މަންމާއެވެ! އަހަރެންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެއެވެ.
ކޮންމެ މައެއް ވެސް ދަރިން ހޯދަނީ ނުހަނު ލޯބިން ބަލާ ބޮޑުކުރުމުގެ ހެޔޮ ނިޔަތުގައެވެ. އަދި އުފާވެރި އެތައް ހުވަފެންތަކެއް ވެސް ދެކެމުންނެވެ. ވީއިރު ކޮންމެ މައެއްވެސް އެމައެއްގެ ދަރިންނަށް ދޭން ބޭނުންވާނެ ތަރުބިއްޔަތަކީ އެހެންމީހުން އެމައިންގެ ދަރިންގެ ތަރުބިއްޔަތުން ނަމޫނާ ހޯދަން ބޭނުންވާނެ ފަދަ ތަރުބިއްޔަތެއްކަން ގައިމެވެ. މިއީ އެފަދަ މައެއްގެ ލޯބިވާ ދަރިފުޅުގެ އަތުން ހެދުނު ގޯހެއްގެ ސަބަބުން މުޅި ދިރިއުޅުން ބަދަކުވި ގޮތުގެ ވާހަކައެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް ނުހަނު ލޯބިން ގެންގުޅުނު ދަރިފުޅެވެ. ކޮންމެ ދުވަހަކު ސުކޫލަށް ފޮނުވުމުގެ ކުރިން އެދަރިފުޅު ހިތްހަމަޖެހޭ ކާނާއެއް ކާން ދިނުމަށް ފަހު ހެނދުނުގެ ނާސްތާ ނުދީ ސުކޫލަށް ފޮނުވާފައިވާ ދުވަހެއް އެމަންމަގެ ހަނދާނަކަށް ނާދެއެވެ. ބޭނުންވި އެއްޗެއް ހޯދައިދީ، އަދި ބުނިހާ ކަމެއް އެދަރިފުޅަށް ކޮށްދެމުން އައީ ހަމަ އެ އެކަނި މައިއެކަނި މަންމައެވެ.
ހެދިބޮޑުވަމުން އައި ދަރިފުޅުގެ ތަރުބިއްޔަތުގައި އެއްވެސް އުނިކަމެއް ނުވާނޭ ފަދައިން ކަންތައް ކުރެވޭތޯ އެމަންމަ ދިޔައީ ޖާނުން ފިދާވަމުންނެވެ. ދެން ކޮންމެއަކަސް އެދަރިފުޅުގެ ތަޢުލީމީ ޙަޔާތުގެ ފުރަތަމަ މަރުހަލާ ނިމުމަކަށް އައިސްފިއެވެ. ދަރިފުޅު އެހިސާބުން އެދުނީ މާލެއަށް ދިއުމަށެވެ. އިތުރު ތަޢުލީމު ހާސލު ކުރުމަށެވެ. އެމަންމަ ކިތަންމެ ދެރަވި ނަމަވެސް ދަރިފުޅުގެ އެ އެދުން ވެސް އެންމެ ފަހުން ފުއްދައިދިނީއެވެ.
ދަރިފުޅު މާލެ އައުމާއިއެކު އުޅެމުން ދިޔައީ ކުދިން ބަހައްޓާ ގެއެއްގައެވެ. އެހެން ނަމަވެސް ދަރިފުޅުގެ އުޅުމަށް ބަދަލުތަކެއް އަންނަން ފަށައިފިކަން އެދަރިފުޅުގެ މަންމައަށް ފާހަގަވާން ފެށީއެވެ. މަންމައަށް ނުގުޅާ ހަފްތާއެއް ވެގެން ދިޔަކަމުގައި ވީނަމަވެސް މަންމައަށް ގުޅާކަށް އެދަރިފުޅު ހަނދާނެއް ނުވެއެވެ. އެމަންމަގެ ހިތް އެދަރިފުޅު ދެކިލުމަށް ތެޅިފޮޅޭވަރު އެދަރިފުޅަށް އިހުސާސް ނުކުރެވެނީތާއެވެ.
ދަރިފުޅު މާލެ އާދެވުމާއެކު ދިމާވި ރައްޓެހިންގެ ސަބަބުން އެދަރިފުޅު އެންމެ ފަހުން ފެށީ މަސްތުވާތަކެތި ބޭނުން ކުރާށެވެ. އެންމެ ފަހަރަކު ވެސް އެ ނިކަމެތި މަންމާގެ މަތިން ހަނދުމަ ކޮށްލި ނަމަ އެވަރުގެ ކަމެއް ކުރަން ހިތަށް ގެންނަ ހިސާބުން ވެސް ބިރު ގަންނާނެކަން ގައިމެވެ. އެހެން ނަމަވެސް އެއްވެސް ޖެހިލުމެއް ނެތި އެފަދަ ބޮޑު ކަމަކަށް އެދަރިފުޅު އެރީ މަންމައަށް ޓަކައި ހިތުގައި އެއްވެސް ކުލުނެއް ނެތީމަތާއެވެ.
އެދަރިފުޅުގެ ޚަބަރެއް ނުލިބިފައިވީ މަންމައަށް ލިބުނު ޚަބަރަކީ އެދަރިފުޅު މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެކުމުގެ ދަށަށް ގެންދެވުނު ޚަބަރެވެ. އެމަންމަގެ ހިތަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ ފަހެ އެމަންމަގެ ތަރުބިއްޔަތުގައި އުނިވީ ކޮން ކަމެއް ހެއްޔެވެ؟ ދިރިއުޅުމުގައި ބައްޕަ ނެތް ނަމަވެސް ދުވަހަކު ވެސް އެދަރިފުޅަށް ބައްޕަގެ އުނިކަން ފާހަގަކޮށްދީފައެއް ނުވާނެއެވެ. އެ ނިކަމެތި މަންމަގެ ލޯތްބާއި އަޅާލުމުގެ ބަދަލު ދޭންޖެހޭނެ ގޮތަކީ މިއީ ހެއްޔެވެ؟
މަންމަ ވެސް އެކަނިވެރިވީއެވެ. މަންމައަށް އެހީވެދޭނެ ވަކި އެހެން މީހެއް ވެސް ހުރީއެއް ނޫނެވެ. ދަރިފުޅު އަމިއްލައަށް ނިންމި ނިންމުމެއްގެ ސަބަބުން އެދަރިފުޅުގެ ޙަޔާތް ވެސް ބަރުބާދު ވީއެވެ. އަދި މަންމަ ވެސް އެކަނިވެރި ވީއެވެ. އުފާވެރިކަން ގެއްލުނީއެވެ. މަންމަގެ ހުވަފެންތައް ފުނޑުފުނޑު ވީއެވެ.