އެހެން ގައުމުތަކުގެ މީހުން އުމްރާއަށް ދިއުމަށް ފުރުސަތު ހުޅުވާލައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާގެ އަޅުކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ސައުދީން ހުޅުވާލައިފިއެވެ.
އުމްރާއަށް ހުޅުވާލުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން އާންމުކޮށް އުމްރާ އަށް ދިނުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް އުމްރާ ވުމަށް ސައުދީއަށް ދެވޭނީ ވަކި އުމުރެއްގެ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން އުމްރާ އަށް ދާ ފަރާތްތަކަކީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހޭނެ ކަމުގައި ސައުދީން ހާމަކުރެއެވެ.
އުމްރާއަށް ދާ ފަރާތްތަކުން 72 ގަށިއިރު ނުވާ ކޮވިޑް-19 ނައްސި ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭއިރު ތިން ދުވަސް ކަރަންޓީނު ވާން ޖެހޭނެއެވެ.
ސައުދީގެ ހައްޖާއި ބެހޭ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އުމްރާއަށް ހުޅުވާލާފައި ވަނީ ސައުދީ ސަރުކާރުން ކަނޑައަޅާ ވަކި ގައުމުތަކަށެވެ. އަދި މި ގައުމުތަކުން ވެސް އުމްރާއަށް ދެވޭނީ 50 އަށް ވުރެ ގިނަ މީހުން ނުވާ ގުރޫޕެއް ވާނަމައެވެ.
މީގެ އިތުރުން ވެސް އުމްރާއަށް ދާ ފަރާތްތަކުން މައްކާގެ ޙަރަމްފުޅާއި މަދީނާގެ ނަބަވީ މިސްކިތައް ވަނުމަށް ރިޒަވޭޝަން ހައްދަންޖެހޭނެ ކަމަށާއި ސައުދީން ފުރާނެ ތާރީހު ވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އުމްރާގެ އަޅުކަން މެދުކަނޑާލުމަށްފަހު ގައުމުން ބޭރު މުސްލިމުންނަށް އުމްރާ ވުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.