ރިޕޯޓް

ސިއްޙީ އެތައް މައްސަލަތަކެއް ތަޙައްމަލު ކުރަމުންދާ އުމުރުން 4 އަހަރުގެ އުޒިލް، އެހީއަށް ބޭނުންވެފައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮންމެ މަޔަކު ވެސް އަދި ބަފަޔަކު ވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހުންގެ ދަރިންނަަށް ދުޅަހެޔޮ ރަނގަޅު ސިއްޙަތެއް ލިބުމެވެ.

Ads by STELCO

އުމުރުން އެންމެ ހަތަރު އަހަރުގެ އުޒިލް ޔޫސުފް ގެ މައިންބަފައިން ވެސް ދެކެމުން އަންނަ ހުވަފެނަކީ އެއީ އެވެ. ނަމަވެސް އުޒިލް އަކީ ތަފާތު ކުއްޖެކެވެ. އުޒިލްގެ ވާހަކަ އޭނާގެ މަންމަ އަޒްނާ ވަނީ "ދެން"އާ ހިއްސާ ކޮށްފައެވެ.

"އޭނަ ދުނިޔެއަށް އައިއިރު ވެސް ހަތަރެސްފައި އޮންނަނީ ލެނބިފައި. ސީދަލެއް ނުކުރެވޭ. އިނގިލިތައް ވެސް ހުރީ ލެނބިފަ. އެހެންވެ އުފަންވިތާ 12 ވަނަ ދުވަހުން ފެށިގެން ވެސް ޑޮކްޓަރަށް ދައްކަނީ. ދެއްކީމަ ބުނީ ދުނިޔެއިން ކޮންމެ އެއްލައްކަ މީހެއްގެ ތެރެއިން އެކަކަށޯ މިހެން ވަނީ. މިއީ ކޮން ކަހަލަ ކަމެއްކަން ކުރިން އެނގިފައެއް ނުވޭ. ކްރޮމޮޒޯމް ޓެސްޓެއް ހަދައިގެން ވެސް ނޭނގުނު. އެހެންވެ ދެން އަވަހަށް ބޭސް ފަރުވާ ފެށޭތޯ ބެލީ" އަޒްނާ ކިޔައިދިނެވެ.

ކަށީގެ ޑޮކްޓަރަކަށް ކުރިން ދެއްކުމުން ކުއްޖާއަށް 8 މަސް ވުމަށްފަހު އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ބުނި ކަމަށް އަޒްނާ ބުންޏެވެ. ނަމަވެސް އެއް އަހަރުވުމުގެ ކުރިން އޮޕަރޭޝަން ނުކުރެވިއްޖެނަމަ ސިކުނޑި މައްސަލަ ޖެހިދާނެ ކަމަަށް ބުނި ކަމަށް ވެސް ވެއެވެ.

އަށް މަސް ވަންދެން އަތްފައި ސީދާ ވޭތޯ ޕްލާސްޓަރު އެޅި ކަމަށާއި ނަމަވެސް ސީދާ ނުވި ކަމަށް ވެސް އަޒްނާ ބުންޏެވެ.

"އަށް މަސް ފުރުނީމަ އެއް އަތާއި އެއް ފައިގެ އޮޕަރޭޝަން ކުރި. އަނެއް މަހު އަނެއް އަތާއި އަނެއް ފަޔާއި ކުރީ. ފައި އޮޕަރޭޝަން ކުރިޔަސް ސީދަލެއް ނުވި، ހުންނަނީ ވަރަށް ހިމަކޮށް. އަތްފައިގެ އިނގިލިތައް ވެސް ހުންނަނީ ވަރަށް ހިމަކޮށް" އަޒްނާ ބުންޏެވެ.

އުޒިލްގެ އަތްފައިގެ މިމައްސަލަތައް ހުއްޓާ ދެން ފާހަގަވީ ލޮލުގެ ފެނުމުގެ މައްސަލައެއް ވެސް ހުރި ކަމެވެ. އެގޮތުން އެއްޗެއް އަތަށް ދިނުމުން ވެސް ލޮލާ ވަރަށް ބޮޑަށް ކައިރި ކޮށްގެން ބަލާކަން އޭނަގެ މައިންބަފައިންނަށް ފާހަގަވިއެވެ.

"އެކަން ފާހަގަ ވެގެން ޑޮކްޓަރަށް ދެއްކީމަ ބުނީ ލެންސް ނަގަންށޭ ޖެހޭނީ. އެއް ލޮލުގެ ލެންސް އިނީ އިންނަންވާތަން ނޫން އެހެން ތަނެއްގައޭ. އެހެންވެ އެ ލޯ އޮޕަރޭޝަން ކޮށްފަ އެ ވެސް ނެގީ" އަޒްނާ ބުންޏެވެ.

އުޒިލްގެ މައިބަދަ ވެސް ލެނބިފައި ހުންނާތީ އޭނާއަކަށް ނުހިނގެއެވެ. އެކަމުގައި ކުރިން އޮޕަރޭޝަން ނުކުރެވުނީ އުޒިލް ކުޑަކަމުން ކަމަށާއި، ނަމަވެސް ފަހުން މާބޮޑަށް ލެނބިފައިވާތީ އޮޕަރޭޝަން ކުރަން ޖެހޭނެކަމަށް ޑޮކްޓަރުން ބުނި ކަމަށް އަޒްނާ ބުންޏެވެ.

"އެއިރު އޮޕަރޭޝަން ކުރަން ހުރިހާ ކަމެއް ތައްޔާރުކޮށްފަ، ފަހުން ބުނީ ނެތޭ ކުރެވޭކަށް. ތަންކޮޅެއް އަދިވެސް ކަށި ބައްޔޭ، އިސްކުރު ޖަހާ ހަދައިފިއްޔާ ފަޅައިގެން ގޮސްފާނެއޭ. އެހެން ކިޔާފަ ޕްލާސްޓަރެއް އެޅީ. އެކަމަކު ދަރިފުޅު ބޮޑުވާން ފެށީމަ އޭތި ބާރުވެގެން ނައްޓާލީ. އެއިރު ޕްލާސްޓަރު އަޅާލާފަ ނައްޓަން ވެސް އެއްލައްކަ ރުފިޔާ ޚަރަދުވި” އަޒްނާ ބުންޏެވެ.

އުޒިލްގެ ބައްޕަ އަކީ އިންޑިއާ މީހެކެވެ. އުޒިލް އަށް ބޭސްކުރަން ވެސް ޖެހޭތީއާ އެކީ އެއާއިލާ މިހާރު ދިރިއުޅެމުން ދަނީ ވެސް އިންޑިއާ ގައެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ޖެހުނު ފަހުން އުޒިލްގެ ބައްޕަގެ ވަޒީފާ ވަނީ ގެއްލިފައެވެ. މިހާރު އެއާއިލާ ދިރިއުޅެމުން ދަނީ މާލޭގައި އަޒްނާގެ ގެއިން ކުލީގެ ގޮތުގައި ލިބޭ 7000 ރުފިޔާއިން ކަމަށް އަޒްނާ ބުންޏެވެ.

އުޒިލްގެ ބޭސްފަރުވާ އަދިވެސް ކުރިއަށް ގެންދަން ޖެހޭތީ އާއިލާއިން އެދެނީ ދީލަތި އެހީތެރި ކަމަށެވެ.

އުޒިލް އަށް އެހީވުމަށް: 7701131834101 (އަޒްނާ އިބްރާހިމް ރަޝީދު) އަށް ފައިސާ ޖަމާކޮށްދެއްވާށެވެ.
އިތުރު މައުލޫމާތު: 00919846096611 (އަޒްނާގެ އިންޑިއާ ނަންބަރ) އަށް ގުޅުއްވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށް ހިއްސާ ކުރެއްވުން އެދެމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!