ޒިޔާދުގެ ޝަރީޢަތް ކެންސަލް ވެއްޖެ
ޒިކުރާ މިސްކިތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލައިގެ މިއަދަށް ތާވަލު ކުރެވުނު ޝަރީޢަތް ކެންސަލް ވެއްޖެއެވެ.
ޒިޔާދުގެ މައްޗަށް އުފުލާފައި ވަނީ އޭނާ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލް އާއި ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުން ވާގޮތަށް އެކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނެ ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތެވެ.
މި މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު ފަހު 3 ޖަހާއިރު ތާވަލު ކޮށްފައިވާއިރު، އެ އަޑު އެހުން ވަނީ މިއަދު ކެންސަލް ކޮށްފައެވެ. އަދި މި ޝަރީއަތް ކެންސަލް ކޮށްފައިވާ ސަބަބެއް ކްރިމިނަލް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ.