ވެންޓިލޭޓަރު މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއުކުރަން ލަފާ ދޭން ނިންމައިފި

ކޮވިޑް-19އާ ގުޅިގެން ހާލު ދެރަވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ޚިޔާނާތްތަކެއް ހެލްތު މިނިސްޓްރީން ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ މައްސަލައިގައި، ދައުވާ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އަލުން ރިވިއު ކުރުމަށް ޕީޖީ އޮފީހަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ދުބާއީ ކުންފުންޏަކާ ވެންޓިލޭޓަރުތައް ގަތުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީން 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ މިހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން ޖުޑީޝަރީ ކޮމިޓީން ވަނީ މިދިޔަ ބުދަ ދުވަހު ޕީޖީ ހުސައިން ޝަމީމްއާ ބައްދަލުކޮށް ސުވާލުކޮށްފައެވެ.
ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ދިޔަ މި ބައްދަލުވުމަށްފަހު މައްސަލަ ދިރާސާކުރުމަށް ފަހު ކޮމިޓީން ނެރުނު ރިޕޯޓުގައި ވަނީ ތިން ކަމެއް ހުށަހެޅުމަށް ނިންމާފައެވެ.
އެގޮތުން ފުލުހުން ފަދަ ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމަށާއި ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީ އިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމަށާއި މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް އެންގުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.