ޓްރަމްޕް ، ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލުމާއެކު، ބެއިޑެން ރައީސް ކަމަށް އިންތިހާބު ވުމާ ގާތަށް
އެމެރިކާގެ ރިޔާސީ އިންތިހާބުގައި މަކަރު ހަދާ އޮޅުވާލާކަމަށް ބުނެ ތިން ސްޓޭޓެއްގެ ވޯޓު ގުނުން ހުއްޓުވުމަށް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމާއެކު އިންތިހާބު ކާމިޔާބު ކުރުމާ ގާތަށް ޖޯއެ ބައިޑެން ޖެހިލައިފިއެވެ.
ޓްރަމްޕް ވަނީ އިންތިހާބުގައި މަކަަރު ހަދާ ކަމަށާއި އޭނާ މޮޅުވެއްޖެކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް އިންޒާރުދީފައެވެ. ކޯޓަށް މައްސަލަ ހުށަހަޅާނެކަމުގެ އިންޒާރު ޓްރަމްޕް ދިނުމާ ގުޅިގެން އޭނާގެ ކޭމްޕޭނުން ވަނީ ސްވިންގް ސްޓޭޓެއް ކަމަށްވާ މިޝިގަންގެ ވޯޓު ގުނުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދިފަ އެވެ. މީގެއިތުރުން ސްވިންގް އެހެން ދެ ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވުމުގެ އަމުރަކަށާއި ވިސްކޮންސިންގެ ވޯޓު އަލުން ގުނުމުގެ އަމުރަކަށް އެދުމަށް ވެސް ޓްރަމްޕުގެ ކޭމްޕުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ރިޔާސީ އިންތިހާބުގެ އިލެކްޓޮރަލް ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި އަދިވެސް އެންމެ ކުރީގައި އުޅެނީ ޑިމޮކްރެޓް ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބެއިޑަން އެވެ.
އެމެރިކާގެ އިންތިޚާބީ ޤަވާއިދުގެ މަތިން ރައީސް ކަމަށް ކުރިމަތި ލައްވާ ކެނޑިޑޭޓަކު ޖުމްލަ 270 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވަން ޖެހެއެވެ. މިހާތަނަށް އިޢުލާން ކޮށްފައިވާ ވޯޓްތަކުން ދައްކާ ގޮތުގައި ޓްރަންޕަށް ލިބިވަޑައިގެންފައި ވަނީ، 214 އިލެކްޓޯރަލް ވޯޓް އެވެ.
ނަމަވެސް ޓްރަންޕް ކުރިން ވިދާޅުވި ގޮތުގައި ވޯޓު ގުނުން ހުއްޓުވިއްޖެ ނަމަ އޭނާ އަށް ޕެލްސިލްވޭނިޔާ (20 އިލެކްޓޯރަލް ވޯޓް)، ޖޯޖިޔާ (16 އިލެކްޓޯރަލް ވޯޓް)، ނޯތް ކެރޮލައިނާ (15 އިލެކްޓޯރަލް ވޯޓް) އަދި މިޝިގަން (16 އިލެކްޓޯރަލް ވޯޓް) އާއެކު ޓްރަންޕަށް 281 އިލެކްޓޯރަލް ވޯޓް ލިބޭނެއެވެ. ޓްރަންޕް މިގޮތަށް ބުނެ ޓްވީޓް ކުރެއްވި ނަމަވެސް މިޝިގަންގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ބެއިޑެންއެވެ. އަދި އެހެން ސްޓޭޓް ތަކުގެ ވޯޓު ގުނައި ނުނިމެއެވެ.
ނަމަވެސް ކޯޓުން މައްސަލަ ބޭރުކޮށްލުމުން މިހާރު މިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެންމެ ފަހުގެ ނަތީޖާތަކާ އެކު ބައިޑަން އުޅުއްވަނީ 264 އިލެކްޓޯރަލް ވޯޓއާއެކު ކުރީގައެވެ. އިންތިޚާބު ކާމިޔާބު ކުރަން އެމަނިކުފާނަށް ދެން ބޭނުން ވަނީ ހަ އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.