ހިޔާ ފްލެޓު: އެކަނިވެރި މައިން/ބަފައިންގެ ބައިން ފްލެޓު ލިބޭ ލިސްޓު އާއްމުކޮށްފި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި "ހިޔާ ފްލެޓު" މަޝްރޫޢުގެ އެޗް6 ނުވަތަ އެކަނިވެރި މައިން/ބަފައިންގެ ކެޓަގަރީން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން މިއަދު އިޢުލާނުކޮށްފިއެވެ.
މިކެޓަގަރީގެ ފްލެޓަަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ.
މައްސަލަބަލާ ކޮމިޓީއިން މިއަދު ނެރެފައިވާ އިޢުލާނާއެކު އެޗް06 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެކު) ވަގުތީ ލިސްޓުތައް ވަނީ ޝާއިޢު ކޮށްފައެވެ. އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ހާމަ ކޮށްފައި ވެއެވެ.
މީގެއިތުރުން ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމުގައި ވެސް އެ ކޮމެޓީގެ އިޢުލާނުގައި ވެއެވެ.