ދުނިޔެ

ސީރިއާގެ މުފްތީ އަދްނާން ޝަހީދު ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީރިއާގެ ވެރިރަށް ދިމިޝްގުގެ ސުންނީ މުފްތީ އަދްނާން އަލް-އަފިޔޫނީ ޝަހީދު ކޮށްލައިފިއެވެ.

Ads by Sosun Fihaara

މުފްތީ އަދްނާން ޝަހީދު ކޮށްލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، އެމަނިކުފާނުގެ ކާރުކޮޅުގައި ބޮމެއް ހަރުކޮށް ގެންނެވެ. އެބޮން ގޮވާފައި ވަނީ ސީރިއާގެ އަވަށެއް ކަމަށްވާ ޤުދުއްސަޔާ ކައިރިން، މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.

މުސްލިމުންގެ ލީޑަރެއް ކަމުގައިވާ މުފްތީ އަދްނާނަކީ ސީރިއާގެ ރައީސް ބަޝަރުލް އައްސަދުގެ ވަރަށް އަރިސް ބޭފުޅެއް ވެސް މެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އުމުރުފުޅުން 66 އަހަރުގެ މުފްތީ އަކީ، ނުވަ އަހަރު ވަންދެން ސީރިއާގައި ހިނގާ ގެންދިޔަ ދާޚިލީ ހަނގުރާމަތައް ހުއްޓުވުމަކަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެމަނިކުފާނަކީ އެތައް ބައިވަރު ސީރިއާ ރައްޔިތުންނެއްގެ ލޯބި ލިބި ލެއްވި ބޭފުޅެއް ވެސް މެއެވެ.

މީގެ ހަތަރު އަހަރު ކުރިން ސީރިއާގައި އަޟްޙަ ޢީދު ފާހަގަ ކުރިއިރު، އެޤައުމުގެ ރައީސް ވަނީ އެދުވަހު ޢާއްމު ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. އަދި އެދުވަހުގެ ޢީދު ނަމާދު އިމާމުވެ ކޮށްދެއްވީ މުފްތީ އަދުނާން އެވެ.

ސީރިއާއަށް ދެމުން ގެންދިޔަ ހަމަލާތަކާއި ގުޅިގެން މުފްތީ އަދްނާން އަބަދު ވެސް ގޮވާލައްވަމުން ގެންދެވީ ހަނގުރާމަ ހުއްޓުމަށާއި އަމަން އަމާންކަން ގާއިމް ކުރެއްވުމަށެވެ. އޭނާ ދެއްވި ރަނގަޅު ދަރުސްތަކުގެ ސަބަބުން ގިނަ ރައްޔިތުން ދުށީ މުފްތީ އަދްނާނަކީ މުސްލިމުންނަށް ހުރި ރީތި މިސާލެއް ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!