ލައިފްސްޓައިލް

އެލޯވޭރާ ގަސް ރީއްޗަށް ހައްދާލަން ބޭނުންތަ؟ ދޮންކެޔޮ ވަކެއްގައި އިންދާލަބަލަ !

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދޮންކެޔޮ ވަކަކާއި އެލޯވޭރާ ގަހަކާއި ހުރީ ކޮން ގުޅުމެއް ބާވައެވެ. މި ދޭތި ބޭނުންކޮށްގެން މޮޅު ކަމެއް ކުރެވިދާނެ ބާވައެވެ. އެލޯވޭރާ ގަހަކީ އަޅުގަނޑުމެން ދިވެހީން ވެސް މިހާރު ވަރަށް ގިނައިން ހައްދާ ގަހެކެވެ. ގޯތި ތެރޭގައި ނުވަތަ ބެލްކަނީގައި ނަމަވެސް އެލޯވޭރާ ގަހެއް ހެއްދޭތޯ ގިނަ ބަޔަކު މަސައްްކަތް ކުރެއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެލޯވޭރާ އަކީ ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗަކަށް ވާތީއެވެ. ނަމަވެސް ސުވާލަކި އެލޯވޭރާ އާއި ދޮންކޭލާ އޮތީ ކޮންގުޅުމެއް ތޯއެވެ. މި ސުވާލުގެ ޖަވާބު މި ލިޔުން ކިޔާލުމުން ލިބިގެން ދާނެއެވެ.

Ads by STELCO

އެލޯވޭރާ އާއި ދޮންކޭލާ އޮތް ގުޅުމުގެ ވާހަކަ ދެއްކުމުގެ ކުރިން އެލޯވޭރާގެ ސިއްހީ ބައެއް ފައިދާތަކަށް ބަލާލަމާ ހިނގާށެވެ. އެލޯވޭރާ އަކީ އޭގެން ގިނަ ބޭނުންތަކެއް ކޮށް އުޅޭ ގަހެކެވެ. އެލޯވޭރާގެ 99.5 އިންސައްތަ އަކީ ފެނެވެ. އެލޯވޭރާ އަކީ ފަސޭހައިން ހެދޭ ގަހެކެވެ. އަވިދޭ ތަންތަނުގައި ވެސް ހިޔާގަނޑުތަކުގައި ވެސް އެލޯވޭރާ ވަރަށް ފަސޭހައިން ހެދެއެވެ. އެލޯވޭރާގައި އިންސާނާގެ ހަށިގަނޑަށް ފައިދާ ކުރުވާ 75 ތަފާތު މާއްދާ އެކުލެވިގެންވެއެވެ އޭގެ ތެރޭގައި ވިޓަމިންސް، މިނެރަލްސް، ޝުގާރ އަދި އެންޒީމްސް ހިމެނެއެވެ.

މި ގަހަކީ މީގެ 6000 ކުރިން މިސްރުގެ ރައްޔިތުން ހޯދި ގަހެއް ކަމަށް ބުނެވެއެވެ. މި ގަސް ގިނަ ފަހަރަށް އެމީހުން ބޭނުން ކުރަމުން އައީ ސިއްހީ ބޭނުންތަކަށެވެ. އެގޮތުން އެލޯވޭރާ ބޭނުން ކުރުމުން ހަށިގަނޑުގައި ހެދޭ ފާރުގަނޑުތައް ވަރަށް އަވަހަށް ފަސޭހަ ވެގެން ދެއެވެ. އަދި ހަމުގެ މައްސަލަ ތަކަށް ވެސް އެލޯވޭރާ އަކީ ރަނގަޅު ފަރުވާ އެކެވެ. ނޭވާ ހިއްލާ ފަރާތްތަކަށް ވެސް އެލޯވޭރާ އަކީ މުހިއްމު އެއްޗެކެވެ. ހަމަ އެހެންމެ ހަކުރު ބަލި ހުންނަ މީހުންނަށް ވެސް އެލޯވޭރާ ވަރެއް ހަމަ ނެތެވެ.

އެލޯވޭރާ ބޭހެއްގެ ގޮތުގައި ބޭނުން ކުރަނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ އެނގުމަށްޓަކައި އެލޯވޭރާ ފަތުގެ ތެރޭގައި ހުންނަ "ޖެލް" އެނގެން ޖެހެއެވެ. ބޭހެއްގެ ގޮތުގައި ބޭނުން ކުރަނީ އެ ޖެލް އެވެ.

އަދިވެސް ތިޔަ އިންތިޒާރު ކުރަނީ ދޮންކޭލާއި އެލޯވޭރާގެ ގުޅުމަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބު ހޯދަން ދޯއެވެ. މި ސުވާލުގެ ޖަވާބު ވަރަށްވެސް ފަސޭހައެވެ. އަލަށް އެލޯވޭރާ ގަހެއް ހައްދަން ބޭނުން ނަމަ ބޭނުން ކުރަން ވީ ދޮންކޭލެކެވެ. އެލޯވޭރާގައި އައު ފަތެއް ނުފަޅާނެއެވެ. އެހެންކަމުން އެލޯވޭރާއިން ފަތް ކެނޑުމުގައި ވަރަށް ސަމާލުވާން ޖެހޭނެއެވެ. އެލޯވޭރާގައި ހެެދޭނީ އެއް ފަތްތަކެކެވެ.

އެލޯވޭރާ ގަހެއް އަލަށް ހައްދަން ބޭނުންނަމަ ދޮންކެޔޮ ވަކެއް ހޯދާށެވެ. އަދި ދޮންކެޔޮ ވަކުގެ ތޮށިގަނޑު ނޮޅާލާށެވެ. އެއަށްފަހު ދޮންކޭލުގެ މެދެއްހާ ހިސާބުން ތަންކޮޅެއް ވަޅިން ކަނޑާލާށެވެ. ކުޑަކުޑަ ގޮޅިއެއް ގޮތަށެވެ. އެއަށްފަހު އަލަށް ހައްދާ ކުޑަ އެލޯވޭރާ ގަސް އޭގެ ތެރޭގައި އިންދާށެވެ. ގަސް އިންދުމަށްފަހު މަދުވެގެން 1 ދުވަސް ވަންދެން ބައިންދާށެވެ. އޭރުން ދޮންކޭލުގެ ކުލަ އޮންނާނީ ލަކުޑި ކުލައަށް ބަދަލުވެފައެވެ. އެހެން ނަމަވެސް އެލޯވޭރާ ގަސް ނަގައި ބަލާލާއިރު އޭގައި އިތުރު މޫ ތަކެއް ފަޅާފައިވާ ކަން ފާހަގަ ވެގެން ދާނެއެވެ.

އެހިސާބުން އަވަހަށް އެލޯވޭރާ ގަސް ރީތި ކަޅު ވެއްޔާއި ގަސްކާނާ އެއްކޮށްފައި އިންދާށެވެ. ދެން އެލޯވޭރާ ގަސް ރީއްޗަށް ހެދޭތަން ބަލަމުން ދާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!