ރިޕޯޓް

ފުރަތަމަ ދިމާވީ ހަމުގެ މައްސަލައެއް, ދެން ގެއްލުނީ މަފާޒުގެ ލޮލުގެ ފެނުން, އާއިލާއިން އެދެނީ ދީލަތި އެހީއަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަރިންނަކީ ދުނިޔެއާއި އާޚިރަތުގެ ފައިދާއަށް ޓަކައި މާތް ﷲ ދެއްވާ ބޮޑު ނިޢުމަތެކެވެ. އެއީ މައިންބަފައިންގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމެވެ. ދަރިއަކު އުފަންވާ ހިސާބުން ފެށިގެން އުފަލާއި، ހިތްހަމަޖެހުމާއި، ހިތް ނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، މި ނޫން ވެސް އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. މި ދުނިޔެއަކީ އުނި ތަނެއްކަން ދަނެ، ދުނިޔޭގައި ދިމާވާ އެންމެހައި އިމްތިހާންތަކަށް ކެތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

Ads by Hajj Corporation

މިއީ އުމުރުން 13 އަހަރުގެ މުޙައްމަދު މަފާޒުގެ ވާހަކައެވެ. ވަރަށް ބަސްއަހާ އަދި ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ މޮޅު ކުއްޖެކެވެ. ގްރޭޑް 8ގައި ތައުލީމް ހާސިލްކުރަން ޖެހިފައިވާ މަފާޒްގެ ބަލި ހާލަތު ތަން ނުދޭނީ މިހާރު ސްކޫލަށް ދެވޭ ގޮތެއް ނުވެއެވެ. މަފާޒަށް މިވަގުތު މިވަނީ އަޅުގަނޑުމެންގެ ހެޔޮ ދުޢާ އާއި ދީލަތި އެހީއަށް ބޭނުންވެފައެވެ. 

މަފާޒުގެ ބައްޕަ މައުސޫމް ހަސަން ބުނީ އެންމެ ފުރަތަމަ މަފާޒަށް ޖެހުނީ ހަމުގެ މައްސަަަލައެއް ކަމަށެވެ. އޭރު ބުނެފައިވަނީ އެއީ އެލާޖިކެއް ކަމަށާއި ބޭސް ދީފައި ހުރީ ވެސް އެލާޖިކަަށް ކަމަށް މައުސޫމް ބުންޏެވެ. ހަމުގެ މައްސަލައާ އެކު ގދ. ތިނަދޫގައި ހުންނަ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މަފާޒު ދައްކަމުންދިޔަ ކަމަށާއި އޭގެ ފަހުން ދެން މާލެ ބަދަލުވި ކަމަށް މައުސޫމް ބުންޏެވެ.

މާލެ އައިސް އެކި ކްލިނިކްތަކަށާއި ހޮސްޕިޓަލްތަކަށް ދައްކާފައިވާ ކަމަށާއި ނަމަވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ބުންޏެވެ. "ނަމަވެސް އޭޑީކޭ އަށް ދެކުމުން ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށްބުނި" މައުސޫމް ކިޔައިދިނެވެ.

މަފާޒަށް ޖެހިފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ވަރނަލް ކެރަޓޯކޮންޖަންކްޓިވައިޓިސް (ވީކޭސީ)" އެވެ. މި ބައްޔަކީ މޫސުމީ ގޮތުން ރިކަރަންޓް، ބައިލެޓަރަލް އަދި ސީރިއަސް ވައްތަރެއްގެ އެލާޖިކް އިންފްލެމޭޝަންގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބާވަތުގެ އެލާޖިކްގެ ސަބަބުން ލޮލުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މި ބައްޔަށް ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލޭނެއެވެ.

މަފާޒަށް ނުވަ އަހަރު ވަންދެން ލޮލުގެ 17 ސާޖަރީއެއް ވަނީ ހަދާފައެވެ. އަދި ފަރުވާއަށް 27 ފަހަރު އިންޑިއާއަށް ދިޔަ ނަމަވެސް ބައްޔަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.

މަފާޒު އަަބަދު ޑޮކްޓަރަށްދައްކަން މާލެއަށް އަންނަން ޖެހުމާއި، އެހެނިހެން ކަންކަމާއި ގުޅިގެން މަފާޒުގެ އާއިލާ މިވަގުތު ދިރިއުޅެމުން ދަނީ މާލޭގައެވެ. ލިބޭ މުސާރައިން މާލޭގައި އުޅޭ ތަނުގެ ކުލި ދެއްކުމާއި ބޭނުންވާ އެހެނިހެން އަސާސީ ހަރަދުތައް ކުރަން ޖެހެއެވެ. ހުރިހާ ހަރަދެއް ކުރުމަށް ފަހުވެސް އެ އާއިލާއިން މަސައްކަތް ކުރަނީ ދަރިފުޅު މަފާޒަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ފައިސާ ރައްކާކުރުމަށެވެ.

މަފާޒުގެ ހާލަތު އިތުރަށް ކިޔާދެމުން މައުސޫމް ބުނީ މަފާޒު ބޭނުންވަނީ އަބަދުވެސް އަނދިރީގައި އުޅެން ކަމަށެވެ. އަދި އޮންނާނީ އަބަދުވެސް ލޯ މަތީގައި ބާލިހެއް އަޅައިގެން ކަމަށެވެ. ސަބަބަކީ އަލި ޖެހުމުން މަފާޒަށް އުނދަގޫ ވާތީއެވެ. މަފާޒުގެ މި އުދަނގޫ ދަތުރުގެ ކޮންމެ ސިކުންތެއްގައި ވެސް އޮތީ ކެތްތެރިކަމެވެ. ކެތްތެރިވުން ނޫން ގޮތެއް ނެތެވެ.

އިންޑިޔާގައިި މަފާޒު ވަނީ އަގަރުވާލާ ހޮސްޕިޓަލާއި، އަރަވިންދު ހޮސްޕިޓަލަށާއި، ޓައިޓޭނިކް އަށްވެސް ދައްކާފައެވެ. ނަމަވެސް އެ ހޮސްޕިޓަލުތަކުންވެސް އަންގާފައިވަނީ ދެން މަފާޒަށް ފަރުވާއެއް ދެވޭނީ އުމުރުން 20 އަހަރާއި 25 އަހަރާއި ދެމެދުގައި ކަމަށެވެ. އާންމުންގެ އެހީތެރިކަމަށް އެދިގެން ނަމަވެސް މިއަދު މަފާޒުގެ އާއިލާއިން ބޭނުންވަނީ އިތުރު ފަރުވާއެއް މަފާޒަށް ދީ ބަލިން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުމެވެ.

 

މަފާޒުގެ ބައްޕަ ބުނީ ތައިލެންޑަށް މަފާޒު ގޮވައިގެން ދެވިއްޖެ ނަމަ ފަރުވާ އަވަސްވެ މިއަށްވުރެ ލިބޭ ވޭން ކުއްޖާ އަށް ކުޑަވެގެންދާނެ ކަމަށެވެ. މަފާޒު ގޮވައިގެން ދާން ގަސްތު ކޮށްފައިވަނީ ތައިލެންޑުގެ 'ބުމުރުންގާޑް' ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގެ ކޯނިއާ ޓްރާންސްޕްލާންޓް ސެންޓަރަކީ ތައިލޭންޑްގައި އެބައްޔަށް ފުޅާ ދާއިރާއެއްގައި ފަރުވާ އާއި ހިދުމަތް ފޯރުކޮށްދޭ ސެންޓަރެކެވެ.

އެ ބަލީގެ ފަރުވާއަށް ތައިލެންޑުގެ ބުމަރަންގާޑު ހޮސްޕިޓަލުން ނަގާނެ ކަމަށް ލަފާ ކުރެވޭ އަދަދަކީ 33000 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ފަސްލައްކަ ފަސްދޮޅަސް ހާސް ފައްސަތޭކަ ފަންސާސް ރުފިޔާއެވެ. މީގެ އިތުރުން ހުރުމުގެ ޚަރަދާއި ކެއުމުގެ ޚަރަދު ވެސް ކުރަން ޖެހޭތީ އެ އާއިލާއިން އެދެނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކަށެވެ.

މަފާޒު އެ ބަލި ތަހައްމަލު ކުރަން ޖެހުނު ނަމަވެސް އެއީ ﷲގެ ނިޔާކަމަށާއި އެ އިލާހުގެ ފަރާތުން ކުރިމަތިވާ އިމްތިހާންކަން ދެނެތިބެ މަފާޒުގެ އާއިލާ އިން ދަނީ ޙަޤީޤަތާ ކުރިމަތިލަމުންނެވެ. ޢާއިލާ މެމްބަރުން ވެސް ދަނީ މަފާޒުގެ ފަރުވާއަށް އެމީހަކަށް ވީ މިންވަރަކުން އެހީވަމުންނެވެ. ﷲ ތަޢާލާ އެކި އިންސާނުންނަށް ފުދުންތެރި ކުރައްވާ ތަނަވަސް ކުރެއްވީ އެކި މިންވަރަށެވެ. އިޚްލާޞްތެރި ނިޔަތެެއް އޮތް ނަމަ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކުރެވޭ ޞަދަޤާތުގެ ޖަޒާ އެތައް ގުނައަކުން އިތުރު ކުރައްވާނެތެވެ.

މަފާޒްއަށް އެހީތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރ: 7712216293101 (މައުސޫމް ހަސަން)

ބީއެމްއެލް ޑޮލަރ އެކައުންޓު ނަންބަރ7730000435922 (މައުސޫމް ހަސަން)

އިތުރު މައުލޫމާތު ހޯދުމަށް: 7798697 މައުސޫމް ހަސަން (މަފާޒްގެ ބައްޕަ)

މާތް ﷲ މަފާޒްއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވައި، އަވަސް މުސްތަޤުބަލެއްގައި މި ޙާލަތުން ސަލާމަތް ކުރައްވާށިއެވެ. އާމީން!

Ads by Ooredoo
  1. ޖައުފަރު

    އިންޑިޔާގައިި މަފާޒު ވަނީ އަގަރުވާލާ ހޮސްޕިޓަލާއި، އަރަވިންދު ހޮސްޕިޓަލަށާއި، ޓައިޓޭނިކް އަށްވެސް ދައްކާފައެވެ.

    ޓައިޓޭނިކް އެއީ ކޮންތަނެއް؟