ދީން ދޫކޮށް އެތީސްޓަކަށް ބަދަލުވި ދިވެހި ޒުވާނާ ، އަލުން ހިދާޔަތް ލިބުމުގެ އެއް ސިއްރަކީ ބައްޕަ އެޅުއްވި ޙިކުމަތްތެރި ފިޔަވަޅު
އޭނާ ފުން ވިސްނުމަކަށް ދިޔައެވެ. ސިކުނޑީގެ އެއް ބައިން ބުނަމުން އައީ އެކަން ނުކުރުމަށެވެ. ނަމަވެސް ކުރިމަތިން ފެންނަންހުރީ އޭނާ އެވަގުތު އެންމެ ބޭނުންވި އެއްޗެއްސެވެ.
"ކޮން ވިސްނުމެއް؟ އެހެން ނޫނަސް ކަލޭތީ ނަމާދުކޮށް، މުސްލިމެއްހެން އުޅޭ މީހެއް ނޫނެއްނު. އެހެން އުޅެވޭނޭ ހީވަންޏާ އަވަހަށްދޭ. ދެން އައިސްގެން ނުވާނެ. އަހަރެންގެ ގޭގައި މުސްލިމަކަށް ޖާގައެއް ނެތް" ނުރުހިގެން އެކުވެރިޔާ އެހެން ބުނުމުން އޭނާ ބިރުގަނެ ޖެހިލުންވިއެވެ. އަދި ވަގުތުން ބުންޏެވެ.
"އަހަރެން އިސްލާމްދީން ދޫކޮށްލައިފިން."
އެރެއަށްފަހު އޭނާ އުޅުނީ ދީނުގައި ކުރުން ނަހީ ކުރައްވާފައިވާ ހުރިހާ ގޮތަކަށް އުޅެމުންނެވެ. އޭނާއަށް ހީވި ގޮތުގައި އެއީ އޭނާ ބޭނުން ކަމެއްކުރުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ލިބުނު ހުއްދައެކެވެ. ދުނިޔެވީ ހުރިހާ އުފަލަކަށް ގޮސް ހެއްލުނެވެ.
އޭނާގެ އެއުޅުމުގެ ޚަބަރު ލަސްތަކެއްނުވެ އޭނާގެ ބައްޕަގެ ކަންފަތުގައި ޖެހުނެވެ. އަނތްބެއްގެ އެހީތެރިކަމާ ނުލާ އެކަނިމާ އެކަނި ބަލާ ބޮޑުކުރި ދަރިފުޅުން އެފަދައިން މަގުން ކައްސާލުމުން އެބައްޕަގެ ފައިދަށުން ބިންގަނޑު ދެމިގެންފަދައެވެ.
ނަމަވެސް އޭނާގެ ބައްޕަ ނިންމީ ހިތްވަރުގަދަ ކަމާއެކު ގަދައަޅާ މަސައްކަތްކޮށް އެދަރިފުޅު ތެދުމަގަށް އަޅުވާށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް އޭނާގެ ކްރެޑިޓް ކާޑުތައް ބްލޮކް ކޮށްލިއެވެ. އަދި ފައިސާ ދިނުން ވެސް ހުއްޓާލިއެވެ.
ކްރެޑިޓް ކާޑުތައް ބްލޮކް ކޮށްލާ ފައިސާ ލިބުމަށް ދަތިވުމުން ރުޅިވެރިކަމާއެކު އޭނާ ބައްޕައާއި ކުރިމަތިލިއެވެ.
މަސްތުގެ ހާލުގައި ހުރެ އެދުވަހު އޭނާގެ ބައްޕައާއި ދިމާލަށް އޭނާ ނުގޮވާކަށް އެއްޗެއް ނެތެވެ. މުސްކުޅިވީ ދުވަހު ޅަ ކުއްޖަކާ އިނީ ވަހުޝީ ކަމުންނޭ ވެސް ބުންޏެވެ.
އޭނާގެ އެހުރިހާ ބަސްތަކަކާއި އޭނާގެ ބައްޕަ ކުރިމަތިލީ ނުހަނު މަޑުމައިތިރިކަމާ އޯގާތެރިކަމާއެކުގައެވެ. ދެމުން ދިޔައީ އެންމެ ޖަވާބެކެވެ.
"ދަރިފުޅުގެ ޙަޔާތުން ހަމަ އެންމެ ދެ ހަފްތާ ބައްޕައަށް ދޭށެވެ. އަތުލި ހުރިހާ އެއްޗެއް އަނބުރާ ދޭނަމެވެ."
ހިތުހުރިހާ އެއްޗެއް ކިޔުމުންވެސް ބައްޕަ އެހެން ބުނަމުންދާތީ އެންމެ ފަހުން އޭނާ އެގޮތަށް އެއްބަސްވިއެވެ. ދެ ހަފްތާ ވަންދެން ބައްޕަ ބުނިހާ ގޮތަކަށް އުޅުމަށެވެ.
ފުރަތަމަ ދުވަހުގެ ފަތިސް ނަމާދު ވަގުތެވެ. ބައްޕައާއި ބޭބެއާއެކު ނަމާދަށްދާން ގޮވުމުން، ނުދާންވެގެން އޭނާ ގަދަހެދިއެވެ. އަދި އެއީ އޭނާ ޤަބޫލު ކުރާ ކަމެއް ނޫން ކަމަަަށް ވެސް ބުންޏެވެ. އެހިނދު އޭނާ ވެފައިވާ އެއްބަސްވުމުގެ މަތިން ހަނދާން ކޮށްދިނުމުން، ފޫހިކަމާއެކު ޝަކުވާ ކުރަމުން ބައްޕަމެންނާއެކު މިސްކިތަށް ދިޔައެވެ. ނަމަވެސް ހުރީ ނަމާދުކުރާ މީހުންނާ ދުރުގައި، ބޭރުގައެވެ.
ޖަމާޢަތުގައި އެންމެން ނަމާދުކުރާއިރު އޭނާ އެކަނި ބޭރުގައި ހުރުމުން ކޮންމެވެސް ވަރެއްގެ ޖެހިލުމެއް އޭނާވިއެވެ. އެލަދުވެތިކަން ބޮޑުވީ ނަމާދުކޮށް ނިމިގެން މީހުން މިސްކިތުން ނިކުންނަތަން ފެނުމުންނެވެ. އެމީހުން އައިސް އޭނާއަށް ފާޑު ކިޔާނޭ، ނުރުހުގެ ލޮލުން ބަލާލާނޭ ހިތަށް އަރާ އިތުރަށް ލަދު ގަންނަން ފެށިއެވެ.
ނަމަވެސް ކަންތައްވީ އޭނާ ޙިޔާލުކުރި ގޮތާ ޚިލާފަށެވެ. އެމީހުން އޭނާ ކައިރިއަށް ގޮސް ހިނިތުންވުމާއެކު ސަލާމް ކޮށްލިއެވެ. ނަމާދަށް އެތެރެއަށް ނުވަނީ ކީއްވެތޯ ވެސް ނާހައެވެ. އެކަމާ އޭނާ ވަރަށް ހައިރާންވިއެވެ.
އެގޮތަށް ކޮންމެ ދުވަހަކު ފަސް ފަހަރު އޭނާގެ ބައްޕަ އޭނާ ގޮވައިގެން މިސްކިތަށް ދިޔައެވެ. ނުދާން ގަދަ ހެދިޔަސް، ގޮސްފައި އެނބުރި އަންނަނީ ނުހަނު ހައިރާންކަންމަތީގައެވެ.
އެހާލަތުގައި ތިން ދުވަސް ފާއިތުވެ ހަތަރުވަނަ ދުވަހު އޭނާ ނިންމީ މިސްކިތުގެ އެތެރެއަށް ވަންނާށެވެ.
އެދުވަހު ވެސް އޭނާ ހީކުރީ މީހުން އޭނާއާ ދިމާކޮށް، ނަމާދު ކުރަން މަޖުބޫރު ކުރާނެ ކަމަށެވެ. ނަމަވެސް މިސްކިތްތެރޭގައި ތިބި މީހުން އޭނާއަށް މަރުޙަބާ ކިޔެވެ. އެންމެންވެސް ހިނިތުންވިއެވެ. އޭނާގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ.
އެދުވަހު އޭނާ ނަމާދެއް ނުކުރެއެވެ. ނަމަވެސް މިސްކިތުގައި ނަމާދު ކުރަން ތިބި މީހުންނާއި ދިމާލަށް ބަލަން ހުއްޓެވެ.
އެހެން ހުރެ އަމިއްލަ ނަފްސާއިމެދު ލަދުވެތިވާން ފެށިއެވެ.
ފަސް ވަނަ ދުވަހުގެ ފަތިސް ނަމާދަށް އޭނާ ޖަމާޢަތަށް އެރިއެވެ. ނަމާދުގައި ކިޔާއެއްޗެހި އެއިރު ހަނދާން ނެތިފައި ހުރުމުން އެދުވަހު އޭނާ ކުރީ ހަމައެކަނި ހަރަކާތްތަކެވެ. އޭނާއަށް އަންނަންފެށި ބަދަލުތައް އޭނާގެ ބައްޕަ ދިޔައީ އުފަލާއެކު ފާހަގަ ކުރަމުންނެވެ.
ހަމައެކަނި ހަރަކާތްތައް ކުރަން ފެށިނަމަވެސް، އޭނާއަށް ބުނެދޭންވެސް ނޭނގޭ އަސަރުތަކެއް ކުރުވިއެވެ. އެހެންކަމުން އޭނާ ނިންމީ އިސްލާމްދީން އިތުރަށް އުނގެނުމަށެވެ.
އެހެންކަމުން އެރޭގެ އިޝާ ނަމާދަށްފަހު އެވާހަކަ އޭނާގެ ބައްޕަ ގާތު ބުންޏެވެ. އޭނާގެ ބައްޕަ އަވަސްވެގަތީ މިސްކިތުގެ އިމާމާއި ވާހަކަ ދައްކާ އޭނާއަށް އެހީތެރިވުމަށެވެ.
މިސްކިތުގެ އިމާމަށް ހުރިހާ ވާހަކައެއް އޭނާގެ ބައްޕަ ކިޔައިދިނެވެ.
އޭނާ އިސްލާމްދީން އުނގެނެން ބޭނުންވާ ޚަބަރު ލިބުމުން އިމާމު ހިނިތުންވުމަކާއެކު ނިންމީ އޭނާއަށް އެހީތެރިވާށެވެ. އެގޮތުން އޭނާގެ ހިތުގައި ހުރި ސުވާލުތައް ކުރުމަށް އިމާމު އެދުނެވެ.
"ނަމާދެއް ނުކޮށް އަހަރެން މިތަނަށް އައިސް ބޭރުގައި ހުރިއިރު އަހަންނަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވާން ފެށި. އަހަންނަށް މަލާމާތްކޮށް ރުޅިއައިސްގެން އަހަންނާއި ދިމާލަށް މީހުން ބަލާނެ ކަމަށް ވެސް ހީކުރިން. އެކަމަކު އެންމެންވެސް އަހަންނާއިމެދު ބެހެއްޓީ އޯގާތެރިކަން. މިސްކިތައް ވަދެފަ، ނަމާދު ނުކޮށް ހުރުމުން ވެސް ރުޅިވެރިކަމެއް ނުދައްކާ. އެއީ ކީއްވެތޯ؟" އޭނާ ސުވާލު ކުރިއެވެ.
ޖަވާބުގައި އިމާމު ބުންޏެވެ. "އެއީ މާތް ﷲ ގެ ކުޅަދުންތަންތަކަން. މިއީ ތިބާއަށް ތެދުމަގު ލިބިގަތުމަށް މާތް ﷲ ފަހިކޮށްދެއްވި ފުރުސަތެއްކަން ހަމަޔަގީން. އިސްލާމްދީނަކީ އޯގާތެރި ސުލްޙަވެރި މާތް ދީނެއްކަން އެކަލާނގެ ކުޅަދުންވަންތަކަމުން ތިބާއަށް އަންގައިދެއްވަނީ"
ފުންކޮށް ވިސްނާލުމަށްފަހު އެއީ ތެދެއްކަން އޭނާއަށް ވެސް ވިސްނުނެވެ. އަދި އޭނާއަށް އުޅެވުނު ގޮތާއިމެދު ހިތާމަކޮށް ރޮވެން ފެށުނެވެ.
އޭނަގެ ބައްޕަ އޭނާ މަސަލަސް ކުރުމުން ވެސް ހިތުގައި ޖެހި ރޮމުން އޭނާ ބުންޏެވެ.
"ހަމަޔަގީނުން ވެސް އަހުރެން މިހުރީ ފާސިގުވެފައެވެ. އެކަލާނގެ އަހުރެންނާމެދު މިހާރު ނުރުހޭނެ ކަންނޭނގެ އެވެ."
އޭނާގެ ނާއުއްމީދީ ވާހަކަތައް އިމާމު ހުއްޓުވިއެވެ. އަދި މާތް ﷲ ގެ އަމުރުފުޅާއި ޚިލާފަށް ގަހަކުން ފަތެއް ވެސް ހެލިނުލާ ކަމަށާއި އޭނާއަށް ތެދުމަގު ލިބިގަތުމަށް އެހިސާބަށް އާދެވުނީ ވެސް މާތް ﷲ ގެ އިރާދަފުޅުން ކަމަށް ބުންޏެވެ.
އެހިނދު ކަރުނަ ފޮހެލަމުން އޭނާ ބުންޏެވެ.
"އަހަރެން އިސްލާމްދީން ޤަބޫލު ކުރަމެވެ. އެނބުރި ދީނަށް ދެވޭނެ ގޮތް ބުނެ ދެއްވާށެވެ."
އިމާމު އޭނާއަށް ޝަހާދަތުގެ ދެކަލިމަ މާނައާއެކު ލައިދެއްވިއެވެ. އަދި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް އޭނާއަށް އުނގަންނައި ދެއްވާ، ނަމާދުގައި ކިޔާ ތަކެތިވެސް އެއް ދުވަސް ތެރޭ އެއްކޮށް އުނގަންނައި ދެއްވިއެވެ.
އެދުވަހަށް ފަހު އެންމެ ދުވަހަކުވެސް އޭނާ ނަމާދެއް ނާޅައެވެ. މީހުންނާއި މުޚާތަބު ކުރާ ގޮތްވެސް ބަދަލުކޮށް، ހިނިތުންވުމާއި އޯގާތެރިކަމާއެކު މުޚާތަބު ކުރަން ފެށިއެވެ.
އެއްބަސްވުމާއި އެއްގޮތަށް ދެ ހަފްތާ ހަމަވުމުން އޭނާގެ ބައްޕަ ކްރެޑިޓް ކާޑުތައް އަލުން ބޭނުން ކުރެވޭ ގޮތް ހަދައިދިނެވެ. ނަމަވެސް އޭނާ އެތަކެތި ބޭނުމެއް ނުވިއެވެ.
"ދުނިޔެވީ ޙަޔާތަށްވުރެ އުޚްރަވީ ޙަޔާތް އަހަންނަށް މާމުހިންމު. ފައިސާ ހޯދާނީ އަމިއްލައަށް ބުރަ މަސައްކަތް ކޮށްގެން. އަދި އިން-ޝާ ﷲ މަންމަ (ދޮން މަންމަ) އާއި ބައްޕަ ވެސް ދުނިޔޭގައި ހުރިހާ ހިނދަކު ބަލާނަން. ބައްޕައަށް ޝުކުރު އަދާކުރުމަކީ ބަސްތަކުން އަދާކުރެވޭވަރަށް ވުރެ ވެސް ބޮޑު ކަމެއް. އިސްލާމްދީނަށް އެނބުރިގޮސް ފުރިހަމަ މުސްލިމަކަށްވުމުން އަހަރެންގެ ކިބައިގައި ކުރިން ހުރި ރުޅިގަނޑާއި ނުތަނަވަސްކަން ވެސް ފިލައިގެން ގޮސްފި. އިޙްސާސްވަނީ އަހަރެންގެ ރޫޙު އަލިގަދަ ނޫރަކުން ދޮވެ ޠާހިރުވިކަން " ނިންމާލަމުން އޭނާ ބުންޏެވެ.