ލައިފްސްޓައިލް

ގަހަށް ފެން ނުދީ ނުބަހައްޓާތި، ގަސް ވެސް ކަރުނަ އަޅާ ރޯ ކަމަށް ދިރާސާއަކުން ދައްކައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގަސްގަހަށް ގެއްލުން ދިނުމުން އެ ގަސްތައް ރޮއެ ހަދާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by STELCO

ޓެލް އަވިވް ޔުނިވާސިޓީން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ބައެއް ގަސް ގަހަށް އަނިޔާ ދިނުމުން، އެގަހުން ހައިފްރިކުއެންސީ އަޑެއް ބޭރުކުރެއެވެ. އަދި އެއީ އެގަހަށް ތަދުވުމުން ވާ ކަމެކެވެ.

މި ދިރާސާކުރުމަށް ދިރާސާވެރިން ވަނީ ދުންފަތް އަދި ޓޮމާޓޯ ގަސް ބޭނުން ކޮށްފައެވެ. އަދި ގަހަށް ފެންދޭ މިންވަރު މަދުކޮށް ގަހުން ބައެއް ގޮފިތައް ވެސް ބުރި ކޮށްފައި ވެއެވެ.

ގަހަށް އޭގެ ސަބަބުން ކުރާ އަސަރު ދިރާސާވެރިން ދެނެގަތީ ހައި ފްރިކުއެންސީ ދެނެގަންނަ ކުޑަ މައިކެއް ކޮންމެ ގަހެއްގެ 10 ސެންޓިމީޓަރު ދުރުގައި ބަހައްޓައިގެން އަޑު ރެކޯޑު ކޮށްގެންނެވެ.

ދިރާސާވެރިން ބުނި ގޮތުގައި މި ގަސްތަކަށް އަނިޔާވުމުން އެގަހުން 20 އަދި 100 ކިލޯހާޓްޒް އާ ދެމެދުގެ އަލްޓްރާސޯނިކް ފްރިކުއެންސީއެއް ބޭރުކުރެއެވެ. އެގޮތުން ގަހުން ގޮފި ކަނޑާއިރު ޓޮމާޓޯ ގަހުން ގަޑިއިރެއްގެ ތެރޭގައި މިފަދަ 25 އަޑު ވަނީ ބޭރުކޮށްފައެވެ. އަދި ޓޮމާޓޯ އާއި ދުންފަތް ގަހަށް ވެސް ފެން ނުދީ ގިނައިރު ވުމުން ގަޑިއިރަކު 35 އަލްޓްރާސޯނިކް އަޑު ބޭރުކޮށްފައިވެއެވެ.

އަދި މި އަޑުތަކަކީ އެގަސްތައް އޭގެ ހާލު އެހެން ގަސްތަކަށް ކިޔައިދިނުމުމުގެ ގޮތުން ބޭރުކުރާ އަޑުތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!