ރިޕޯޓް

ހެޔޮނުވާނެ، ހިނދުކޮޅަކަށް ވެސް ތިޔަ ފޯނުން އަތް ދޫކޮށްލަބަލަ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މަ މިވާހަކަ ދެއްކީމާ ކަލެއަށް މަވަރު ގޯސް މީހަކު ނުހުންނާނެއެވެ. އެކަމަކު ކަލޭ ހަތަރު ދަމު ފޯނާ ކުޅެން އިންނާތީ މަގޭ ބޮލަށް އުނދަގޫ ވެއެވެ. އެވަރުން ވެސް މަ ކަލެއާ ދިމާއަށް އެއްޗެކޭ ނުބުނަންވީ ދޯއެވެ. އެހެނެއް އެކަމެއް ނުވާނެއެވެ. ކަލޭ ތިޔަ ފޯނުން އަތް ދޫކޮށްނުލަނީސް މިވާހަކަ ދެއްކުން މަށެއް ހުއްޓައެއް ނުލާނަމެވެ.

Ads by Sosun Fihaara

އިހަކަށް ދުވަހު ވެސް ކަލޭ ގޮވައިގެން ސައިތައްޓެއް ބޯން ގޮސްފައި އަހަރެން އިނީ ފޫހިވެގެން ގޮސް ހަލާކުވާ ވަރު ވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ކަލޭގެ ކުރިމަތީގައި މީހަކު މަރާލިޔަސް ކަލޭ ތިޔަ ފޯނުން އަތް ދޫކޮށެއް ނުލާނެ ވިއްޔާއެވެ. އަހަރެން އެތާ އިނދެ ކަލެއަށް ތިން ހަތަރު ފަހަރު ގޮވި ފަހުން ނޫނީ ކަލެއަށް އަނގައިން ބުނަން ވެސް ނޭނގުނު ވިއްޔާއެެވެ. އަހަރެން ހީކުރީ ކަލޭ އަދި ވަރަށް މުހިންމު ކަމެއް ކުރަން އިނީ ކަމަށެވެ. ނަމަވެސް ބަލާލިއިރު މިއިނީ އަންހެން ކުއްޖަކަށް މެސެޖުކޮށް، ފޭސްބުކް ފީޑު ހާވާށެވެ.

އެވަރުން ވެސް ކަލޭ ދެކެ މަ ރުޅި އައީމާ ކަލެއަށް ގޯސްވީ މަށެވެ. އަބަދު ފޯނާ ކުޅެން އިންނަ ވާހަކަ ބުނީމާ ކަލެއަށް މަ ވީ މުސްކުޅިން ދައްކާ ކަހަލަ ވާހަކަ ދައްކާ މީހަކަށެވެ. ދޮންކަލޯ އެކަނި އިނދެ ވެސް ތިޔަ ފޯނާ ކުޅެވިދާނެއެވެ. އަހަރެމެން އެދުވަހު ބައްދަލުވީ އެތައް ދުވަހަކު ބައްދަލު ނުވެ ތިބެފައެވެ. އެކުވެރިކަން ބަދަހި ކޮށްލުމަށް ސައިތައްޓެއް ބޯލުމަށް ދިޔައީ ކޮވިޑްގެ ސަބަބުން ގޭ ބަންދުގައި ތިބެފައެވެ. އެވަރުން ވެސް ކަލޭ އިނީ ފޯނާ ކުޅޭށެވެ. ކަލޭ އެތަނަށް ގޮސް ފޯނާ ކުޅެން އިންނާނެކަން އެނގުނު ނަމަ އަހަރެން ސައި ބޯކަށް ނުދިޔައީމުހެވެ. މިހާރު ވީޑިއޯ ކޯލުން ވެސް އެކުވެރިކަން ބަދަހި ކުރެވޭކަން އަހަންނަށް ނުވިސްނުނީ އަހަރެންގެ މޮޔަ ކަމުންނެވެ.

ކަލޭ ކުރިން ރައްޓެހިވެގެން އުޅުނު މަންޖެ ކަލޭ ދޫކޮށްފައި ދިޔައީ ވެސް ކަލޭ މާގިނައިރު ފޯނާ ކުޅެން އިންނާތީކަން އަހަންނަށް އޮތީ އެނގިފައެވެ. ވާނީ ވެސް އެހެނެއް ނޫން ހެއްޔެވެ. އޭނާއާ އެކު ތާކަށް ކާން ގޮސްފައި ވެސް ކަލޭ އިނީ ފޯނުން ޕަބްޖީ ކުޅޭށެވެ. ލޯބިވެރިޔާ ލޯބިވާ ވާހަކަ ބުނުމުން ވެސް ކަލޭ ބުނީ، "އެނިމީސް އަހެޑް" އޭ ވިއްޔާއެވެ. އެވަރުން ވެސް އޭނާ ކަލޭ ދޫކޮށް ދިއުމުން ކަލެއަށް ގޯސްވީ އޭނާއެވެ. އެ ގޮއްޔެ ކަލެއަށް ވީ ވިޔާނުދާ ކުއްޖަކަށެވެ. ކަލެއަށް އުޅެވޭ ގޮތެއް ބަލަ ކަލެއަށް ނޭނގޭ ދޯއެވެ.

ގޭގައި ކާން އިންނައިރު ވެސް އެއް އަތުގައި ކަލޭގެ ފޯނު އޮންނަކަން އަަހަންނަށް އެނގެއެވެ. ކުރިން ދުވަހު އެކަމާ ކަލޭގެ ބައްޕަ ވެސް ކަލެއާ ދިމާއަށް ހަޅޭއް ލެވިއެވެ. އެކަމަކު ކަލޭ އިސްލާހު ވާނީ ކިހިނެއް ހެއްޔެވެ. ބައްޕަ ކައިރީ އިނދެގެން އެއްޗެހި ކީއިރު ވެސް ކަލެއަށް އެ އަޑުވެސް ނީވުނެވެ. ބައްޕަ އެއްޗެހި ކިޔާ ނިމުމުން، "ބައްޕާ ކީކޭ؟" އޭ ބުނީމާ އަޅެ ކަލޭ ބައްޕަގެ ކައިިރިއަށް އައި ރުޅި މަޑެއް ނޫން ހެއްޔެވެ. އާނ! ކަލެއަކަށް އަޑެއް ނީވޭނެތާއެވެ. ކަލޭ އިނީ ކަންފަތަށް "އިއާރ ޕޮޑެއް" ޖަހައިގެން ވިއްޔާއެވެ. އެ ޖަހައިގެން ކަލޭ އިންކަން ބައްޕައަށް ނޭނގުނީއެވެ. އެހެން ނޫނަސް މީހުން ކާ ގަޑީގައި އިއާޕޮޑް ޖަހާ ހެއްޔެވެ.

ފާހާނާއަށް ވެސް ކަލޭ ވަންނަނީ  ތިޔަ ފޯނު ހިފައިގެންނެވެ. ކުރިން ދުވަހުވެސް ކަލޭ ކުރިން ގެންގުޅުން ފޯނު ހަލާކުވިކަން އަހަންނަށް އެނގެއެވެ. ރަނގަޅަށް ސަބަބު ބަލާލިއިރު.، ފޯނު ހަލާކުވީ ފާހާނާ ތަށި ތެރެއަށް ވެއްޓިގެންނެވެ. މީ ދެން ދެލޯފުޅާ ބޮޑުވަރެއް ނޫން ހެއްޔެވެ/

ކަލޭ ކޮފީތަކަށް ގޮސްފައި އަބަދު ފޯނާ ކުޅެން އިންނާތީ ކަލޭގެ ގިނަ ރައްޓެހިންތަކެއް ކަލެއަށް ގެއްލިއްޖެކަން ވެސް އަހަރެން ދެނަހުރީމެވެ. ކަލޭ މިހާރު އެކަނި މާއެކަނި ކެފޭތަކުގައި އިންނަކަން އެނގެއެވެ. އެކަމަކު ކަލޭ އެކަމަކާ ދެރައެއް ވެސް ނުވެއެވެ. ކަލޭގެ އެންމެ ގާތް އެކުވެރިޔާ އަކީ ފޯނު ވިއްޔާއެވެ. ދެން ކަލެއަށް އެކަކު ނެތަސް ކޮން ކަމެއް ދޯއެވެ.

އެކުވެރިޔާއެވެ. ކަލޭ ބަލިވީމާ ކަލެއަށް އަޅާލާކަށް ކަލޭގެ ފޯނެއް ނާންނާނެއެވެ. ކަލޭ ކަމަކު ޖެހުނީމާ ކޮށްދޭކަށް ކަލޭގެ ފޯނެއް ނުހުންނާނެއެވެ. ކަލޭ ދެރަވީމާ ފޯނާ ވާހަކަ ދައްކައެއް ނުލެވޭނެއެވެ. އެކަންކަމުގައި ކަލޭގެ ގާތުގައި ހުންނާނީ ހުރިއްޔާ ވެސް ކަލޭގެ ގާތް ވަފާތެރި ރަހުމަތްތެރިއެކެވެ. ކަލޭ އެކަމާ ކުޑަކޮށް ނަމަވެސް ވިސްނާލިން ހެއްޔެވެ.

ކަލޭ ފޯނު ހިފައިގެން އިންނަ އިރު ކަލޭ އޭގެ ތެރެއަށް ވަންނަން އުޅޭހެން ވެސް ބައެއް ފަހަރަށް ހީވެއެވެ. އޭގެން ދިޔަ ފެލައިގެން ބޯން އުޅޭހެން ވެސް ބައެއް ފަހަރަށް ހީވެއެވެ. އެހާ ގިނައިން ކަލޭ ފޯނާ ކުޅެން އިނދެއެވެ.

މިތުރާއެވެ. ފޯނާ ނުކުޅޭށެކޭ އަހަންނެއް ނުބުނަމެވެ. ނުވެސް ބުނާނަމެވެ. ޒަމާނީ ޓެކްނޮލޮޖީ ތަރައްގީވެފައިވާ މި ދުނިޔޭގައި އެންމެވެސް ފޯނާ ކުޅޭނެއެވެ. މަވެސް ކަލޭ ވެސް ދެން ހުރި މީހާ ވެސް އެވެ. ނަމަވެސް އަބަދު ތިޔަހެން ފޯނުގެ މަސްތުގައި ޖެހި އާވާރާވެފައި ނީންނާށެވެ. ހެޔޮނުވާނެއެވެ. އާދޭސް ކޮށްފައި ބުނަމެވެ. ހިނދުކޮޅަކަށް ވިޔަސް ފޯނުން އަތް ދޫކޮށްލަބަލާށެވެ.

  1. ބޮޑުފެންވަޅުގޭ ސީދީ

    ސަޅި