ޚަބަރު

މޭޑޭގައި ގެންގުޅުނީ ހެކީގެ އަސްލެއް ނޫން: ހޯމް މިނިސްޓަރ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގެއްލުވާލި މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލަ ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ގުޅުވައިގެން ދެއްކި ކަރުދާސް ތަކަކީ އަސްލެއް ނޫން ކަމަށާއި އޭގެ އަސްލު ވާން ޖެހޭ ތަނެއްގައި ވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުރީގެ ސަރުކާރާއި ދެކޮޅަށް 2015 ވަނަ އަހަރު ބޭއްވި ބޮޑު މުޒާހަރާ ކަމަށްވާ "މޭޑޭ" މުޒާހަރާގައި ރިޟްވާންގެ މައްސަލަ ރައީސް ޔާމީން އާ ގުޅޭ ކަމަށް ތުހުމަތުކޮށް ކަރުދާސްތަކެއް އިމްރާން ވަނީ އެއިރު ދައްކާފައެވެ. އެކަރުދާސްތަކުގެ ވާހަކަ ފަހުން ނުދައްކާ ހުންނެވުމަށްފަހު މިދިޔަ ހަފުތާގެ ހޯމަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި އިމްރާން ވިދާޅުވީ މޭޑޭ މުޒާހަރައިން އޭނާ ހައްޔަރު ކުރިއިރު، އެ ލިޔުންތައް ވެސް ފުލުހުން އަތުލާފައިވާ ކަމަށެވެ.

"މޭޑޭ މުޒާހަރާގައި ތި ބޭފުޅުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިޔަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން" އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރުގެ އެވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ރޭގައި ބައިވެރިވެ އިމްރާން ވިދާޅުވީ މޭޑޭގައި އޭނާ ދެއްކެވި ވާހަކަތައް ގިނަ ރައްޔިތުން މިހާރު ހަނދާން ނެތް ކަމަށާއި އެކަމަކު އެ ވާހަކަތައް އޭނާ ހަނދާން އެބަހުރި ކަމަށެވެ.

"އެދުވަހު އެއްވެސް ބޭފުޅަކަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ނުވާނެ، ހަމަ އެކަނި ބުނީ ރިޟްވާން އަދި އަފްރާޝީމްގެ މައްސަލައަށް ވީގޮތް އޭރުގެ ވެރިންނަށް އެނގޭނެ ކަމަށް. އަޅުގަނޑު އެ ބޭފުޅުން ބައިވެރިވި ކަމަށް ނުވަތަ އެ ބޭފުޅުން އެކަން ކުރެއްވި ކަަމަށް ކަމަށް ދޭހަވާނެ އެއްޗެއް ނުބުނަން. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ކަން ހިނގާ ދިޔަގޮތް. އެއީ އަޅުގަނޑު ދެންނެވި ވާހަކައަކީ" އިމްރާން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!