ދީން

އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، ތައުބާވާން ބޭނުންނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއް؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަހަރެމެންގެ ތެރެއިން މަދުން ނަމަވެސް ހަމަ އެއްގޮތަކަށް ވެސް ނަމާދު ނުކޮށް އުޅޭ މީހުން ފެނެއެވެ. ނަމަވެސް ޙަޔާތުގެ އެކި ހިސާބުތަކުން ދިރިއުޅުމުގެ މަގުސަދާއި އަންނަން އޮތް ހަޔާތާމެދު ފިކުރު ކުރެވި ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން އެކަންކަން ވިސްނި ، ޙަޔާތުގެ ބާކީ އޮތް ބައި ހެޔޮ ގޮތުގައި އުޅެން ބޭނުންވާ މީހުން ފެނެއެވެ.

Ads by STELCO

ސުވާލަކީ އެފަދަ މީހަކު ނުވަތަ އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއްތޯއެވެ؟ މި ސުވާލަށް އަލްމަރުޙޫމް ޑރ. ޢަބުދުލްމަޖީދު ޢަބުދުލްބާރީ ވަނީ ޖަވާބު ދެއްވާފައެވެ. މާތްﷲ އެމަރުޙޫމާގެ ފާފަ ފުއްސަވާ ރަޙުމަތް ލައްވާށިއެވެ. އާމީން!

"ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަޤުތަށް ވުރެ ފަސްކުރުމީ ހުއްދަ ކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މި ދެޙާލަތުން ކުރެ ޙާލަތެއްގައި ވަގުތަށްވުރެ ނަމާދެއް ފަސް ކުރެވިއްޖެ ނަމަ، ހޭލެވުމުން ނުވަތަ ހަނދާން ވުމުން ވަގުތުން އެނަމާދު ކުރަންވާނެއެވެ.

އެހެނެއްކަމަކު، ދެނަމާދު ޖަމާކުރަން ޤަސްތުކުރާ މީހަކުނަމަ، ޖަމަޢުކުރުމުގެ ނިޔަތުގައި އަނެއް ނަމާދުގެ ވަގުތަށް ކުރިއަށް އޮންނަ ނަމާދު ފަސްކުރެވިދާނެއެވެ. ސުވާލުގައި ވިދާޅުވެފައިވާ ފާއިތުވެ ގޮސްފައިވާ ނަމާދުތަކާ މެދު ޢަމަލު ކުރަން ޖެހޭ ގޮތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ. ހަތަރު މަޛްހަބުގެ އިމާމުން ވިދާޅުވާ ގޮތުގައި އެނަމާދުތައް ޤަޟާކުރަން ވާނެއެވެ. އަދި އެދުވަސްތަކުގެ ޢަދަދު ނޭނގޭ ކަމުގައި ވާނަމަ ޔަޤީން ވާ މިންވަރަށް ފުރިހަމަ ކުރަންވާނެއެވެ.

ނަމަވެސް މިމައްސަލަ އިތުރަށް ދިރާސާ ކުރައްވައި ތަޙުޤީޤު ކުރައްވާފައިވާ ބޮޑެތި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، މިގޮތަށް އެތައް ދުވަސްތަކެއް ވާންދެން ނުކޮށް ދޫކޮށްލެވިފައިވާ ނަމާދުތައް ޤަޟާކުރުމެއް ނޯވެއެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އޮތީ، ތައުބާވެ ގިނަގިނައިން އިސްތިޣްފާރުކޮށް، ﷲ ގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވައި، ސުންނަތް ނަމާދުތައް ކުރުން އިތުރުކުރުމާއެކު، ގިނަގުނަ ހެޔޮ ޢަމަލުތައް އިތުރު ކުރުމެވެ. މިގޮތަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚުލްއިސްލާމް އިބުނު ތައިމިޔާއާއި، އަލްއިމާމު އިބުނުލްޤައްޔިމާއި، ދާއޫދުއް ޡާހިރީއާއި، އަލްއިމާމު އިބްނު ޙަޒުމާއި، ފަޟީލަތުއްޝައިޚް ޑރ. ޔޫސުފު އަލްޤަރުޟާވީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. މިމައްސަލައިގައި އިތުރަށް ދަންނަވަންޖެހޭ ނުކުތާއަކީ، ޤަޟާކުރަން ޖެހޭނޭ ކަމަށް ވިދާޅުވާ ޢިލްމުވެރިން ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި، އެނަމާދުތައް ޤަޟާކުރި ކަމުގައި ވިޔަސް ތައުބާ ނުވާހާ ހިނދަކު، ނަމާދު ވަގުތުން ފަސްކުރުމުގެ ފާފަ ފޮހެވިގެން ނުދާނެއެވެ.

އެހެންކަމުން މިމައްސަލައިގައި ބޮޑަށް ބުރަ ވެވެނީ، އެތައް ދުވަސްތަކެއް ވާންދެން ދޫކޮށްލާފައިވާ ނަމާދުތައް ޤަޟާކުރުމަކީ އޮތްކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އޮތީ، ހިތް ނިޔަތް ޚާލިސް ކޮށްގެން ﷲގެ ޙަޟްރަތަށް ތައުބާވެ، ހެޔޮކަންތައް އިތުރުކޮށް، ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ. ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނޭ ކަން އަންގަވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. "التوبة تجب ما قبلها" މާނައީ"ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނެތެވެ".

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!