ޚަބަރު

ހިނެއުން ރައްކާތެރިކަމަށް ހޮސްޕިޓަލުން ޖަމާޢަތްތެރިންނަށް އެންގި: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ނުހިނަވާ ތަޔައްމަމްކޮށްފައި މިއަދު ގދ.ތިނަދޫގައި ވަޅުލި މަޑަވެލީގެ 87 އަހަރުގެ މީހާ ހިނެއުން ރައްކާތެރިކަމަށް ޢަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ، ޖަމާޢަތްތެރިންނަށް އެންގި ކަމަށް ކޮވިޑް19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަބުދުލް ޢަޒީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ތިނަދޫގައި ހުންނަ ޢަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި ހަވާލާދީ މަބްރޫކް ވިދާޅުވީ ކަށުކަމާކެމީގެ ކަންކަން ކުރުމުގައި ރައްކާތެރިކަމަށް ޖަމާޢަތްތެރިންނަށް އެންގުމުގެ އިތުރުން ރައްކާތެރިކަމުގެ ކިޓް ވެސް ޖަމާޢަތްތެރިންނަށް ފޯރުކޮށްދިން ކަމަށެވެ. އަދި ނުހިނަވާ ، ތަޔައްމަމްކޮށްފައި ވަޅުލާން ނިންމި ނިންމުމަކީ ޖަމާޢަތްތެރީންގެ ނިންމުމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ހިނގައިދިޔަ މި ޙާދިޘާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް ޖަމާޢަތްތެރިންނަށް ވަނީ ރައްދުވެފައެވެ. ހަމަ އެހެންމެ ކަށުކަމާކެމީގެ ކަންތައް ދީނީގޮތުން އޮންނަ ގޮތް ވެސް ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފް ވަނީ ވިދާޅުވެދެއްވާފައެވެ.

ޑރ.ޢިޔާޟް ވިދާޅުވީ މައްޔިތާގެ ކަށުކަމާކެމީގެ ކަންތައް ކުރުމަކީ ދިރިތިބީންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި އެކަން ނުކޮށް ދޫކޮށްލައިފިނަމަ އެންމެން އެކަމުގައި ފާފަވެރިވާނެ ކަމަށެވެ. އަދި ކޮވިޑް19 ޖެހިފައިވާ މީހަކު ނިޔާވި ކަމުގައި ވިޔަސް ޖަނާޒާގެ އެންމެހައި ކަމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ޑރ.ޢިޔާޟް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި މީހާ ނުހިނަވާ ތަޔައްމަމް ކުރަން ޖަމާޢަތްތެރިން ނިންމީ އޭނާއަށް ކޮވިޑް19 ޖެހިފައި ހުރެދާނެ ކަމަށްބަލާފައެވެ. އެހެންނަމަވެސް މަރުވި މީހާއަކީ ނޭވާލާ ނިޒާމުގެ ބައްޔެއްގައި ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!