ޔައުގޫބުގެ މެންބަރުކަމުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ޢަބްދުﷲގެ މެންބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅާ ދެއްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް)ގެ ކައުންސިލަށް އައްޔަނު ކުރުމުން އެ މަގާމު ޔައުގޫބު ވަނީ ބަލައިގެންފައެވެ. ޤާނޫނުގައި ބުނާ ގޮތުންނަމަ މަޖިލިސް މެންބަރަކަށް ހުންނަވާ އެފަދަ މަޤާމެއް ބަލައިގެންފިނަމަ، މެންބަރުކަން ގެއްލޭނެއެވެ.
ޔައުގޫބު ފަހުން ވަނީ އައިސީއޭއެމްގެ ކައުންސިލު މަގާމު ދޫކޮށްލައްވާފައެވެ. ނަމަވެސް އިދިކޮޅުން ބުނެފައި ވަނީ ޔައުގޫބުގެ މެންބަރުކަން މިހާރު ވާނީ ގެއްލިފައި ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި އިދިކޮޅު ކޯލިޝަންގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލް އައްސަދު ޝަރީފެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގައި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. މިއަދުގެ އަަޑުއެހުން ނިންމަވާ ލައްވަމުން ހުސްނުއްސުއޫދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރުމަށް ނެތް ނަމަ މި މައްސަލައިގައި ދެން އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.