ކްރިމިނަލް ކޯޓުގެ ބަންދު މަޖިލިސް ބާއްވާގޮތް ބަލަނީ

ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންގެ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ބާއްވާ ޝަރީއަތުގެ މަޖިލީސްތައް ހިނގާ ގޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި ދިރާސާ ކުރަން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓުން ބާއްވާ މަޖިލިސް ތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުސޫލު ވެސް ބަލަން ނިންމާފައިވާ ކަމަށާއި ތާވަލު ކުރެވިފައިވާ ބަންދު މަޖިލިސް ތަކަށް ފަނޑިޔާރަށް ހާޒިރު ނުވެވޭ ހާލަތުގައި ދެން އަމަލު ކުރަމުންދާ އުސޫލު ވެސް ބަލަން ނިންމާފައިވާ ކަމަށެވެ.
ބަންދާ މެދު ގޮތް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލު ކުރުމުގައި އަމަލުކުރާ ގޮތުގެ އުސޫލާ ގުޅޭ މައުލޫމާތު ހޯދައި ދިރާސާ ކުރުމަށް މިއަދު ބޭއްވުނު ކޮމިޝަނުގެ 80 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.