ޚަބަރު

ޝިރުމީނާ ރަހީނުކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ރ. ކިނޮޅަސް، ލަގްޒަރީ ޝިރުމީނާ އަބޫބަކުރު (33އ.) މާލެއިން ރަހީނުކޮށް، އޭނާއަށް އަނިޔާކޮށް ބިރުދައްކާ، އޭނާ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޝިރުމީނާ ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ. ނަމަވެސް އޭގެ އަނެއް ދުވަހުގެ ހެނދުނު 8:45 ގައި އޭނާ އަމިއްލައަކަށް އެނބުރި ގެއަށް ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި ފުލުހުން ރޭގައި އިތުރަށް ވިދާޅުވެފައި ވަނީ، ޝިރުމީނާ އާއިމެދު އަނިޔާވެރި ޢަމަލުތަކެއް ހިންގާ، ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހުން ވިދާޅުވީ، ޝިރުމީނާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!