ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މެދުގައި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމުގެ ތުހުމަތު އަސްލަމަށް
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ދާއިރާތަކުގައި ތަފާތު ކުރުންތަކެއް ގެންގުޅުއްވާ ކަމުގެ ޝަކުވާކޮށް ހައުސިންގް އަދި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމަށް މިއަދު މަޖިލީހުގެ ޖަލްސާގައި ސުވާލު އަމާޒުވެއްޖެ އެވެ.
ބަޖެޓުގައި ނުހިމެނޭ ރ. ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހި 37.8 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށްފަހު ހަވާލު ކޮށްފައިވާތީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެއްޅުވި ސުވާލަށް ޖަވާބު ދެއްވަން އަސްލަމް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ފަހުން ސޮއިކުރެވުނު ދުވާފަރު މަޝްރޫއަކީ އާ މަޝްރޫއެއް ނޫން ކަމަށާއި ކުރިން އެއްބައި ނިމިފައިވާ މަޝްރޫއުތައް ވިދިގެން އަންނަ އަހަރު ކުރިއަށް ގެންދިއުމަކީ ސަރުކާރުތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
" ހިނގަހިނގާ އޮތް މަސައްކަތެއްގެ ކަމެއް އެ ހިނގަނީ. އާންމު އުސޫލުން ކޮންމެ މަސައްކަތެއްގައި އިތުރު ކުރެވޭ މިންވަރެއް އެއީ. ވަރަށް ގިނަ މަޝްރޫއުތައް މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ އެދުމާ އެއް ގޮތަށް ވަރަށް ގިނަ މަޝްރޫއުތަކުގެ މަސައްކަތް އިތުރު ކޮށްފައި އޮންނާނެ." އަސްލަމް ވިދާޅުވިއެވެ.
ނަމަވެސް، މިނިސްޓަރު ދެއްވި ޖަވާބު ބަލައިގަންނަން ދަތިކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
"މި ކަންކަމުން އެބަ ސާފުވޭ މީގައި ކަމެއް އުޅޭކަން. އަޅުގަނޑުގެ ވާހަކައަކީ ރެކިވަޑައިނުގަންނަވާށޭ އެގޮތަށް ދާއިރާތަކުގައި ޕްރޮޖެކްޓުތައް ގެންދަވައިފިއްޔާ ވަރަށް ބޮޑު އިމްބެލެންސް، ވަރަށް ބޮޑެތި މައްސަލަ އުފެދިގެން އަންނާނެއޭ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ބައެއް މެންބަރުން ވަނީ ބަޖެޓްގައި ނެތް ކަމެއް މަޝްރޫއެއްގެ ތެރެއަށް އިތުރު ކުރަން ނިންމުމުން އެކަމުގެ ކަމުގެ ޝަކުވާ އުފުލައިފައެވެ.