ދީން

މައިންބަފައިން ދުނިޔެ ދޫކޮށް ދިޔުމުން ، އެމީހުންނާ މެދު ހެޔޮކޮށް ހިތާނީ ކިހިނެއް؟

ދެން އެމްވީ

މައިންބަފައިން ވަކިވެ ދިޔުމަކީ ކޮންމެ މީހަކަށް ވެސް އެކަމުގެ ހިތާމަ އިންތިހާއަށް ކުރާނެ ކަމެކެވެ. ނަމަވެސް ދުނިޔޭގެ އުސޫލަކީ ނެތުމުގެ ތެރެއިން ދުނިޔެއަށް އަންނަ ބީދައިން ދުނިޔެއިން ވަކިވެގެން ދާން ޖެހުމެވެ.

މައިންބަފައިންނަކީ އެބަޔަކަށް އަހަރެމެން އެންމެ ބޮޑަށް އަޅާލުމާއި ލޯބި ދޭން ޖެހޭނެ މީހުންނެވެ. އަހަރެމެންގެ ރައްކަލަށާއި ދުޅަހެޔޮ ކަމަށް ދުނިޔޭގައި އެ އިއްޒަތްތެރި މައިންބަފައިން ކުރި ބުރަ މަސައްކަތަކީ އޭގެ އަގު އަދާ ކުރެވޭނެ ކަމެއް ނޫނެވެ. އަހަރެމެންގެ މައްޗަށް އޮތީ އެމީހުންނަށް ހެޔޮކޮށް ހިތުމެވެ. ''އުފް'' ވެސް ނުބުނުމެވެ. މައިންބަފައިންނަކީ އެހެން ދީނެއްގެ މީހެއް ނަމަވެސް ﷲއަށް އުރެދުމެއް ނުވާ ކަމެއްގައި ނަމަ އެމީހުންނަށް ކިޔަމަންތެރިކަން އަދާ ކުރުމެވެ.

އެ މައިންބަފައިންނަށް ދުނިޔޭގައި ހެޔޮކޮށް ހިތި ފަދައިން އެމީހުން ވަކިވެ ދިޔުމަށް ފަހު ވެސް އެމީހުންނާއި މެދު ހެޔޮކޮށް ހިތަން ޖެހެއެވެ. އެމީހުންނަށް ޓަކައި ހެޔޮ ދުޢާ ކޮށްދޭން ޖެހެއެވެ. ދަރީން މައިންބަފައިންގެ މައްޗަށް ކުރާ ހެޔޮ ދުޢާ އަކީ އެމީހުންނަށް އެކަމުގެ މަންފާ ލިބޭނެ ކަމެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މައިންބަފައިންގެ ދަރަޖަ އުފުލޭނެ ކަމެކެވެ.

އަބޫ އުސަޢީދު މާލިކު ބުނު ރަބީޢަތުއްސާޢިދީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ތިއްބާ، އެކަލޭގެފާނުގެ އަރިހަށް ބަނީ ސަލަމާގެ މީހަކު އައެވެ. އަދި އޭނާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމައާއި ބައްޕަ މަރުވުމަށްފަހު އެދެމީހުންނަށް ހެޔޮކޮށްހިތާނެ ގޮތެއް އެބައޮތްތޯއެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ. އެއީ އެދެމީހުންނަށްޓަކައި ހެޔޮދުޢާކުރުމާއި، އެދެމީހުންގެ ފާފަފުއްސެވުންއެދި ދެންނެވުމާއި، އެދެމީހުން ކޮށްފައިވާ ޢަހުދުތަކަށް އެދެމީހުން މަރުވުމަށްފަހުގައި ވެސް ވަފާތެރިވުމާއި، އެދެމީހުންނާއި ލައިގެން ނޫނީ ތިބާއަށް ނުގުޅޭނެ ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހި ކުރުމާއި، އެދެމީހުންގެ ރަޙްމަތްތެރިންނަށް މާތްކޮށް ހިތުމެވެ.

ހިނގައިދިޔަ އެހެން ޙާދިޘާއެއް ބަޔާންކޮށްފައިވެއެވެ.

ޢަބްދުﷲ ބުނު ދީނާރު – ރަޙިމަހުﷲ ، އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެއްފަހަރަކު އިބްނު އުމަރު رضي الله عنهما މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި އަޢުރާބީންގެ (އެބަހީ؛ ރަށްފުށުގެ އަހުލުވެރިންގެ) ތެރެއިން މީހަކާ ބައްދަލުވެ ވަޑައިގެންނެވިއެވެ.އެހިނދު އިބްނު ޢުމަރު رضي الله عنهما އޭނާއާ ސަލާމްކުރެއްވިއެވެ. އަދި އެކަލޭގެފާނު ސަވާރުވެވަޑައިގެން އިންނެވި ސަވާރީއަށް އެމީހާ ސަވާރުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި އޮތް ފަގުޑި ނަންގަވައި އެމީހާގެ ބޮލުގައި އެޅުއްވިއެވެ.އިބްނު ދީނާރު ވިދާޅުވިއެވެ. އަހަރެމެން ދެންނެވީމެވެ. ﷲ ކަލޭގެފާނު އިޞްލާހު ކުރައްވާށިއެވެ! އެބައިމީހުންނަކީ ރަށްފުށުގެ މީހުންނެވެ. އެބައިމީހުން އެއަށްވުރެ ލުއިގޮތަށް (އެބަހީ އެއަށްވުރެ އާދައިގެ ގޮތަކަށްވެސް) ރުހެއެވެ.

އެހިނދު އިބްނު ޢުމަރު ވިދާޅުވިއެވެ. ހަމަކަށަވަރުން މިމީހާގެ ބައްޕައަކީ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه ގެ ގާތް ރަޙްމަތްތެރި މީހެކެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނިކޮށް އަޑު އެހީމެވެ. إنَّ أبرَّ البِرِّ صِلَةُ الرَّجُلِ أهْلَ وُدِّ أبِيهِ މާނައީ؛ އެންމެ މޮޅު ބިއްރަކީ (އެބަހީ؛ މައިންބަފައިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މޮޅު ކަމަކީ) މީހާ އޭނާގެ ބައްޕަގެ ގާތްމީހުންނާ ގުޅުން ބަދަހި ކުރުމެވެ.

އެހެންކަމަށްވުމާއެކު މައިންބަފައިން ދުނިޔޭގައި ތިއްބެވި ނަމަ ، މިއަދު އެމީހުންނަށް ހެޔޮކޮށް ހިތާށެވެ. އޯގާތެރިވެ ލައްވާށެވެ. މަޑުމޮޅިކަމާއެކު ބަސް ބުނާށެވެ. މައިންބަފައިން ވަކިވެ ދިޔަނަމަވެސް އެމީހުންނަށް ފައިދާ ކުރަނިވި ޢަމަލު ކުރުންމަތީ އަހަރެމެން ދެމި ތިބެން ޖެހޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!