ޚަބަރު

ދެ ތުހުމަތެއްކޮށް ނަބީލް މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލްގެ މައްޗަށް ދެ ތުހުމަތެއްކޮށް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ނަބީލްގެ މައްޗަށް ކޮށްފައިވާ ދެ ތުހުމަތަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އަށް ލިބިފައިވާ ގާނޫނީ ބާރުތަކުގެ ތެރެއިން ހެދިފައިވާ ގައިޑްލައިނާ އެއްގޮތަށް މުޒާހަރާ ކުރުމަށް ހުއްދަ ދެވިފައިވަނިކޮށް ރޭ ބޮޑުތަކުރުފާނުމަގު ޕީޕީއެމް އޮފީސް ކުރިމަތީގައި ބަޔަކު އެއްވެ އެޗްޕީއޭގެ މިންގަނޑާއި ހިލާފުވެ، މުޒާހަރާކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމާއި އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތެވެ.

މިކަމާ ގުޅިގެން "ދެން" އާ ވާހަކަ ދައްކަވަމުން ނަބީލް ބުނީ ތިން އިރު ކާންދޭ ބޭހެއްހެން ވެސް ފުލުހަށް ގެންދެވިދާނެ ކަމަށެެވެ. އަދި އަތުގެ ކުޑަހުޅާ އިނގިލިތައްވެސް ބިންދާ ލެވިދާނެ ކަމަށެވެ. ނަމަވެސް އިންޝާﷲ އޭނާގެ އަޒުމެއް ނުގުޑާނެ ކަމަށާއި އުލު ބޭންދިޔަސް ރައީސް ޔާމީން މިނިވަން ނުކުރަނީސް ކުޑަވެސް ހިންދެމިލުމެއް ނެތް ކަމަށެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން އެއްވެސް ހަފްލާއެއް ބާއްވާފައި ނުވާ ހިނދު، ރޭ އިދިކޮޅުން ބޭއްވި “ބަޑި ބުރާސްފަތި”ޖަލްސާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއުއާއި އިދިކޮޅު ކޯލިޝަންގެ ބައެއް ކައުންސިލް މެމްބަރުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!