އާޚިރަތަށް ޓަކައި ކޮއްތު އުފުލައިދޭ މީހާއަށް މަރުޙަބާއެވެ.
ﷲ ތަޢާލާ އިންސާނުން ލައްވައިފައި ވަނީ އެކި ގިންތިތަކާއި އެކި މިންތިތަކުގައެވެ. ޢިއްޒަތްތެރީންނާއި ނިކަމެތީންނެވެ. އަމީރުންނާއި ފަޤީރުންނެވެ. މި ފަދަ ކޮންމެ ޙާލަކީ ވެސް އިމްތިހާނުކަމުގައި ނޫނީ ނުވެއެވެ.
ފަހެ ނިކަމެތިކަން ދެއްވައި އިންސާނުން އިމްތިހާން ކުރެއްވުމުގައި ނުހަނު ބޮޑު ބަދަލު ދެއްވުމެއް ވެއެވެ. އެ ކަމުގައި ކާމިޔާބު ޙާޞިލްކޮށްފި އަޅަކަށް އެ އިލާހުގެ ތަނަވަސް ފުއްސެވުމާއި ރުއްސެވުން ލިބިގެންވުމަކީ ނިކަމެތި ޙާލަތުގައިވާ އިންސާނާ ކެތްތެރިކަން އިޚްތިޔާރުކުރާން ހިތްވަރު ލިބިގަންނަންވީ ސަބަބެވެ.
ހަމަ އެފަދައިން މުއްސަނދިކަން ދެއްވައިފައިވާ މީހުން ވިސްނަންވީ ކަމަކީ އެއީ ވެސް އިމްތިހާންކަމެވެ. ތިމާގެ މޮޅު ކަމުން ލިބުނު މުއްސަނދިކަމެއް ނެތް ކަމެވެ. އެ މުއްސަނދިކަމުގައި ފަޤީރުންގެ ޙައްޤެއް ވެސް ވާކަމެވެ. ފަހެ އެކަން ދެނެގަނެ އެ މަގުން ޢަމަލުކުރި މީހަކަށް އޮތް ނިޢުމަތުގެ ބޮޑު ކަމާއެވެ.
ޢަލީ ބިން ޙަސަން ރަޙިމަހުﷲގެ ވިސްނުންފުޅަށް ފިކުރު ހިންގައިލައްވާށެވެ.
كـان علـي بن الحـسين رضي الله عنه:
إذا أتاه الـفقـيـر والسائــل استبشر وقـال :مرحبًا بمن يحمل زادي إلى الآخرة .
ޢަލީ ބިން ޙަސަން رحمه الله، އެކަލޭގެފާނުގެ އަރިހަށް ފަޤީރަކު ނުވަތަ ކަމަކަށް އެދި ސުވާލު ކުރާ މީހަކު އައިސްފި ނަމަ، އެކަމާ އުފާވެއެވެ. އަދި ވިދާޅުވާ ކަމުގައި ވިއެވެ. އާޚިރަތަށް ޓަކައި ތިމަންގެ ކޮއްތު އުފުލައިދޭ މީހާއަށް މަރުޙަބާއެވެ!."
صفةالصفوة (2/95)
ޢިބްރަތްތެރި ބަސްކޮޅެކެވެ. މީހަކަށް ވެދޭ ކުޑަ ނަމަވެސް އެހީއަކީ ޔަގީނުން ވެސް އާޚިރަތަށް ރައްކާ ކުރެވޭ ކޮއްތެކެވެ. ބިރުވެރި ނާމާން ޤިޔާމަތް ދުވަހުގައި ، ތިމާގެ ހެޔޮކަމުގެ ފަތް ބަރުވެގެން ދާނޭ ސަބަބެކެވެ. ކީރިތި ރަސޫލާގެ ޞައްޙަ ޙަދީޘް ބަސްފުޅުން އެނގޭ ގޮތުގައި ޞަދަޤާތަކީ ފެނުން އަލިފާން ނިއްވައިލާ ފަދައިން ތިމާގެ ފާފަތައް ފޮހެވިގެންދާ ކަމެކެވެ.
ފަހެ ، ވީ މިންވަރަކުން މީސްތަކުންނަށް އެހީވެ މީސްތަކުންނަށް ހެޔޮ ފޯރުވުމުގައި ދެމިހުންނަވާށެވެ. ކަމަކަށް އެދިގެން އަންނަ މީހާއީ ތިމާއަށް އޮތް ނަސީބެއް ކަމަށް ބަލައި އޭނާއަށް ހެޔޮކޮށް ހިތާށެވެ. ކަށަވަރުން ވެސް އޭނާ ، ތިބާއަށް އެ އުފުލައިދެނީ އާޚިރަތުގެ ކޮއްތެވެ.