ދީން

ތިމާގެ މަރަކީ ތިމާއަށް ނޫނީ އެހެން މީހުންނަށް އޮތް ރާޙަތެކެވެ.

ދެން އެމްވީ ، ދެން އޮންލައިން

ވަކި ދީނެއް ، ވަކި ނަސްލެއްގެ ފަރަގެއް ނެތި ، އެންމެންމެ އެއްބަސްވާ ކަމަކީ ކޮންމެ މީހަކާ ވެސް މަރު ބައްދަލު ކުރާނެ ކަމެވެ. ވަގުތީ މި ދުނިޔެއިން ކޮންމެ މީހަކު ވެސް ނިކުމެގެން ދާން ޖެހޭނެ ކަމެވެ. ހަމަކަށަވަރުން ކާމިޔާބުގެ އަހުލުވެރިންނަކީ ދުނިޔެއިން ފުރައިގެންދާ ދަތުރަށް ތައްޔާރުވެ އާޚިރަތުގެ މަގު އަލި ކުރާ މީހުންނެވެ.

Ads by Hajj Corporation

ދަންނާށެވެ. އެފަދަ މީހުންނަކީ މަރަށް ތައްޔާރުވާ މީހުންނެވެ. އެމީހުންގެ ކޮންމެ ޢަމަލެއް ، ކޮންމެ ބަހެއް ލިޔުއްވަމުން ގެންދަވާކަމާއި އެކަމުގެ ހިސާބުދޭން ޖެހޭކަމާ މެދު އެމީހުން ވިސްނައެވެ. މީހުންނަށް ހެޔޮ ފޯރުކޮށްދީ ، ކިތަންމެ ކުޑަ ކަމަކުން ނަމަވެސް އެމީހުންގެ ހެޔޮކަމުގެ ތިލަފަތަށް އިތުރުވާން އޮތް ކަމެއް ކުރެވޭތޯ އެމީހުން ބަލައެވެ. ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ކަންކަމަށް ކެތްތެރިވެ ، ﷲގެ ޙަޟްރަތުން މެނުވީ ވާގި އެދޭ ބަޔަކަށް އެމީހުން ނުވެއެވެ. އެފަދަ މީހުން މަރުވެ،ދުނިޔެއިން ވަކިވެގެން ދިޔުމަކީ އެމީހުންނަށް އޮތް ރާޙަތެކެވެ. އެމީހުންނަކީ ދިރިތިބީންގެ ދޫމަތިން ވެސް އެބަޔަކާ މެދު ރަނގަޅު ވާހަކަ ނޫނީ ނުދައްކާނެ ބައެކެވެ. ދަތި ، މި ކެހިވެރި ދުނިޔެއިން ނިކުމެގެން އެފަދަ އަހުލުވެރިން އެދަނީ ، ﷲ ތަޢާލާގެ ރަޙުމަތަށެވެ. އުފަލާއި ހިތްހަމަޖެހުން ނޫނީ ނެތް މަންޒިލަކަށެވެ.

މި ދެންނެވި މީހުންނާ ޚިލާފަށް ދުނިޔެ މަތީގައި ، ރައްބެއް ރަސޫލެއް ބެލުމެއް ނެތި ހިތުހުރިހައި ގޮތަކަށް އުޅެފައި ވަކިވެދާ މީހުންގެ ވަކިވެދިޔުމަކީ އެމީހުންނަށް އޮތް ރާޙަތެއް ކަމުގައި ނުވެއެވެ. އަދި ކިއެއްތަ، އެފަދަ މީހުންގެ ވަކިވެ ދިޔުމަކީ މުޖުތަމަޢުގެ އެހެނިހެން މީސްތަކުންނަށް ލިބިގެންދާ ރާޙަތެކެވެ. އެހެނީ އެ ފަދަ މީހުންގެ ވަކިވެދިޔުމުން ،މީހުންގެ މާލާއި މުދާ ރައްކާތެރިވެއެވެ. އަބުރު ކަތިލުމުންނާއި އަތްފައިގެ ނުބައިކަމުން ސަލާމަތްވެއެވެ. އެހެންކަމުން އެފަދަ މީހުންގެ ވަކިވެދިޔުމަކީ އެހެން މީހުންނަށް ލިބޭ ރާޙަތެކެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ.

عن أبي قتادة بن رِبْعِيٍّ الأنصاري -رضي الله عنه- أنه كان يحدث أن  رسول الله مُرَّ عليه بجنازة فقال: “مُستريح ومُستَراح منه”،  قالوا:  يارسول الله، ما المستريح والمستراح منه؟  قال: “العبد المؤمن يستريح  من أذى الدنيا ونصَبها  إلى رحمة الله عز وجل،  والعبد الفاجر  يستريح  منهالعباد والبلاد والشجر والدواب”

''ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޖަނާޒާއެއް ގެންދެވިއްޖެއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ރާހަތު ލިބިގެންވާ އަދި އޭނާގެ ކިބައިން ރާޙަތު ލިބެނިވި މީހެކެވެ. އެބޭކަލުން ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ. ރާހަތު ލިބިގެންވާ އަދި އޭނާގެ ކިބައިން ރާހަތު ލިބެނިވި މީހެކޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. މުއުމިން އަޅާ ދުނިޔޭގެ ވަރުބަލިކަމާއި އެތަނުގެ އުނދަގުލުން ﷲ ތަޢާލާގެ ރަޙުމަތުގެ ތެރެއަށް (ގޮސް) އަރާމު ކުރަނީއެވެ. އަދި ނުބައި އަޅާ ، އޭނާގެ ކިބައިން އަޅުތަކުންނާއި ރަށްރަށާއި ގަސްގަހާ ގެއްސާއި ޖަނަވާރުތައް އަރާމު ލިބިގަންނަނީއެވެ.''

އަޅަމެންގެ ޢަމަލުތައް ސީދާ ކުރަމާތޯއެވެ. އަހަރެމެންގެ މަރަކީ ލުއި ފަސޭހަ މަރަކަށް ވޭތޯ ހިންމަތް ކުރަމާ ހެއްޔެވެ؟ އަހަރެމެންގެ ވަކިވެދިޔުމަކީ އަހަރެމެންނަށް ލިބޭ ރާޙަތެއް ކަމަށް ހެދުމަށާއި ދިރިތިބީން ވެސް އަހަރެމެންނާ މެދު ހެޔޮ ބަސް ބުނާ ފަދަ ޢަމަލުތަކެއް ކުރެވޭތޯ ގަދަ އަޅާ މަސައްކަތް ކުރަމާ ހެއްޔެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!