ޚަބަރު

އެމެރިކާ އިންތިހާބު: އެމެރިކާ ގިނަ ރައްޔިތުން ނިއުޒީލެންޑަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެފައި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނާލްޑް ޓްރަމްޕް އަށް ކާމިޔާބު ލިބިއްޖެނަމަ އެމެރިކާގެ އެތަކެއް ހާސް ބަޔަކު ނިއުޒީލެންޑަށް ދިރިއުޅުން ބަދަލުކުރުމަށް ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން 45 ހާހަށް ވުރެ ގިނަ އެމެރިކާގެ ރައްޔިތުން ވަނީ ނިއުޒީލެންޑުގެ އިމިގްރޭޝަން ވެބްސައިޓަށް ޒިޔާރަތްކޮށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ކަން ހާމަކޮށްފައެވެ.

އެގޮތުން މީގެ ތެރެއިން ގިނަ ބަޔަކު ޓްރަމްޕް އަލުން ވެރިކަމަށް ހޮވިއްޖެނަމަ ވާނެ ގޮތަކާއި ޓްރަމްޕްގެ އިތުރު ވެރިކަމެއްގައި ކޮވިޑް19 ގެ ބަލިމަޑުކަން އެމެރިކާގައި ކޮންޓްރޯލް ނުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

"ސްޓަފް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ މެންދުރު ފަހުން ފެށިގެން ނިއުޒީލެންޑުގެ އެކްސެންޓް ހެލްތް ރިކްރޫމެންޓަށް ވަނީ، ނިއުޒީލެންޑަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެމެރިކާގެ 200 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންގެ ފޯމު ލިބިފައެވެ. މިއީ މި ކުންފުންޏަށް އާންމުކޮށް ލިބޭ އެޕްލިކޭޝަންތަކުގެ ދެ ގުނަ އަދަދެކެވެ.

އެމެރިކާގެ އިންތިޚާބީ ޤަވާއިދުގެ މަތިން ރައީސް ކަމަށް ކުރިމަތި ލައްވާ ކެނޑިޑޭޓަކު ޖުމްލަ 270 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވަން ޖެހެއެވެ. މިހާތަނަށް އިޢުލާން ކޮށްފައިވާ ވޯޓްތަކުން ދައްކާގޮތުގައި ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ، 214 އިލެކްޓޯރަލް ވޯޓެވެ. އެންމެ ފަހުގެ ނަތީޖާތަކާއެކު ބައިޑަން އުޅުއްވަނީ 264 އިލެކްޓޯރަލް ވޯޓާއެކު ކުރީގައެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!