ލައިފްސްޓައިލް

ބިސް ކެއްކުމަށްފަހު ފެންފޮދު އުކާނުލާ، ތިޔަ ބޭކާރު ކޮށްލެވެނީ ވަރަށް ބޭނުންތެރި ފެންފޮދެއް!

ބިސް ފެނު ކެއްކުމަށްފަހު އަބަދުވެސް ފެންފޮދު އުކާލަނީ ދޯއެވެ؟ ބޭކާރު އެއްޗެއް ކަމަށް ހީކޮށް ގިނަ މީހުން އުކާލާ މި ފެނަކީ ހަޤީޤަތުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ

ގަސް ހައްދާ މީހުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެސް ވެދާނެއެވެ. ގަސް ހެއްދުމަށް އުނދަގޫ ވާ ފަރާތްތަކަށް މި ފެނުން ހައްލު ލިބިދާނެއެވެ. ސަބަބަކީ ހެއްޔެވެ؟ ބިހުގެ ތޮށިގަނޑަކީ ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވިގެންވާ އެއްޗެކެވެ. ބިސް ފެނު ކެއްކުމުން ކެލްސިއަމްތައް ފެނުގައި ހަރުލައެވެ. އަދި މި ކެލްސިއަމް އަކީ ގަސްތައް ހެދިބޮޑު ވުމުގައި މުހިއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ގަސްތަކަށް މި ފެން ދިނުމުގެ ސަބަބުން ފަސްގަނޑުގައި ޕީ.އެޗް ލެވެލް އެކުލެވޭ މިންވަރު ރަނގަޅު ވަރެއްގައި ހިފަހައްޓައި ދެއެވެ. އޭގެ ސަބަބުން ގަސް ހެދިބޮޑު ވުމަށް ބޭނުންވާ ޤުދުރަތީ މާއްދާތައް ގިނައިން ލިއްބައިދެއެވެ. އެހެންކަމުން ގަސްތައް އަވަހަށް ހެދިބޮޑުވެ ފެހިކަން ގަދަވެއެވެ.

ބިސް ފެނު ކެއްކުމަށް ފަހު ބާކީވާ ފެންފޮދެކޭ އެއްފަދައިން ބިހުގެ ތޮށިގަނޑަކީ ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. ފިނިހަކަ ފަދަ ގަސްތަކުގެ ދުޝްމިނުންގެ ކިބައިން ގަސްތައް ސަލާމަތްކުރުމަށް ބިހުގެ ތޮށިގަނޑު ބޭނުން ކުރެވިދާނެއެވެ. އެގޮތުން ބިހުގެ ތޮށިގަނޑު ފުނޑުފުނޑު ކޮށްލުމަށްފަހު ގަސް ކައިރިއަށް އަޅާލާށެވެ. އޭރުން މިފަދަ ސޫފިތައް ގަސްތަކާ ކައިރިއެއް ނުވާނެއެވެ. ސަބަބކީ ބިހުގެ ތޮށިގަނޑު އެއީ ފިނިހަކައިގެ އިތުރުން ފަނިތައް ވެސް ގަޔާވާ އެއްޗަކަށް ނުވާތީީއެވެ.

މިގޮތަށް ފެން ދިނުމުގައި ވެސް އާއްމުކޮށް ގަހަށް ފެން ދިނުމުގައި ގެންގުޅޭ އުސޫލުތަކާ ތަފާތެއް ނެތެވެ. އަބަދުވެސް ފެންދޭ މިންގަނޑާއި އެއްގޮތަށް ފެން ދޭށެވެ.

އެހެންކަމުން ދެން ފަހަރަކުން ބިސް ފެނު ކެއްކުމަށްފަހު ބިހުގެ ފެންފޮދު އުކާ ނުލައްޗެވެ. އެއީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!