ކާބޯތަކެތި އުކާލުމަކީ ނިޢުމަތުގެ ވެރިފަރާތަށް ޙަރާންކޯރުވުން: ޚުތުބާ
އެންމެހާ ޙަމްދުޘަނާ ޙައްޤު ވެގެން ވަނީ ޢާލަމްތަކުގެ ވެރި، އެއްކައުވަންތަ، ކުޅަދުންވަންތަ ﷲ އަށެވެ. އެކަލާނގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދު (ޞޢޥ) އަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާ ކުރަމެވެ. އަދި މިފުރުސަތުގައި މާތް ﷲ އަޅަމެންނަށް ލެއްވި ތަނަވަސް ދަރުމައަށާއި، ގިނަގުނަ ނިޢުމަތަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޝުކުރު ދަންނަވަމެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކުރެވިފައިވަނީ ކާބޯތަކެތީގެ ނިޢުމަތަށް ޝުކުރު ކުރުމަށާއި، އިސްރާފު ނުކުރުމުގެ މައްޗަށެވެ. އެގޮތުން އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެން ނުވާކަން ވެސް މިއަދުގެ ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
އެގޮތުން އިންސާނުންނަށް މިއަދު ކުރިމަތިވެފައިމިވާ އިޖުތިމާޢީ ބަލިތަކުގެ ތެރޭގައި ފާސިޤުކަމާއި، އިސްރާފު ކުރުން ހިމެނޭކަން މިއަދުގެ ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ، މިކަންކަމުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
"ބަޔަކަށް މުއްސަނދިކަން ލިބިއްޖެނަމަ ބޮޑާވެ، ބޭކާރު ގޮތުގައި މުދާތައް އިސްރާފުކުރަން ފަށައިފާނެތެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އިސްރާފަކީ ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނަ އަޅައި ދިޔުމެވެ. އެއީ ހަމައެކަނި ކެއިން ބުއިމާ ގުޅިފައިވާ ކަމެއް ނޫނެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފްރުވުމާއި ހަމައަށް ހިނގައްޖެނަމަ އެއީ ވެސް އިސްރާފު ކުރުމެވެ" ޚުތުބާގައި ބުނެފައިވެއެވެ.
އިސްރާފު ކުރުމާއި ގުޅޭގޮތުން އިތުރަށް ޚުތުބާގައި ބުނެފައިވަނީ ކާބޯތަކެތި ގުދަންކޮށް، ހެޔޮ ގޮތުގައި އެތަކެތީގެ ބޭނުން ނުހިފައި، އޭގެ ޙައްޤު އަދާނުކޮށް ބެހެއްޓުމަކީ ވެސް އިސްރާފު ކުރުން ކަމުގައެވެ. އަދި ހަމަ އެފަދައިން ފޭރާމާއި ހިފާ ގެންގުޅޭ ތަކެތި ހިސާބަށްވުރެ ގިނަ ކުރުމަކީ ވެސް އިސްރާފު ކުރުންކަން ޚުތުބާގައި ހަނދުމަކޮށް ދެއްވާފައި ވެއެވެ.
"ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލާ، އެތަކެތި ބޭނުން ކުރުމަށް އިސްލާމްދީން ބާރު އަޅައެވެ. ކާބޯތަކެއްޗަކީ ﷲ ގެ ނިޢުމަތެކެވެ. މިތަކެތި އުކާލުމަކީ ނިޢުމަތުގެ ވެރިފަރާތަށް ޙަރާންކޯރު ވުމެވެ." ޚުތުބާގައި ބުނެފައިވެއެވެ.
މުދާ ހަލާކުކޮށް، އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ވެސް ނުބައި ކަމެެއްކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.