ޚަބަރު

މާލެއާއި ކާށިދޫއާއި ދެމެދު ކޭބަލް ކާރު އަޅައިގެން ދަތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން: އަސްލަމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. ކާށިދޫ އާއި ކ.ގާފަރާއި މާލެއާ ދެމެދު ކޭބަލް ކާރު އަޅައިގެން ދަތުރު ކުރެވޭ ގޮތް ހެދުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ހަމަ ބުއްދީގައި ހުރެގެން އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އަސްލަމް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެން ޖެހޭ މި ޒާތުގެ ކަންކަމަކީ ވާނެ ކަންކަމެއް ނޫން ކަން. އަޅުގަނޑު ގަބޫލެއް ނުކުރަން މިއީ ވާނެ ވަރުގެ ކަމެއް ކަމަކަށް ވެސް. އަދި މިއީ ކުރަން ހެޔޮ ވާ ވަރުގެ ކަމެއް ވެސް ނޫން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އެހެން ވިދާޅުވުމާއެކު ޖާބިރު ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އެގޮތުން ޖާބިރު ވަނީ ޕެރިހުން ލަންޑަށް ކޭބަލް ކާރު ދުއްވާކަން ފާހަގަކޮށްފައެވެ. އަދި ކަންކަން އޮޅުވާލަން މިނިސްޓަރު މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކާށިދޫ އާއި މާލެ އަކީ ޕެރިސް އާ ލަންޑަން ނޫން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވި ގޮތުގައި ކާށިދޫން އެއްވެސް ރަށަކާ ދެމެދު ދަތުރު ކުރެވޭ ގޮތަށް ކޭބަލް ކާރު އެޅުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!