ދީން

ބަލިހާލުގައިވާ ތިބާގެ އަޚާއަށް ކެތްތެރިވުމަށް ވަޞިއްޔަތް ކުރާށެވެ.

ދެން އެމްވީ ، ދެން އޮންލައިން

ބަލިވުމުން ބަލިން ފަސޭހަވާނެ ކަމުގެ އިތުބާރު ހިތުގައި އޮތުމަކީ ބަލިން ފަސޭހަވުމަށް އެޅޭ ބާރެކެވެ. އެހެނީ ބަލިން ފަސޭހަވާނޭކަމުގެ އެއްވެސް އުއްމީދެއް ނެތި، މާޔޫސްވެފައިވާ ޙާލުގައި ފަރުވާ ހޯދާ ނަމަ އެފަރުވާގެ އެއްބައި މަދެވެ.

Ads by MWSC

ބަލިމީހުންގެ ހިތުގައި އިތުބާރު އުފެއްދުމަށް ޑޮކްޓަރުން މަސައްކަތްކުރެއެވެ. އިތުބާރު އުފެއްދުމަކީ ބަލި ފަސޭހަވުމުގެ އެއްސަބަބެވެ. ބަލިވުމުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭ މީހުންނަކީ އެމީހުންގެ އީމާންކަމާ މެދު އަލުން ވިސްނަން ޖެހިފައިވާ ބަޔެކެވެ.

ބަލިވުމަކީ ކުރިމަތިވާ އިމްތިޙާނެކެވެ. ކެތްތެރިކަމުގެ އަޖުރު ލިބިގަތުމަށް އިންސާނާ ހެއްދެވި ފަރާތުން އޭނާއަށް ދެއްވާ އަގުހުރި ފުރުޞަތެކެވެ. ބަލިމަޑުކަމާއި އެހެނިހެން މުޞީބާތްތައް މެދުވެރިވާނީ ޤަޞްދުކޮށްގެން އުޅުނު ގޮތާ ޚިލާފަށެވެ. އަދި އެދޭ އެދުންތަކާ ދެކޮޅަށެވެ. އެކަކަށް ވެސް މިދުނިޔެ ސާފުކަންމަތީގައި ނުވަތަ ބައްޔެއް ނުޖެހޭނެ އަމާންކަމެއްގައި ނުއޮންނާނެއެވެ. އެއީ ދުނިޔޭގެ ކިތަންމެ ބޮޑު މިންވަރެއް ޙާޞިލުކޮށްފައިވި މުއްސަންޖެއް ކަމަށް ވިޔަސް މެއެވެ.

ޒަމާންތައް ފާއިތުވާ ވަރަކަށް ނިޢުމަތާއި އިމްތިޙާނުތަކުގެ ދެމެދުގައި ބަދަލުވަމުން އިންސާނާ ކުރިއަށް ދެއެވެ.
ބައެއް މީހުން އެބައިމީހުންގެ ޙަޔާތުގެ ބޮޑުބައި ބަލި ޙާލުގައި ހޭދަކުރަން ޖެހެއެވެ. އަސާގަނޑެއްގެ އެހީގައި ހިނގަންޖެހެއެވެ. ނުވަތަ ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެ އިންނަން ޖެހިދެއެވެ. އަނެއްބައިމީހުންނަށް ކޮންމެ ކޮންމެ ކާއެއްޗެއް ނުކެވެއެވެ.

ބަލިވުމުން ތިމަންނާއަށް މިޙާލު ޖެއްސެވީ ކޮން ކުށެއް ކޮށްގެންހޭ ނުވަތަ އިބަ އިލާހަށް ކޮން އުރެދުމެއް އުރެދިގެންހޭ، އަހަރެންގެ ކުށަކީ ކޮބައިހޭ، ފަދަ ވިސްނުންތައް ސިކުނޑީގައި އެނބުރޭނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ހިތަށް އަރާނަމަ ނުވަތަ އެފަދަ ޢިބާރާތްތައް ދުލުން ބޭރުކުރާ ނަމަ މިންވަރަށް އީމާން ނުވެވެނީއެވެ.

މިދުނިޔޭގެ ޙަޔާތުގައި ގޯސްކޮށް އުޅުނު ކިތައް މީހުން، އެމީހުންނަށް ނުކުޅެދޭ ޙާލަތެއް މެދުވެރިވުމުން ﷲ އާ ގާތްވެ އެއިލާހަށް އަޅުކަންކޮށް އެ އިލާހު ހަނދުމަ ކުރުން މަތީ ދެމިތިބެ، މުޞީބާތްތަކަށް ކެތްތެރިވެ، ހެޔޮލަފާ ޞާލިޙު މީހެއްގެ ގޮތުގައި ނިމިގެން ގޮސްފައިވޭތޯއެވެ؟ އެހެންކަމަށްވާ ނަމަ، ބަލިވުމަކީ ތިބާއަށް އޮތް ދެރަކަމެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ސުވަރުގެ ލިބުމަށް މަގުފަހިވުމުގެ ސަބަބެކެވެ. އޭނާއަށް ރަނގަޅަކަށް ޓަކައި އަދި ހެވަކަށް ޓަކައި ﷲ މެދުވެރިކުރައްވާ އިމްތިޙާނެކެވެ. ފާސްވޭތޯއެވެ. މި އިމްތިޙާނުން ފާސްވުމަކީ ކެތްތެރިވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!