ވާހަކަ

ކުރުވާހަކަ: މާޔޫސް ވުމުގެ ކުރިން

ދެން އެމްވީ ، ދެން އޮންލައިން

މުޅި ނަފްސަށްވެރިވެފައިވި ހާސްކަމާއެކު ހިތް ނެގިނެގިފައި ޖަހަމުން ދިޔައީ އޭގެ އެންމެ ބާރުމިނުގައެވެ. ކާރު އޮއްވާވެސް ގޭޓުން ބޭރަށް ނުކުންނަން ދުއްވައިގަނެވުނުއިރު ދެލޮލުގައި ބޮނޑިވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް އަހަރެންގެ ކޯތާފަތުގައި ބޮސްދީފައި ތިރިޔަށް ދެމިގަތެވެ. ލަގޮނޑިއަށް ބާރުވުމާއެކު ދެތުންފަތް ފޫއަޅުވާލާފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވެގެން ދިޔައީ ލިބުނު ޚަބަރަކުންނެވެ. އެއީ އަހަރެންގެ ދުނިޔެ ފުނޑުފުނޑު ކުރުވަނިވި ޚަބަރަކަށްވީ ނަމަވެސް،ތެދުމަގަށް ލޯހުޅުވައިލެވުނު ވަގުތުވެސްމެއެވެ. މަގުމަތީގައި ހޭލަމޭލަ ވަމުންދިޔަ މީހުންނަށާއި ދުއްވާ އެއްޗަކަށް ބެލުމެއްނެތި އަހަރެން ހަލުވި ދުވުމެއްގައި ދިޔައީ އެންމެ މިސްރާބަކަށް ދިޔުމަށެވެ. ގިނަ މީހުންގެ ބެލުންތައް އަހަންނަށް ހުއްޓެމުން ދިޔަނަމަވެސް،އަހަރެންހުރީ އެހެންމީހުން ދެކެފާނެ ނަޒަރެއް ނުވަތަ ބުނެފާނެ އެއްޗަކަށް ސަމާލުކަން ދެވޭފަދަ ހާލެއްގައެއްނޫނެވެ. އެއަށްވުރެ އަހަރެން ހުރީ ނާޒުކު ފައްތަރެއްގައެވެ. މީހުން ބުނެއުޅެއެއް ނޫންހެއްޔެވެ؟ ކިތަންމެ އުފާވެރިކަމާއި މުއްސަނދިކަންމަތީ އާސްމާނުގައި އުދުހިފައި އުޅުނަސް، ހަމަ ބިމަށް ތިރިވެވޭނޭ ދުވަހެއް އަންނާނެއެވެ. މީހުން ކުރާ ފާފައިގެ ޖަޒާ ދުނިޔެމަތީގައި ދައްކަވާކަމަކީ ޙަޤީގަތެއްކަން މިއަދު އަހަންނަށް ޤަބޫލުކުރެވިއްޖެއެވެ. އަހަރެންގެ ދިރިއުޅުމުގައިވާ އަލިކަން ކެނޑިގެން ނިމުމެއްނެތްފަދަ އަނދިރިކަމެއްގެ ތެރެއަށް ނަފްސު މިވަނީ އެކުވެގެން ގޮސްފައެވެ. ދެން އޮޑި ގޮސް ފަރުޖައްސާނީ ކޮން މިސްރާބެއްގައިކަމެއް ނޭނގެއެވެ. އަހަންނަށް ކުރެވިފައިވާ ނުބައި ކަންތައްތައް ވެސް ފެންމަތިވެގެންދިޔައީ އެހުމެއް އެނގުމެއްނެތިއެވެ.

ދުވެފައިގޮސް އޭ.ޑީ.ކޭ އަށް ވަތް އަހަރެންގެ ފައިގައި ކަސްތޮޅު އެޅުނު ފަދައެވެ. އެ ނެރެނީ އަހަރެންގެ ލޯބިވާ މަންމަގެ ފުރާނަނެތް މަސްގަނޑެވެ. މޫނު، ހުދު ފޮތިގަނޑަކުން ނިވާ ކުރެވިފައިވީ ނަމަވެސް އެއީ އަހަރެންގެ މަންމަކަން އެނގުނީ ދޮންބެއާ ދައްތަގެ އިތުރުން ކޮއްކޮވެސް އެތާގައިހުރެ ގިސްލަ ގިސްލާފައި ރޮމުންދިޔަ މަންޒަރު ފެނިފައެވެ. އަހަންނަށް ދުވެފައިގޮސް މަންމަގެ ފުރާނަނެތް މަސްގަނޑުގައި އޮޅުލައި ގަނެވުނީއެވެ. ފިރިހެނެއްކަމަކު އަހަންނަށް އަޑުން އަޑުނަގާފައި ރޮވުނެވެ. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އެނގި ހެޔޮ ނުބައި ވަކިކުރަން އެނގުނު ނަމަވެސް، ނުބައިމަގުގައި ހިނގުމުގެ ނަތީޖާ ވަރަށްވެސް ހިތިކޮށް މިއޮތީ ލޯކުރިމަތިން ފެންނާށެވެ. ބޮޑާ ކަމާއި ކިބުރުވެރިކަން އިސްކުރަމުންއައި އަހަރެން މިއަދު މިވަނީ ބިކަވެ ހަދާނެގޮތް ހުސްވެފައެވެ. ތުރުތުރު އަޅަމުންދިޔަ އަތް އުފުލާލަމުން މަޑުމަޑުން މަންމަގެ މޫނު ނިވާކުރެވިފައިވާ ހުދު ފޮތިގަނޑު އެއްފަރާތް ކޮށްލީ މަންމަގެ ވަންހަނާވެފައިވާ މޫނުދެކިލުމުގެ ނިޔަތުގައެވެ. އެވަގުތު އެ މަންމައަށް ލިބިފައިވާ އަނިޔާ ފެނިފައި ހިތް ރޫރޫ އަޅައިގެންދިޔައީ އެ މަންމަ އޮތް ޙާލުފެނިފައެވެ. މޫނުގެ ބޮޑުބައެއް ޗިސްޗިސް ވެފައިވާއިރު ކަރުގައާއި މޫނުގައިވި ވަޅީގެ ނިޝާންތައް ފެނުމުން އަހަންނަށް ވޭނާއި ރިހުންއެކުލެވިފައިވާ ރުއިމަކުން ގިސްލެވެން ފެށުނީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނުލެއް ބޮޑުކަމުންނެވެ. އެވަގުތު ގާތުގައި ހުރި ޑޮކްޓަރުގެ އިޝާރާތަށް އަހަރެންގެ މަންމަ ކައިރީހުރި ނަރުހަކު މަންމަގެ އުނަގަނޑުން ތަންކޮޅެއް ތިރިއަށް ފޮތިގަނޑު ތިރިކޮށްލުމާއެކު އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މިފަހަރު އަޑުވީއްލާ ރޮއިގަނެވުނީ އެ މަންމައަށް ލިބި ތަޙައްމަލު ކުރެވުނު ވޭން ހިތަށް އެރުމުންނެވެ.

"ފަންސަވީހަށްވުރެ ގިނަފަހަރު ބަނޑަށް ވަޅިހަރާފައިވޭ.." ޑޮކްޓަރުގެ އިޝާރާތަށް ނަރުސް ކުއްޖާ މަންމަގެ ހަށިގަނޑު މުޅިންހެން ފޮރުވާލީ ހުދު ފޮތިގަނޑުގެ ނިވަލުގައެވެ.

"މީ ހުސް ކަލޭގެ ކަންތައް..މަން..މަންމަ އެ ނިޔާވީ ކަލޭގެ ސަބަބުން...މިދިޔަ އަހަރު މަރައިލި ދެ މީހުންނަކީ ކަލޭގެ ކަމެއްކަން އެނގުމާއެކު މަންމަ ހާލުދެރަވެ ތި އުޅުން ދޫކޮށްލަން ބުނިއިރު ކަލޭ ދިނީ އެއަޑަށް ބީރުކަންފަތެއް..އެންމެ ފަހުން ކަލޭގެ ފަރާތުން ބަދަލުހިފަން އެމީހުން އެ މަރާލީ މަޢުސޫމު ފުރާނައެއް..އަހަރެމެންގެ މަންމަ..ކަލޭގެ މަންމަ..ކަލޭގެ ސަބަބުން އެ ނިޔާ...ވީ.." ބޭބެ އަހަރެންގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލި ނަމަވެސް އަހަރެން މިއަދު އަހަންނަށް ލިބިފައިހުރި ބާރެއް ނުދައްކަމެވެ. އެބާރު ދިޔަތަނެއްވެސް ނޭނގެއެވެ. ނޭވާލިއެއްކަމަކު މިއްދު އަހަރެން އެތެރެއިން މިވަނީ މަރުވެފައެވެ. އަމިއްލަ ނަފުސު ކުއްވެރިކުރެވުނު އަދަދެއް ވެސް ނޭނގެއެވެ. ކުރިން ދިރިއުޅުމުގައި ރަނގަޅުގޮތް އިޚްތިޔާރުކުރެވުނުނަމައޭ ހިތަށް އެރިއެވެ. ނަމަވެސް ދެން ނަމައަކުން ވާނެކަމެއް ނެތެވެ. ލިބޭނެ ފައިދާއެއްނެތެވެ. އަނބުރާ ދިޔަ ވަގުތުތައް ލިބޭކަށް ނެތެވެ. މަރުވެފައިވާ މަޢުސޫމު ފުރާނަތަކެއް އަނބުރާ އައުމެއް ނެތެވެ. ކުރިކަމެއް ނުކުރާ ކަމަކަށް ނުވާނެއެވެ. ނަފުރަތުން ފުރިފައިވާ ހިތްތަކުގެ މަޢާފު ލިބުމެއްނެތެވެ. އެހެން އާއިލާތަކަށް ދެވުނު ވޭނާއި ރިހުން ފިލުވައެއްނުލެވޭނެއެވެ. ހިތަށް އަރަމުންދިޔަ ކަންތައްތަކެއްގެ ސަބަބުން އަހަރެން މާޔޫސްވެއްޖެއެވެ. އިސްޖަހާލަމުން މަންމަގެ ފުރާނަނެތް މަސްގަނޑާއި އާއިލާ މީހުނަށް ބަލާލީ އެތަނުން އެކެއްގެ ލޮލުންވެސް އަހަންނަށް ނަފުރަތު ނޫން އެހެން އަސަރެއް ފެނިދާނެކަމުގެ ކުޑަ ކުޑަ އުއްމީދަކާއެކުގައެވެ. ނަމަވެސް އެއީ އަވާމެންދުރެއްފަދައެވެ. ކުށްހީއެކެވެ. އެހެން ހީކުރެވުނީތީ ވެސް އަމިއްލަ ނަފްސަށް ކޮށްލެވުނީ މަލާމާތެވެ. ކޮއްކޮއާއި ދައްތަ އަދި ބޭބެގެ ފަރާތުން ފެނުނު ރުޅިވެރިކަމުގެ ސަބަބުން ދިރިއުޅުމުގައިވި ކުޑަ ކުޑަ ހުޅުކޮޅުވެސް ނިވިގެންދިޔައީ އަހަންނަށް މަޢާފު ހައްޤެއް ނޫނޭ ހިތަށް އެރުމުންނެވެ. މަންޒިލެއްނެތް މުސާފިރެއް ފަދައިން މުޅި މާލެތެރޭގައި އަހަރެން ހިނގަމުން ދިޔައިރު ވިސްނުނީ ކުރިން އުޅެވުނު ގޮތްތަކާމެދުގައެވެ.

އަހަންނަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ނާހިޒު ނަވާޒް ގެ ދަރިފުޅު ޒަލަފްއެވެ. ދެ އަހަރެއްހާ ކުރިން ބައްޕަ ނިޔާވެފައިވުމުން އަހަރެން އުޅެމުން އައީ ބޭނުންގޮތަކަށެވެ. އެދުވަސްކޮޅު ހިތާމަ ކޮށްކޮށް މަންމައަށް އަހަންނަށް އަޅައިލެވޭވަރު ނުވުމުން ދިމާވި ގުރޫޕަކާ އެކުވެރިކަން ބަދަހިކުރީމެވެ. ނަވާރަ އަހަރުވީއިރު އަހަރެންމީ މާލޭގެ އެންމެ ނަން މަޝްހޫރު ގޭންގެއްގެ އިސްވެރިޔަކީމެވެ. ރޭގަނޑު ވައްކަން ކުރުމާއި ތަންތަން ލޫޓުވުމަކީ އާންމުކޮށް ކުރާކަންކަމެވެ. އެހެން ހުރިހާ ގޭންގުތަކަކީ އަހަރުމެންގެ ކުރިމަތީގައި އެއްވެސް ފެންވަރެއްހުރި ބައެއްނޫން ކަމުގައި ޢަމަލުތަކުން ދައްކަމުން ދިޔައީމެވެ. ބާރާއި ބޮޑާކަން ދެއްކުމުގެ ބޭނުމުގައި މަޢުސޫމު ފުރާނަތަކެއް އެއްވެސް ޙައްޤަކާނުލައި ނަގާލީމެވެ. އެންމެ އަށް އަހަރުގެ މަޢުސޫމު ކުޑަ ކުޑަ ކުއްޖަކު މަރާލިއިރު އަހަރެންގެ ހިތަށް ބިރުވެރިކަމުގެ ޒައްރެއްގެ މިންވަރު ނަމަވެސް ވެރިނުވިކަމަށްޓަކައި އަހަރެން މިއަދު ޙައިރާންވަމެވެ. އެ ކުއްޖާގެ ލެއިން އަތް ކަޅިވެގެން ދިޔައިރު ހަމްދަރުދީގެ ކަންފުޅެއްވެސް އެދުވަހު ހިތުގައިނެތުމުން އަޖައިބުވިއެވެ. އެތައް ފުރާނަތަކުގެ ނިވަލުގައިވީ އަހަރެންގެ އަތް ނަމަވެސް ކިރިޔަ ކިރިޔާ ސަލާމަތް ވެވުނީ އެއިން ކޮންމެފަހަރަކު ރާއްޖޭން ބޭރަށް ދިއުމުގެ ސަބަބުންނެވެ. އަދި ކޮންމެފަހަރަކު ޤާތިލުމީހާ ނުފެނުމާއެކު ކޭސް ބަންދުކުރުމުން އަހަރެން އަނބުރައި މާލެ އަންނަމެވެ. މަންމަމެންނަށް އަހަރެންގެ އަތެއް އެކަމުގައި ވާކަން އެނގުމުން ރޮއި ރޮއިފައި ތައުބާވުމަށް އާދޭސްކުރަމުންދިޔަ ނަމަވެސް އަހަރެން އެއަޑަށް ދިނީ ބީރުކަންފަތެކެވެ. އެ މަންމަގެ ބަހަށްވުރެ އެކުވެރިންގެ ބަސް އޭރު އަހަންނަށްވީ މުހިންމުވެފައެވެ. ރަނަށްވުރެ ވެސް އެ ނުބައި އެކުވެރީންގެ އަގު އޭރު އަހަރެންގެ ކުރިމަތީގައި މަތިވެފައިވިއެވެ. އަހަރެއް ފާއިތުވީފަހުން ކުއްލިގޮތަކަށް އަހަރެން މާލެ އަންނަން ޖެހުނީ ބަޔަކު މަންމައަށް ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލާފައި އޮތް ވާހަކަ އެކުވެރިޔަކު ގުޅާފައި ބުނުމުންނެވެ.

ހިޔާލުތަކުން އެއްފަރާތްވެލެވުނީ މީހަކު އަޑުގެކޮޅަށް ހަޅޭއްލަވައި ގަންނަމުން އެކޮޅަށް ޖެހޭށޭ ބުނުމުންނެވެ. ނަމަވެސް އަހަރެންގެ ހިތަށް އެރިއެވެ. ދުނިޔޭގައި ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މީހެއްގެ ފުރާނަ ދަމައިގަނެފައި ދިރިހުރުމައިގެން ކުރިއަށްދިޔުމުގެ ޙައްޤު މިއަދު އަހަންނަށް ލިބިފައިވޭ ހެއްޔެވެ؟ އަހަރެންފަދަ އިންސާނަކަށް މަޢާފު ދޭނީ ކާކުހެއްޔެވެ؟ ރުޅިވެރިކަމާއި ފުރިގެންވި ނަޒަރުތަކާއި ކުރިމަތިލާނީ ކޮން ޙައިސިއްޔަތަކުން ހެއްޔެވެ؟ ހިތަށް އައީ އެންމެ އެއްޗެކެވެ. އަމިއްލައަށް މަރުވުމަށްވުރެ އިތުރު ގޮތެއް ނެތެވެ. އެހެންވުމުން އަހަރެން އެ ޕްރައިވެޓު ކާރުގެ ކުރިމަތީގައި މަޑުކޮށްލައިގެން ހުރީ ދެލޯމަރާ ބާރުކޮށްލައިގެންނެވެ. މީ އަހަރެންގެ ފަހު ވަގުތުކަމުގައި ހީކުރެވުނު ނަމަވެސް މީހަކު އަހަރެންގެ އަތުގައި ހިފަހައްޓާލުމުން ސިއްސައިގެން ދިޔައިރު އަހަންނަށް ލޯ ހުޅުވާލެވުނެވެ.

"ދަރިފުޅާ...ތަދުވިތަ ތަނަކަށް؟..ކިހިނެއްވެފާ ތިހުރީ..އާދޭ ކާރަށް އަރަން...." އަހަރެންގެ މޫނުގައިވީ ކުލަވަރު ފެނިފައި ކާރުން ފައިބައިގެން އައި މުސްކުޅި ބޭބެއަކު އަހަރެންގެ އަތުގައި ހިފަހައްޓާލަމުން ގެނެސް ކާރަށް އެރުވިއެވެ. އޭރު އަހަރެންގެ ދެލޮލުން ކަރުނަތަށް ފައިބަ ފައިބާހުރީ ނިމުނެއްނެތް ފަދައިންނެވެ.

"ބޭބޭ..އަހަރެން ކިހިނެއް ހަދާނީ؟ އަހަން މިވަނީ މާޔޫސްވެފައި..ދިރިއުޅުމާއި މެދު އުއްމީދު ގެއްލިފައި..އަހަރެން ކުރި ފާފައިގެ ބަދަލު ދުނިޔެމަތިން ދައްކަވައިފި...އަހަންނަށް އުޅެވުނީ ހާދަ ނުބައިކޮށޭ...ކުށެއްނެތް މަޢުސޫމު ފުރާނަތަކެއް ނަގާލެވުނީ..ކާކު އަހަރެންކަހަލަ މީހަކަށް މަޢާފުދޭނީ؟..ކާކު އަހަރެން ބަލައިގަންނާނީ؟...ކިހިނެއް ކޮން ޙައިސިއްޔަތަކުން އަހަރެން މީހަކާ ހަތަރުކަޅި ހަމަކުރާނީ؟..އަހަރެންމިވަނީ ދިރިއުޅުމުގައި ދާންވީ މިސްރާބު ގެއްލި ހުންގާނު އަނބުރާލާނޭ މަންޒިލެއް ނޭނގިފައި..ކޮންމެ އައްސޭރިއަކަށް ލެއްގިޔަސް ނަފްރަތުގެ ދިލަ ހޫނުން އަހަރެން އަންދަމުންދާނީ..ނޭވާ ލިއެއްކަމަކު މިއަދު އަހަރެން މީނީ އެތެރެއިން މަރުވެފައި..ދިރިއުޅުމުގެ ހުޅުކޮޅު މިވަނީ ނިވިފައި...އެ ދިއްލާލަދޭނެ މީހަކު ނުވާނެ..މިވަނީ މުޅިން މާޔޫސްވެފައި.." ގިސްލަ ގިސްލާފައި އަހަރެންނަށް ނުވެސް ދަންނަ އެ މުސްކުޅި ބޭބެ ކައިރީގައި ހިތުގެ އުދާސްތައް ބޭރުކޮށްލެވުނެވެ. އެ މުސްކުޅި އާރެއް ބާރެއްނެތް ބޭބެއަށް ވުރެވެސް މިއަދު އަހަރެން މިވަނީ ބަލިކަށިވެފައެވެ.

"ކޮއިފުޅާ..ދިރިއުޅުމުގައި ކޮންމެ ކަމެއްވެސް ދިމާވެދާނެ..މިއީ ވަގުތީ ދިރިއުޅުމެއް..މިތަނުގައި ކުރިމަތިވާނީ ހުސް އިމްތިޙާނުތަކާއި..ދަރިފުޅަށްވެސް ތިވަނީ އިމްތިޙާނަކާ ކުރިމަތި ކުރުވާފައި..މާތް ﷲ އެކަލާނގެ އަޅުންނަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެ..ހިތްވަރުކުރޭ..މާޔޫސްނުވޭ...މި ދުނިޔޭގެ މީހުން ބުނެފާނެ އެއްޗަކާމެދު މާޔޫސްނުވެ ކުރިކަމެއްވިއްޔާ ތެދުބަހުން ގޮސް އެކަމަށް އިޢުތިރާފުވޭ..އޭރުން ތި ހިތަށް ކުޑަ ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިދާނެ..އަމިއްލަ ފުރާނަ ނަގައިލުން އެއީ ކިހާބޮޑު ފާފައެއް..ފާފާއެއްގެ މައްޗަށް ފާފައެއް ކުރުމުގެ ބަދަލުގައި ހެޔޮހިތުން ތައްބާވޭ..މާޔޫސްވުމުގެ ކުރިން އިޚްލާސްތެރިކަމާއެކު މާތް ﷲ ގެ ކިބައިން ތިބާގެ ފާފަތައް ފުއްސަވައި ދެއްވުމަށް އެދި ދުޢާކުރޭ..މާޔޫސްވުމުގެ ކުރިން ތައުބާވޭ..." ހިތްވަރުދިނުމުގެ ގޮތުން އެ މުސްކުޅި ބޭބެ އަހަރެންގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތު އެ ބޭބެގެ ލޮލުން ކަރުނަ ހިލުނުތަން އަހަރެން ދުށީމެވެ.

"ބޭބެ އަށްކިޔަނީ ޔާސީން..ބޭބެއަށް އެނގޭ ޒަލަފްކަން ބޭބެގެ އަށް އަހަރުގެ ދަރިފުޅު މަރާލީ..އެކަމު ބޭބެ އުފާވެއްޖެ ޒަލަފްއަށް ހެޔޮވިސްނުން ދެއްވީތީ..އަލްޙަމްދުﷲ..ބޭބެގެ އޮތީ އެންމެ އެދުމެއް ޒަލަފް..ހަމަ އެންމެ އެދުމެއް..ތެދުބަހުން ޒަލަފް ކުރިއްޔާ ކުރި ހުރިހާ ކަމެއް ކޯޓަށްގޮސް ބުނެ އެކަމުގެ އަދަބު ލިބިގަތުން..ބޭބެ ދަރިފުޅަށް މަޢާފުކޮށްފިން..ހެޔޮވިސްލިބި ކުރެވުނީ ނުބައިކަމެއްކަން އެނގުމުން ބޭބެގެ ހިތަށް ހަމަޖެހުންލިބިއްޖެ..." ޔާސީން އެދުނު އެދުމުން އަހަރެންގެ ނަފުސަށް ޙައިރާންކަން ލިބުނެވެ. އެ ބޭބެ އެ އެދުނީ އެވަރުގެ ކުޑަ ކުޑަ ކަމަށް ހެއްޔެވެ. އޭނާ އަކީ އެ ބޭބެގެ ކުޑަ މަޢުސޫމު ދަރިފުޅު ޤަތުލުކުރި މީހާކަން އެނގިހުރެ ހެޔޮހިތުން މަޢާފުދީފައި އެ އެދުނީ ހާދަ ކުޑަ ކަމަކަށެވެ. މިހާ ހެޔޮ މީހުން ދުނިޔޭގައިވެސް އުޅޭ ހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. ބޮޑު ހިތެއްގެ ވެރިއެކެވެ. ހިތްތިރި ވިސްނޭ މީހުންވެސް އުޅެއޭ ހިތަށް އެރިއެވެ. އެވަގުތު އަހަރެން އަހަރެން ކުރި ކުށުގެ އަދަބު އެންމެ ފުރިހަމަގޮތުގައި ލިބިގަތުމަށް އަޒުމު ކަނޑައެޅީމެވެ. ނޭވާލާހާ ހިނދަކު މި ނިންމުމަށް ބަދަލެއް ނުގެނައުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އޭރު މެންދުރު ނަމާދު ބަންގީގޭ އަޑު އިވުމުން ބޭބެ އެދުނީ ބޭބެއާއެކުގައި ނަމާދުކުރުމަށް އައުމަށެވެ.

"ބޭބެ އިހަށްދޭ..އަޅުގަނޑު އެބަ ދަން ހަމަޖެހިލާފައި..." ބޯޖަހާލާފައި ޔާސީން ދިއުމުން އަހަރެން ފުން ނޭވާއެއް ލީ ނަފުސު ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައެވެ. ހިތަށް ލިބިފައިވާ ކުޑަ ހިތްހަމަޖެހުމާއިއެކު މަޑު ހިނގުމެއްގައި އަހަރެން ގޮސް މިސްކިތަށް ވަނީމެވެ. ކިތައް އަހަރު ފަހުންކަމެއް ވެސް ނޭނގެއެވެ. ވުޟޫ ކޮށްލައިގެން ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ހަށަންބަނީމެވެ. ފަހު ރަކުޢަތަށް ދިޔައިރު އަހަންނަށް ގިސްލަ ގިސްލާފައި ރޮވުނެވެ. އުޅެވުނު ހުރިހާ ގޮތެއް ހަނދާނަށް އައުމާއެކު ދެލޮލުން ކަރުނަ ފާއްދާލިއެވެ. މާތް ﷲ ކިބައިން ފާފަ ފުއްސަވާތޯ އެތައްފަހަރަކު ދުޢާ ކުރެވުނެވެ. ސަޖިދައަށް ދިޔަތަނާއި އަހަރެންގެ ހެޔަށް ގޮތެއްވިއެވެ.

***

ސަޖިދައިގައި އޮތްގޮތަށް ޒަލަފް އޮތުމުން އެންމެންވެސް ނަމާދުކޮށްނިމި ސަލާމްދިނުމަށްފަހު ޒަލަފްއާ ގާތްވެލިއެވެ. އެ ޒުވާނާގެ ވޭނީ ގިސްލުމުގެ އަޑު ކައިރީގައި ތިބި މީހުންނަށްވެސް އިވުނެވެ. އެ އަޑުގައިވީ އަސަރަކުން ކައިރީގައިތިބި މީހުންގެ ލޮލުންވެސް ކަރުނަހިލުނެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގެންކަހަލަ ގޮތަކަށް ގޮސް ޒަލަފް ކައިރީގައި ހުއްޓުނު ޔާސީންއަށް ނިކަން އަވަހަށް ޒަލަފްގެ ނަމުން ގޮވާލި ނަމަވެސް ޚަބަރެއް ނުވުމުން އޭނާގެ ހިތަށް ބިރުވެރިކަން ވެރިވެއްޖެއެވެ. މަޑުމަޑުން ގޮސް ޒަލަފްގެ ގައިގައި އަތް ޖައްސާލުމާއެކު އެ ފުރާނަނެތް މަސްގަނޑު އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. މާތްކަލާކޯއެވެ! ހިތާމަހުއްޓެވެ. އެވަގުތު ބައެއް މީހުންނަށް ސުބުޙާނަﷲ އޭ ބުނެލެވުނެވެ.

"ސުބުޙާނަﷲ" ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ޔާސީންއަށް ބުނެލެވުނެވެ. ހިތާމަހުއްޓެވެ. ނަމަވެސް ތައުބާވުމާއެކުހެން ވެރި އިލާހު އެ ފުރާނަ އެގެންދެވީ ސާފުކަންމަތީގައެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވެއެވެ. ވަގުތުއައިސް ޖެހުމުން ލަހެއްފަހެއް ނޯންނާނެއެވެ. އެކަމެއްވެ ނިމޭނެއެވެ. އިހަކަށް ދުވަހު ބޮޑާވެ ކިބުރުވެރިކަމާއި އާރާއި ބާރަކީ ކޯއްޗެއްކަން އެހެން މީހުންނަށް ދައްކައިދޭން އުޅުނު ޒަލަފް މިއަދު އެވަނީ އާރެއް ބާރެއްނެތި ވެލީގެދާނުގައި ނިދާލާފައެވެ. ނަމަވެސް ޝުކުރުހުއްޓެވެ. މަރުވުމުގެކުރިން އޭނާއަށް ހެޔޮވިސްނުން ލިބި ތަޢުބާވުމުންނެވެ. ވަޅުލުމުގެ ޖަނާޒާގައި ޒަލަފްގެ ބޭބެމެން ވެސް ބައިވެރިވިއެވެ. އެމީހުންވެސް ތިބީ ޒަލަފްއަށް އެހެން ދިމާވުމުން ނުހަނު ދެރަވެފައެވެ. ރުޅި އިސްކުރެވުނަސް އެމީހުން ތިބީ ޒަލަފްއަށް އިތުރު ފުރުސަތެއްދޭން ނިންމައިގެންނެވެ. މަންމަ އެމީހުންނާއި ވަކިވުމަށްފަހު ޒަލަފްވެސް ވަކިވުމުން އަޑުވީއްލާ ރޮވުނެވެ. ނަމަވެސް ދިރިއުޅުމާއިގެން ކުރިޔަށްދިޔައީ މި ހިތި އިމްތިހާނުންވެސް ފާސްވުމުގެ ބޭނުމުގައެވެ. ހިތުގައި ކިތަންމެ ވޭނެއްއެޅިނަމަވެސް މެއެވެ. މީހުންގެ ވިހަ ބަސްތަކާއި ކުރިމަތިލަމުންނެވެ. ދިރިއުޅުމުގެ ގޮންޖެހުންތަކާއިއެކުވެސްމެއެވެ.

****

އެއްވެސް މީހަކު މާޔޫސްނުވާށެވެ. ދުނިޔޭގެ ލަދާއި ގަދަރަށް ވިސްނައިގެން ވާނެފައިދާއެއްނެތެވެ. އެކެއް އަނެކަކަށް ބާރާއި ނުފޫޒު ދެއްކުމުގެ ބަދަލު ހިތްހެޔޮ ހިނިތުންވުމެއް ބައްދަލުކޮށް ތިބާގެ އަޚުންނާއި އުޚުތުންނަށް ހިތްޔެހޮކަމާއެކު އެހީވާށެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން މުއްސަނދިންނާއި ފަގީރުން އުޅުނަސް ތަފާތުކުރުންތައް ނުގެންގުޅޭށެވެ. ކޮންމެ އިންސާނަކުވެސް ހައްދަވާފައިވަނީ މަހާއި ކައްޓަކުން ނޫންހެއްޔެވެ؟ ކުރެވިފައިވާ ފާފަތަކަށް މީހުން މަޢާފު ނުދިނަސް އަދި ދިރިއުޅުމުގެ ހުޅުކޮޅު އެހިސާބުން އެ ނިވުނީއެއްނޫނެވެ. އެއީ ދިރިއުޅުމުގައި ސިއްކަޖެހި ދިރިއުޅުން ނިމިދާ ދުވަހެއް ނޫނެވެ. އެއީ މާޔޫސްވެ ބަލިކަށިވާންވީ ވަގުތެއް ނޫނެވެ. ހިތްވަރާއެކު ބަލިކަށިވެފައިވާ ހަށިގަނޑު ސީދާކޮށް ކޮޅަށްތެދުވާންވީ ވަގުތެވެ. ދުނިޔެއާ ކުރިމަތިލާށެވެ. މާޔޫސްވުމުގެ ކުރިން ތައުބާވެ އިޚްތިޔާރު ކުރެވުނު ނުބައިމަގުގައިވާ ކަށިބޯ ޖަންގަލީގެ ގަސްތައް ކަނޑާ ބިމާއި ހަމަކޮށް ރަނގަޅުމަގު އިޚްތިޔާރުކޮށް އިމްތިޙާނުތަކާއި ކުރިމަތިލާށެވެ. އޭރުން އިންޝާﷲ ދިރިއުޅުމުގައި ކާމިޔާބު ލިބޭނެއެވެ.

ނޯޓް: މި ވާހަކައަކީ މި ނޫހުން ހުޅުވާލި ވާހަކަ ލިޔުމުގެ މުބާރާތަށް ބައިވެރިއަކު ހުށަހަޅާފައިވާ ވާހަކައެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!