެސް މަދުވިއެވެ.
ދިރިއުޅުމުގައި ދަތި ދުވަސްތަކަކާއި ކުރިމަތިވަމުން ދިޔުމުގެ ސަބަބުން، ގޯރަވް އާއި ވާހަކަ ދެއްކިއިރު އެދެމަފިރިންނަށް ވަނީ ރޮވިފައެވެ.
އެމީހުން ބުނި ގޮތުގައި ކޮންމެ ދުވަހަކު ހެނދުނު 6:30 ގައި އެމީހުން ކައްކަން ފަށައެވެ. އަދި 9:30 ވާއިރު އެތަކެތި ހުންނަނީ ތައްޔާރު ވެފައެވެ. ނަމަވެސް ގިނައީ އެއްވެސް އެއްޗެއް ނުވިކޭ ދުވަސްކަން އެމީހުން ފާހަގަ ކުރިއެވެ. އާއްމުގޮތެއްގައި އެމީހުންނަށް ލިބެނީ އެންމެ 50 އާއި 100 ރުޕީސް އާއި ދެމެދުގެ އަދަދެއްކަން ވެސް އެމީހުން ފާހަގަ ކުރިއެވެ.
ނަމަވެސް މިހާރު، ގޯރަވް މިވީޑިއޯ ހިއްސާ ކުރި ފަހުން އެމީހުންނަަށް އަންނަނީ ކަސްޓަމަރުން ލިބެމުންނެވެ. އަދި އެމީހުންގެ ވިޔަފާރި ވެސް ވަނީ ވަރަށް ބޮޑުތަން ކުރިއަށް ޖެހިލާފައެވެ.