ރިޕޯޓް

މާލޭގެ މަގުތައް، ގަދަ ކަނޑެކޭ ތަފާތެއް ނެތް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގިނަ ބަޔަކު ދައްކާ އުޅޭ ވާހަކައެކެވެ. ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ގިނަ ބަޔަކު ޝަކުވާކޮށް އެއްޗެހި ކިޔަމުންދާ ކަމެކެވެ. ނަމަވެސް ހާލަތަކީ މިއީއެވެ. އާނއެކެވެ. ދައްކަން މިއުޅެނީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އުޅޭ ވެރިކަންކުރާ ރަށް މާލޭގެ މަގުތަކުގެ ވާހަކައެވެ. އެ މަގުތަކުގައި ދުއްވާއިރު ގަދަ ކަނޑެއްގައި ދުއްވުމެކޭ ތަފާތެއް ނެތޭ ގިނަ ބަޔަކު ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ.

Ads by Sosun Fihaara

މާލޭގައި ގައު އެތުރި ރައީސް މައުމޫންގެ ސަރުކާރުގައެވެ. މާލޭގެ މަގުތަކުގައި ގައު އެތުރުމުން މަގުތައް ވަރަށް ޗާލެވެ. މަގުތަކުގައި އަޑިގަނޑުތަކެއް ނުހުރެއެވެ. ގައުތައް ނެއްޓިފައެއް ނުހުރެއެވެ. އެހެން ނަމަވެސް ދުވަސްކޮޅުކޮޅުން މާލޭގެ ބައެއް މަގުތަކުން ގައު ނަގަން ޖެހޭ ފަހަރު ގިނަ ވާން ފެށީއެވެ. ޖަންކްޝަންގެ މައްސަލަތަކާއި ފެނުގެ މައްސަލަތަކާއި ކަރަންޓުގެ މައްސަލަތައް ފަދަ މައްސަލަތަކާހުރެ އެކަންތައްތައް މަޖުބޫރު ވީއެވެ. ގައުތައް ނަގާފައި ދެން އަތުރާއިރު އިހު ހުރި ގޮތަކަށް ނުއެތުރެއެވެ. ބައެއް ގާތަށް އުފުއްލިފައި ހުންނައިރު ބައެއް ތަންތަނުގައި ވަޅުގަނޑުގަނޑު ވެސް ހެދިފައި ހުރެއެވެ.

މާލޭގެ މަގެއްގައި ސައިކަލުގައި ދުއްވާފައި ދާއިރު ވެސް ސައިކަލު ބައެއް ފަހަރަށް މައިތިރި ނުވެގެން ވެސް އުޅެން ޖެހެއެވެ. ބައެއް މަގުތަކުގައި ސައިކަލު "ބެލެންސް" ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ވާނީ ވެސް އެހެންތާއެވެ. ހުންނަ ވަޅުގަނޑުތަކާއި އުފުއްލިފައި ހުންނަ ގާތަކުގެ ސަބަބުން، ސައިކަލު ވެސް ދަނީ ފުންމަމުން ފުންމަމުން ވިއްޔާއެވެ. ދާ ތާކަށް ދެވޭއިރު ބައެއް ފަހަރަށް ބޯ ވެސް އަނބުރާފައި ހުރެއެވެ. އެހާ ވެސް ސައިކަލު ތަޅުވާ ފަހަރު އާދެއެވެ.

ގަދަ ކަނޑެެއްގައި ދުއްވާއިިރު ބޮޑެތި ރާޅުގައި ޖެހޭހެން، ހިއްލިފައި ހުންނަ ގާތަކުގައި ޖެހި ސައިކަލު މަޑުވާ ފަހަރު ވެސް މަދެއް ނޫނެވެ. ސައިކަލަކީ އަދި ދެ ފުރޮޅުލީ އެއްޗެކެވެ. ކާރެއްގައި މާލޭގެ މަގެއްގެ މަތީގައި ދުއްވާލައިފިނަމަ އެމީހެއްގެ ގުދާރުން އަޑު ކިޔާނެ ކަން ގައިމެވެ. ޓެކްސީ ޑްރައިވަރުން ހިތްވަރު ގަދައޭ އަހަރެން ހިތަށް އަރައެވެ. ބައެއް މަގުތަކުން ކާރުގައި ދާއިރު، ދެ އަތަށް ކިރިލަކިރިލާ ވެސް އޮވެއެވެ. އެއް ފަރާތަށް އަރިއަޅާލާފައި އަނެއް ފަރާތަށް އަރި އަރިއަޅާލާނެއެވެ. ގަދަ ކަނޑެއްގައި ދުއްވާފައިދާ އިންޖީނުލީ ދޯންޏެކޭ އެއްފަދައެވެެ.

މާލޭގެ ބޭރު މަގުގައި ތާރު އެޅިފަހުން އެމަގުގައި ދުއްވާލަން ވަރަށް ހިތްފަސޭހައެވެ. ނަމަވެސް އެތަނުގައި ދުއްވާލުމަށްފަހު މާލޭގެ އަވަށް ތެރެއަށް ވަނުމުން ބޯ ފަޅައިގެން ދާވަރު ވެއެވެ. އެހާ ބާރު ބޮޑެވެ. އެހާ ވަޅުގަނޑުތައް ގިނައެވެ.

ހަަމަ ހަގީގަތުގައިވެސް އެންމެން ވެސް އެކައްޗެއް ކިޔާ މި ދައްކަނީ ތެދު ވާހަކައެކެވެ. މާލޭގެ މަގުތަކެކޭ ގަދަ ކަނޑެކޭ ތަފާތެއް ނެތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!