ޚަބަރު

ހިޔާ ފްލެޓް: އެކަނިވެރި މައިންގެ ކެޓެގަރީން ވަނީ 77 ފްލެޓު މަދުކޮށްފައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހިންގި "ހިޔާ ފްލެޓު" މަޝްރޫޢުގެ އެޗް6 ނުވަތަ އެކަނިވެރި މައިން/ބަފައިންގެ ކެޓަގަރީން ދޭ ފްލެޓުގެ އަދަދު މަދުކޮށްފައިވާތީ އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

Ads by MWSC

މިކެޓަގަރީގެ ފްލެޓަަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ. އެގޮތުން މި ކެޓެގަރީއަށް ޝަރުތު ހަމަވާ ޖުމްލަ 1554 މީހުން ތިބިކަން ފާހަގަ ކޮށްލަންޖެހެއެވެ.

ހިޔާ ފްލެޓުން 500 ފްލެޓު އެކަނިވެރި މައިންނާއި ބަފައިންނަށް ދޭން ކުރީ ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު ނެރުނު ވަގުތީ ލިސްޓުގައި މި ކެޓެގަރީއަށް ހާއްސަކޮށްފައި އޮތީ 423 ފްލެޓެވެ.

"ހިޔާ" ފްލެޓްތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އާއްމު ކުރުމަށް މީސް މީޑިއާގައި ހިންގަމުން އަންނަ  "ކޮތަރު ކޮށި" ޕޭޖުން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޕޭޖުން ބުނި ގޮތުގައި 77 އެކަނިވެރި މައިންނާއި ބަފައިންގެ ހައްގަށް ވަޒީރު އަސްލަމް މިވަނީ އަރައިގަނެފައެވެ.

އަދި ވަޒީރު މިކުރައްވާ ކަންކަން ރައީސް ސޯލިހު ބައްލަވަންތޯ އެ ޕޭޖުން ވަނީ ސުވާލުކޮށްފައެވެ.

އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީން ދޭ ފްލެޓުގެ އަދަދު މަދުކުރި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް މީގެ ކުރިން އިއުލާން ކުރި ލިސްޓްތަކުގައި ވެސް ކުރިން ހަމަޖައްސާފައި ހުރި ވަރަށްވުރެ ފްލެޓްތަކުގެ އަދަދު އެކި ކެޓަގަރީތަކުން މަދުކޮށްފައި ވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!