ޓްރަމްޕް ދޮގު ހައްދަވަން ފެށުމުން ޓީވީތަކުން ލައިވް ކަނޑާލައިފި
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްކި ވާހަކަފުޅެއްގައި ދޮގު މައުލޫމާތު އެކުލެވޭ ކަމަށް ބުނެ ބޮޑެތި ޓީވީ ޗެނަލްތަކުން ޓްރަމްޕްގެ ވާހަކައިގެ ލައިވް ބްރޯޑްކާސްޓިން މެދުކަނޑާލައިފިއެވެ.
ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ހުންނަވާ ދެއްވި ބަޔާނެއްގައި ޓްރަމްޕް ވަނީ އިންތިހާބާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީ އާއި މީޑިއާ އަދި ބައެއް ސްޓޭޓްތަކުގެ އިންތިހާބީ އޮފިޝަލުން ގުޅިގެން އުޅެނީ އޭނާއަށް ދެވަނަ ދައުރެއް ނުދޭން ކަމަށާއި ޕޯސްޓުން ފޮނުވާ ވޯޓުތަކުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ގިނަ ދޮގުތަކެއް ހަދާފައެވެ.
އަދި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބެއިޑަން އަށް އިންތިހާބު ކާމިޔާބު ކުރެވޭ ވަރަށް އިލެކްޓޯރަލް ވޯޓްސް ނުލިބޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ބޮޑެތި ޗެނަލްތައް ކަމަށްވާ އެމްއެސްއެންބީސީ، އޭބީސީ، ސީބީއެސް، ސީއެންބީސީ އަދި އެންބީސީ ފަދަ ޗެނަލްތަކުން ވަނީ ޓްރަމްޕްގެ ބަޔާނުގެ ލައިވް ބްރޯޑްކާސްޓު ވަގުތުން މެދުކަނޑާލާފައެވެ.
މިއީ ޓްރަމްޕްގެ ލައިވް ބްރޯޑްކާސްޓެއް މެދުކަނޑާލި ފުރަތަމަ ފަހަރު ނޫން ކަން ފާހަގަ ކޮށްލެވެއެވެ. މީގެ ކުރިން މި އަހަރުގެ މާޗް މަހު ޓްރަމްޕް ކޮވިޑް-19 އާ ގުޅިގެން ދެއްކި ހަގީގަތާއި ހިލާފު ވާހަކަތަކަކާ ގުޅިގެން ވެސް އޭނާގެ ލައިވްއެއް މެދުކަނޑާލާފައިވެއެވެ.
ގިނަ ޗެނަލް ތަކަކުން ވަނީ ޓްރަމްޕްގެ ބްރޯޑްކާސްޓު މެދުކަނޑާލުމަށް ފަހު ޓްރަމްޕް ދެއްކި ވާހަކައިގައި "ފެކްޓް ޗެކް" ކުރަން ޖެހޭ ނުވަތަ ހަގީގަތް ނޭނގޭ ފަދަ ތުހުމަތު ތަކެއް ހުރި ކަމަށް ބުނެފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް އިޢުލާން ކޮށްފައިވާ ވޯޓްތަކުން ދައްކާ ގޮތުގައި ޓްރަންޕަށް ލިބިވަޑައިގެންފައި ވަނީ، 214 އިލެކްޓޯރަލް ވޯޓް އެވެ. އަދި ބެއިޑަން އަށް 264 އިލެކްޓޯރަލް ވޯޓާއެކު ކުރީގައި އުޅުއްވާއިރު އިންތިޚާބު ކާމިޔާބު ކުރަން އެމަނިކުފާނަށް ދެން ބޭނުން ވަނީ ހަ އިލެކްޓޯރަލް ކޮލެޖް ވޯޓެވެ.
ޖޯޖިއާ ސްޓޭޓުގައި މިވަގުތު ބެއިޑަން ލީޑުގައި އޮތް އިރު އެ ސްޓޭޓް ކާމިޔާބު ކުރައްވައިފިނަމަ ބެއިޑަން އަށް އިންތިހާބު ކާމިޔާބު ވެގެން ދާނެއެވެ.