ދުނިޔެ

ބައިޑެންގެ ސަރުކާރު ހިންގުމަށް މުސްލިމުންނަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ވައުދުވެފައިވޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރައީސް ޑޮނަލްޑް ޓްރާމްޕާ ވާދަ ކުރައްވާ ، އިންތިހާބުގެ ނަތީޖާއިން ކުރި ހޯއްދަވަމުން އަންނަ ޖޯ ބައިޑަން، މުސްލިމުންނާއި ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ވާހަކަތައް ފެންމަތިވެއްޖެއެވެ.

Ads by WAMCO

އެގޮތުން އެމަނިކުފާނުގެ ސަތުކާރެއްގައި މުސްލިމުންނަށާއި އިސްލާމްދީނަށް ވެސް އިހްތިރާމުކޮށް، އެމަނިކުފާނުގެ ސަރުކާރު ހިންގުމަށް މުސްލިމުންނަށް ވެސް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ މިހާރު ހުރި ރައީސް ޓްރަމްޕަކީ މުސްލިމުންނާ ތަންކޮޅެއް ބީރައްޓެހި ބޭފުޅެއްކަން އެންމެންނަށް ވެސް ފާހަގަވެއެވެ. އެގޮތުން ޓްރަމްޕް ވަނީ އޭނާގެ ސަރުކާރު ހިންގުމަށާއި އެފަދަ އެއްވެސް އިސް މަގާމެއްގައި މުސްލިމުންނަށް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ކެމްޕޭނު ދުވަސްވަރުގައި ބައިޑެން ވިދާޅުވެފައި ވަނީ ޓްރަމްޕުގެ އެނިންމުން އަނބުރާ ގެންނަވާނެ ކަމަށާއި، އެމެރިކާގެ ރައީސް ކަމަށް އިންތިހާބު ވެއްޖެނަމަ މުސްލިމުންނަށް ވެސް އެމަނިކުފާނުގެ ސަރުކާރުގައި އިސް މަގާމުތަކުން ފުރުސަތު ލިބޭނެ ކަމަށެވެ.

ޓްރަމްޕް ގެ އިދާރާގައި ތަޢާރަފް ކޮށްފައިވާ "މުސްލިމް ބޭން" އުވާލާނެ ކަމަށް ވެސް ބައިޑެން ވިދާޅުވެފައިވެއެވެ.

"ރައީސް ކަމަށް އިންތިހާބު ވެވިއްޖެނަމަ، އެކަކު އަނެކަކަށް ހުންނަ ތިފަދަ ނަފްރަތު ފިލުވާލުމަށް މަސައްކަތް ކުރާނަން. އަދި އެންމެންނާމެދު ވެސް ހަމަހަމަ ކަމާއެކު ޢަމަލު ކުރެވޭތޯ ވެސް މަސައްކަތް ކުރާނަން. ވަކި ދީނަކަށް ވަކި ކުލައަކަށް ނުބަލާ، ކޮންމެ މީހަކަށް ވެސް ލިބިދޭން ޖެހޭ ޙައްޤު އެމީހަކަށް ލިއްބައިދޭނަން. މުސްލިމުންނަށާއި އިސްލާމްދީނަށް ވެސް އިހްތިރާމްކޮށް، ސަރުކާރު ހިންގުމުގެ މަތީ މަގާމުތަކުން އެމީހުންނަށް ވެސް ފުރުސަތު ދޭނަން" ބައިޑެން ވިދާޅުވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!