މަންމަ އެބުނީ ހަމަ ތެދެކެވެ.
މަންމަ އަބަދުވެސް ބުނާ ވާހަކައަކީ އެހީއަކަށް އެދިގެން އަންނަ މީހާ މާޔޫސްކޮށް ފޮނުވައި ނުލާށެވެ. އެހީއެއް ވެވެން ނެތް ނަމަ އެހީއެއް ވެވޭނެ މަގެއް ހޯދައިދޭށެއެވެ. އެ ވަރު ނުވާ ނަމަ ހިތްވަރުގެ ބަހަކުން ނަމަވެސް ހިތްވަރުދީ އެ މީހާ މާޔޫސްކޮށް ނުލާށެވެ.
ރަނގަޅު ހަރުދަނާ ވަޒީފާއެއް އަދާ ކުރަމުންދާ ، އަނބިދަރިންނާ އެކު ކުއްޔަށް ދިރިއުޅެމުންދާ ޒުވާނެކެވެ. ދިރިއުޅުމުގެ ހާލަތު ބިނާކުރަނީ ވަޒީފާއިން ލިބޭ މުސާރައިގެ މައްޗަށެވެ. މަހުގެ ފަހުކޮޅެވެ. އެއް ދުވަހަކު މި ޒުވާނާ އޭނާ ވަޒީފާ އަދާކުރާ އޮފީހުން ނުކުމެގެން ގެޔަށްދިޔަ މަގުމަތީ އަންހެނަކު ކިރުބޯ އުމުރުގެ ކުޑަކުއްޖެއް ގޮވައިގެން ސަލާންޖަހަން އިން މަންޒަރު ފެނުނެވެ. އެ ދެމައިން ތިބި ހާލު ފެނިފައި ޒުވާނާގެ ހިތަށް ވަރަށް ހިތްދަތި އަސަރުތަކެއް ކުރުވަން ފެށިއެވެ.
ޒުވާނާ ގޮސް އެ ދެމައިން ކައިރީ މަޑުކޮށްލައިފައި އެ އަންހެން މީހާއާ ވާހަކަ ދައްކަން ފެށިއެވެ.
ޒުވާނާ: އާއިލާގެ ބަޔަކު ވެސް ނުތިބޭތަ؟
އަންހެންމީހާ: ނޫން އާއިލާގެ މީހުން ވެސް އެބަތިބި، އެކަމަކު އެމީހުން ވެސް ތިބީ އެހެން މީހަކަށް އެހީއެއް ވެވޭނެ ހާލެއްގައި ނޫން ،އެމީހުންގެ ގާތަށް އެހީއެއް، ހޯދަން ގޮސް އެމީހުންގެ ފަރާތުން ލިބޭ ނުރުހުމުގެ ބަސްތަކަށް ވުރެން މިތާ މިހެން އިނދެ ނިމިގެން ދިއުން ވެސް މާ ހިތަށް ފަސޭހަ
ޒުވާނާ: ކޮންތާކު ދިރިއުޅެނީ؟ނިދާ ކައިބޮއި ހަދަނީ؟
އަންހެންމީހާ: ކުޑަ ކޮޓަރިގަނޑެއްގައި ،އެ ތަންކޮޅުގެ ކުލި ދެއްކޭނެ ގޮތެއް ނެތިގެން މިތާ ސަލާން ޖަހަނީ މަސް ނިމޭތީ
ޒުވާނާ އެ ވާހަކަ ތައް އަޑު އަހައިފައި 100ރ ދީފައި ގެއަށް ދިޔައެވެ.
މުޅި ދުވަސް ޒުވާނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ވާހަކަތަކެވެ. މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކުއްލިޔަކަށް ޒުވާނާއަށް ހޭލެވުނީ ފެނުނު ހުވަފެނަކުންނެވެ. ގޭ ކުއްލި ނުދެއްކިގެން މަގުމަތިވެގެން އުޅޭ ތަނެވެ. ޒުވާނާ ފެންފޮދެއް ބޯލުމަށް ފަހު އަނެއްކާ ވެސް ނިދޭތޯ އޮށޯވެލިއެވެ.
ޖެހިގެން އައި ދުވަހު ވެސް އެ ދެމައިން ހަމަ އެތާ ތިއްބެވެ. އެ ދެމައިން ފެނުމާ އެކު ކުއްލިޔަކަށް ޒުވާނާ ހަނދާނަށް އައީ ރޭގެ ހުވަފެނުގެ މަތިންނެވެ. ތަންކޮޅެއް ދުރުގައި ޒުވާނާ މަޑުކޮށްލުމަށް ފަހު ވިސްނައިލިއެވެ. މި ދެމައިންނަށް އެހީވާންވީއެވެ. އެކަމަކު މަސް ނިމެނީއެވެ. ގޭ ކުލި ވެސް ދައްކަންޖެހެއެވެ. މުސާރަ ޖަމާ ނުވަނީސް އަތްމަތި އެއްކޮށް ހުސްކޮށްލާނީ ވެސް ކިހިނެތް ހެއްޔެވެ؟ ދެ ފިކުރެއްގައި ހުރުމަށް ފަހު ޒުވާނާގެ ހަނދާނަށް އައީ އެ ޒުވާނާ ކުޑައިރު މަންމަ އަބަދުވެސް ބުނާ ވާހަކައެވެ. އެންމެފަހުން ﷲ ތަޢާލާއާ ވަކީލު ކޮށްލައިގެން އޭޓީއެމަކަށް ގޮސް ލާރި ނަގައިގެން އެ ދެމައިން ކައިރިއަށް އައިސް ޒުވާނާ ބުންޏެވެ.
ޒުވާނާ: ދައްތާ! އަންނަ މި ފައިސާގައި ހިފާ މީގެން ގޭގެ ކުލި ދައްކާލާ! މީ އަހަރެން ހެޔޮ ހިތުން ދައްތައަށް ދިން ހަދިޔާއެއް
އެ ދައްތަ ހިނިތުން ވަމުން އޭގައި ހިފާ ޒުވާނާއަށް ޝުކުރު އަދާކުރިއެވެ. ދެން ޒުވާނާ ގެއަށް ދާން މަޑުމަޑުން ކުރިޔަށް ހިނގައި ގަތްތަނާ އެ ދައްތަ ބުނާ އަޑު އިވުނެވެ.
" ހައްދަވާ ގެންގުޅުއްވާ ރިޒުޤް ދެއްވާ އިލާހް! އެ ޒުވާނާއަށް އިތުރުކޮށް ގިނަގުނަ ކޮށްދެއްވާ އުމުރުގައި ބަރަކާތް ލައްވާށި! "
ޒުވާނާ ގޮސް ގެއަށް ވަންނަން ފުރަތަމަ ނެގި ފިޔަވަޅާ އެކުހެން ފޯނަށް މެސެޖެއް އަތުވެއްޖެއެވެ. ބަލައިލި އިރު އޮފީހުގެ ބޮސްގެ މެސެޖެކެވެ. އޭގައި އޮތީ އޮފީހަށް އައުމަށް އެދިފައެވެ. ގެއަށް ނުވަދެ ޒުވާނާ އަވަހަށް ދިޔައީ އޮފީހަށެވެ. ގޮސް ބޮސްގެ ކެބިންއަށް ވަނުމުން ބޮސް ބުންޏެވެ.
“މަރްހަބާ! މިއަދު މި ކުންފުނީގެ ބޯޑުން ނިންމައިފި މަޤާމްގެ ކުރިއެރުން ދިނުމަށް, މި މަހުގެ މުސާރަ ޖަމާވާނީ އިތުރުވި ބަޔާ އެކު ، ދެން އެންމެ ރަނގަޅު ދިޔަސް”
ޒުވާނާއަށް ވަގުތުން އެ އަންހެންމީހާ ކުރި ދުޢާ ހަނދާންވިއެވެ. އަދި ހެއްދެވި ފަރާތަށް ހިތާއިހިތުން ޝުކުރު ކޮށްލެވުނެވެ. ތެދެކެވެ. މަންމަ އެ ބުނީ ހަމަ ތެދެކެވެ.