ސީ ޕްލޭން ޗާޓަރ ކުރީ މޯދީގެ ދަތުރުފުޅަކަށް - މޯލްޑިވިއަން
އިންޑިއާއިން ރާއްޖޭގެ ގައުމީ އެއާލައިންގެ ސީޕްލޭން އެއް ޗާޓަރު ކޮށްފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ދަތުރުފުޅަކަށް ކަމުގައި މޯލްޑިވިއަން އިން ބުނެފިއެވެ.
އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން މޯދީގެ ދަތުރުފުޅަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރު ކުރުމާއި ގުޅިގެން މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އިންޑިޔާގެ ޕްރައިމް މިނިސްޓަރ މޯދީގެ ދަތުރުފުޅަށް ޤައުމީ އެއަރލައިންގެ ސީޕްލޭންއެއް ޗާރޓަރ ކުރުމަކީ ދެގައުމުން އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމުގެ ރަމްޒެއް ކަމަށެވެ.
އިންޑިއާއިން ބޭނުންވެއްޖެނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗާރޓަރ ކުރެވޭނެ ކަން ފާހަގަ ކުރައްވައި ރިޒްވީ ވިދާޅުވީ ނަމަވެސް އިންޑިއާއިން އެކަމަށް ރާއްޖޭގެ ގައުމީ އެއާލައިން ހިޔާރު ކުރުމަކީ ދިވެހިންނަށް ލިބިގެންދިޔަ ޝަރަފަކާއި ފަހުރެއް ކަމަށެވެ.
"މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން އެތައްތަނަކުން އިތުރުވެ ވިޔަފާރީގެ ދާއިރާއިން ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓް ފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަޤީންކަން ލިބުމަކީ ވައިގެ އުދުހުންތައް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރު ފަހި ކަމެއް ލިބިގެންދާނެ ކަމެއް، މިފުރުސަތުގެ ބޭނުން ވީހާ ވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން" ރިޒްވީ ވިދާޅުވިއެވެ.
މީގެ އިތުރުން ރިޒްވީ ވިދާޅުވީ ސްޕައިސްޖެޓުގެ މި ދަތުރުގެ އިތުރުން ވެސް އިންޑިޔާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާ ނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ،
މޯދީގެ މި ދަތުރުފުޅާއި ގުޅިގެން ދިވެހިރާއްޖެ އިންޑިޔާގެ ގުޅުން ބަދަހިވުމުގެ އިތުރަށް ދިވެހިރާއްޖޭގެ މާސިންގާ ކަނޑުތަކުން ދިވެހިން ހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިޙްތިރާމު ކުރާ އަދި ބަލައިގަންނަ ކަމެއްކަން ހާމަވެގެންދާ ކަން ރިޒްވީ ފާހަގަކުރެއްވިއެވެ.
ރިޒްވީ ވަނީ މިކަމުގައި މޯލްޑިވިއަން ގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ޝުކުރު އަދާ ކޮށްފައެވެ.