ޚަބަރު

ސައުދު އަލްހާނަށް: ޤައުމެއްގެ ހުރިހާ ކުލައެއްގެ ޔުނީފޯމް ލީމަ ވެސް ކާމިޔާބު ނުވުމަކީ ޤާސިމްގެ ކުށެއްތޯ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީއަށާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް، މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވަން އުޅުއްވާ އަލްހާން ފަހުމީ ފާޑު ވިދާޅުވުމުން، ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ އަކީ ފިކުރެއް ނޫން ކަމަށާއި 15 އަހަރު ވީއިރު ވެސް ލީޑަރަކީ ގާސިމް ކަމަށެވެ.

"އެމަނިކުފާނު ވެރިކަމުގެ ހިއްސާ ހޯއްދަވަން ދަތުރު ކުރައްވާ އުޅަނދަކަށް ނޫނީ ނުވި. އައު ސިޔާސީ ލީޑަރޝިޕަކަށް ފުރުސަތު ނެތުމަކީ ޑިމޮކްރަސީ ދަންނަ ސަގާފަތެއް ނޫން" އަލްހާން ބުނެފައިވެއެވެ.

އަލްހާނަށް ރައްދު ދެއްވައި ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ސުވާލު ކުރައްވާފައި ވަނީ، ސިޔާސީ ގޮތުން އަލްހާން ފެއިލް ވުމަކީ ގާސިމް އިބްރާހިމްގެ ކުށެއްތޯއެވެ.

"ޤައުމެއްގެ ހުރިހާ ކުލައެއްގެ ޔުނީފޯމް ލީމަވެސް ކާމިޔާބު ނުވުމަކީ ޤާސިމްގެ ކުށެއްތޯ؟ އެމެރިކާ ރައީސް ޓްރަމްޕްހެން މީޑިއާގެ ސަމާލުކަން ހޯދަންވެގެން ދެއްތޯ ތިއުޅުއްވަނީ؟" ސައުދު ވިދާޅުވިއެވެ.

އަލްހާން ފަހުމީ އަކީ ކުރިން ރައީސް މައުމޫންގެ ލީޑަރޝިޕްގައި ޑީއާރްޕީ ގެ މެންބަރެކެވެ. އެއަށްފަހު އެމްޑީޕީ އަށް ގުޅިވަޑައިގެން އެޕާޓީގެ ނައިބު ރައީސް ކަމަށް ވެސް 2011 ވަނަ އަހަރު ހޮވި ވަޑައިގެންނެވިއެވެ. ނަމަވެސް 2012 ވަނަ އަހަރު އެމަގާމުން ވަކި ކުރެއްވުމުން، އަލްހާން ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ. އަދި ފަހުން އެޕާޓީން ވަކިވެ ޕީޕީއެމް އާއި ގުޅި ވަޑައިގެންނެވިއެވެ. ނަމަވެސް 2018 ވަނަ އަހަރު އެޕާޓީން ވަކިވެ ވަޑައިގެން އަލްހާން އަނެއްކާ ވެސް ވަޑައިގެންނެވީ ޖޭޕީ އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!